23 ޖެނުއަރީ 2018 - 16:36

އެލަސްކާ (ޖެނުއަރީ 23) - އެމެރިކާގެ އެލަސްކާ ސްޓޭޓުގެ ކޮޑިއަކް އައިލެންޑަށް އައި 7.9 ގެ ބާރުމިނުގެ ބިންހެލުމާ ގުޅިގެން ސުނާމީއެއް އުފެދިދާނެ ކަމުގެ އިންޒާރު ދީފި އެވެ.
ބިންހެލުން އައިސްފައި ވަނީ ކޮޑިއެކް އައިލެންޑުގެ އިރު ދެކުނުން 250 ކިލޯ މީޓަރު ދުރަށެވެ. ނޭޝަނަލް ވެދަ ސާވިސް އިން މިހާރު ވަނީ އެލަސްކާގެ މޯބައިލް ފޯނުތަކަށް ސުނާމީ އިންޒާރުގެ މެސެޖް ދީފަ އެވެ. އަދި ރައްކާތެރި ކަމުގެ ގޮތުން އުސް ތަންތަނުގައި ތިބުމަށް އިންޒާރުގެ މެސެޖުގައިވެ އެވެ. ސުނާމީގެ އިންޒާރު ދީފައި ވަނީ އެލަސްކާގެ އިތުރުން ކެނެޑާގެ ބްރިޓިޝް ކޮލަމްބިއާ އަށެވެ. އެމެރިކާގެ ވެސްޓް ކޯސްޓަށް ވެސް ވަނީ ރައްކާތެރިވެ ތިބުމަށް އަންގައިފަ އެވެ.
ކޮޑިއެކް އޮފިޝަލުން ވަނީ ބިން ތިރި ހިސާބުތަކުގައި އުޅޭ މީހުން ވެސް އެ ތަންތަން ދޫކޮށް ދިއުމަށް އަންގައިފަ އެވެ. އަދި އާއްމުންނަށް އެންގުމުގެ ގޮތުން ވަނީ ސުނާމީ ސައިރެން އަޅައިފަ އެވެ.
ގިނަ ބަޔަކު ރައްކާތެރިކަމުގެ ތަންތަނަށް ދާއިރު ސްކޫލްތައް މިހާރު ވަނީ އާއްމުން ވަދެ ތިބުމަށް ހުޅުވާލައިފަ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ބިން ހެލުމަށް ފަހު 9.7 މީޓަރުގެ ރާޅު އުފެދިފައިވާ ކަމަށް ޑޭޓާތަކުން ދައްކަ އެވެ.