23 ޖެނުއަރީ 2018 - 16:58

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ރަށުން ބޭރުގައި ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބް އަތުން 1-0 އިން މިއަދު މޮޅުވެ ޓީސީ ސްޕޯޓްސް ކްލަބް މުބާރާތުގެ ޕްލޭއޮފް ބުރުގެ ޖާގައަކާ ގާތަށް ޖެހިލައިފި އެވެ.
މި މެޗުން ޓީސީ މޮޅުވުމުން އަންނަ ހަފްތާގައި މާލޭގައި ކުޅޭ ދެ ވަނަ ލެގުގެ މެޗު އެއްވަރުކޮށްލައިގެން ވެސް އެ ޓީމަށް ޕްލޭއޮފް ބުރުގެ ޖާގައެއް ހޯދޭނެ އެވެ. ޕްލޭއޮފް ބުރުގެ ޖާގައެއް ޓީސީ އަށް ލިބިއްޖެ ނަމަ އެ ޓީމު ކުޅޭނީ ބޫޓާނުގެ ޓްރާންސްޕޯޓް ޔުނައިޓެޑާއި އިންޑިއާގެ ބެންގަލޫރާ ކުޅެގެން މޮޅުވާ ޓީމަކާ އެވެ.
މިއީ 2015 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ޓީސީން އޭއެފްސީ ކަޕްގައި ކުޅުނު ފުރަތަމަ މެޗެވެ. އެހެން ނަމަވެސް އެ ޓީމު ވަނީ މިދިޔަ އަހަރު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕް ކާމިޔާބުކޮށްފަ އެވެ.
ޑާކާގެ ބަންގުބަންދު ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. އެހެން ނަމަވެސް މެޗު ފަށައިގެން ޓީސީން ކުޅެމުންދިޔަ އަވަސް ކުޅުމުގެ ސަބަބުން ކައުންޓަ އެޓޭކުގައި ސައިފަށް ނުރައްކާ ބޮޑުވި އެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 23 ވަނަ މިނިޓްގައި ޓީސީ އަށް ކާމިޔާބުކޮށްދިނީ ކިރިގިސްތާންގެ މިޑްފީލްޑަރު އަނަޓޯލީ ވަލްޝިޗޭވް އެވެ. ސައިފްގެ ހާފުގެ ތެރެއިން އިޝާން އިބްރާހިމް (ސައްޓު) ހުސްކޮށްލާފައި ވަލްޝިޗޭވް އަށް ދިން ބޯޅަ އޭނާ ވަނީ އޭރިއާ ތެރެއިން ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ޓީސީން ލީޑުނެގުމާ އެކު ސައިފް ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ރަނގަޅު ހަމަލާތަކެއް ވެސް ފޮނުވާލި އެވެ. މި ގޮތުން މެޗުގެ 31 ވަނަ މިނިޓްގައި މަސުކް މިއާ ފޮނުވާލި ބޯޅަ ގޯލާ ސީދާނުވެ ދިޔައިރު، އޭގެ ފަހުން ޓީސީގެ އޭރިއާތެރެއިން ލިބުނު ނުސީދާ ހިލޭ ޖެހުމަކުން، ސައިފަށް ކުޅޭ އިނގިރޭސި ފޯވާޑް ޗާލީ ޝެރިންހަމް ފޮނުވާލި ބޯޅަ ވަނީ ބްލޮކްވެފަ އެވެ.
މި ހާފްގައި ޓީސީގެ ބެލަރޫސް ކީޕަރު ޑިމިޓްރީ އަސްނިންގެ އަތަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ އަށް ދެ ފަހަރެއްގެ މަތިން ފަރުވާ ދޭން ޖެހުނެވެ. ނަތީޖާއަކަށްވީ އޭނާ އަށް މެޗު ކުރިއަށް ނުގެންދެވިގެން ދެ ވަނަ ހާފް ފެށުމުގެ ކުރިން ބަދަލު ކުރަން ޖެހުމުންނެވެ. އަސްނިންގެ ބަދަލުގައި ކުޅެން އަރައި ދެ ވަނަ ހާފުގައި ޓީސީގެ ގޯލު ބެލެހެއްޓި އިބްރާހިމް ނަދީމް ވަނީ ޖުމްލަ ގޮތެއްގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
ދެ ވަނަ ހާފުގައި ސައިފް ވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ގިނަ އެޓޭކްތަކެއް ކޮށްފަ އެވެ. އެ ޓީމުން ފޮނުވާލި ތިން ބޯޅައެއް ހުރަސް ދަނޑި އަށް ވެސް އަމާޒުވި އެވެ. މި ގޮތުން ސައިފަށް ކުޅޭ ކިންގްސްލީ ޗިގޯޒީ ފޮނުވާލި ދެ ބޯޅައެއް ހުރަސް ދަނޑިއަށް އަމާޒުވިއިރު، އެ ޓީމުގެ މުހައްމަދު އަބްދުﷲ ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ވެސް ހުރަސް ދަނޑިއެވެ.
މީގެ އިތުރުން ވެސް މި ހާފުގައި ސައިފްގެ ކުޅުންތެރިން ވަނީ ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެހެން ނަމަވެސް އެ ބޯޅަތައް ހުއްޓުވުމަށް ޓީސީގެ ޑިފެންޑަރުންނާއި ކީޕަރު ނަދީމް ރަނގަޅު ކުޅުމެއް ދެއްކި އެވެ.
މި ހާފުގައި ޓީސީގެ އެޓޭކުން މާ ރަނގަޅު ކުޅުމެއް ނުފެނެ އެވެ. ސައްޓު އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަށް ލިބޭ ބޯޅަތަކުގެ ބޭނުން އެ ކުޅުންތެރިންނަށް ނުހިފުނީ އެޓޭކުގައި ގިނަ ކުޅުންތެރިން ބައިވެރިނުވުމުގެ އިތުރުން ސައިފްގެ ޑިފެންޑަރުންގެ ފައުލު ގިނަވުމުންނެވެ.