23 ޖެނުއަރީ 2018 - 20:36

މި އަހަރު އެންމެ ތަފާތު އެއް ފިލްމަކަށް ވާނެ ކަމަށް ބެލެވޭ، އަބްދުﷲ މުއާޒް (މުއާ) އިއުލާނުކޮށްފައިވާ ފިލްމު "ލީނާ" ގެ ތަރިން އިއުލާނުކޮށްފި އެވެ.
މީގެ އަހަރުތަކެއް ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހާނަ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާ އަސްލަކަށް ބަލައިގެން އެންމެ ފުރަތަމަ ޑްރާމާއެއް ގޮތަށް ހަދަން ނިންމި އެ ވާހަކަ ފީޗާ ފިލްމަކަށް ހަދަން ނިންމާ "ލީނާ" ގެ ރޯލަށް މަރިޔަމް އައްޒަ ހަމަޖައްސައި އެކަން ވަނީ ކުރިން އިއުލާނުކޮށްފަ އެވެ.
ފިލްމުގެ އިތުރު ތަރިންގެ ގޮތުގައި މުއާ ހަމަޖައްސާފައިވަނީ އަލީ އާޒިމް (ދޮން އައްޔަ)، ނުޒުހަތު ޝުއައިބް (ނުޒޫ)، ޒީނަތު އައްބާސް، އަހްމަދު ސައީދު، އަދި މަރިޔަމް ހަލީމް އެވެ.
އަޒްލީނާގެ ގާތިލް ޒުހޭރުގެ ރޯލު ނުވަތަ ފިލްމުގައި ޒުހޫރުގެ ރޯލުން ފެނިގެންދާނެ ތަރިއެއް އަދި އިއުލާނެއް ނުކުރެ އެވެ. މުއާ ބުނީ މި މަހުގެ 25 ވަނަ ދުވަހު ފިލްމުގެ ޝޫޓިން އަށް ފުރާނެ ކަމަށާއި އެ ދުވަހު އެއީ ކޮން ތަރިއެއްކަން އިއުލާނު ކުރާނެ ކަމަށެވެ. އެ ރޯލަށް އެންމެ ފުރަތަމަ ހަމަޖެއްސީ އަހްމަދު އަޒްމީލް (އަޒޭ) އެވެ. ނަމަވެސް ފަހުން މުއާ ބުނީ ތަރިން ފައިނަލް ނުކުރާ ކަމަށާއި ފަހަރުގައި އަޒޭވެސް ފެނިދާނެ ކަމަށެވެ.
އއ. އުކުޅަހުގައި ޝޫޓްކުރާ އެ ފިލްމުގައި ދޮން އައްޔަ ކުޅޭނީ އައްޒަ ނުވަތަ ލީނާގެ ލޯބިވެރިޔާގެ ރޯލެވެ. އަދި އައްޒަގެ ބެސްޓްފްރެންޑްގެ ރޯލުން ނުޒޫ ފެންނަ އިރު މަރިޔަމް ހަލީމަކީ މަންމަ އެވެ. ޒުހޭރުގެ ލޯބިވެރިޔާގެ ގޮތުގައި ޒީނަތު ފެނިގެންދާއިރު ސައީދަކީ ކައުންސިލް ރައީސް އެވެ. ނިމާލް ފެނިގެންދާނީ ކުޑަ ރޯލަކުން ކަމަށާއި އަދި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި އޭނާ ހަރަކާތްތެރިވާނެ ކަމަށް މުއާ ބުންޏެވެ.
މުއާގެ އިތުރުން "ލީނާ"ގެ އަނެއް ޕްރޮޑިއުސަރަކީ ސައްޔާހު އައްބާސް އެވެ. އެ ފިލްމުގައި އަމިއްލަ ރާގުގެ ތިން ލަވަ ހިމެނޭނެ އެވެ. ފިލްމު އެއްކޮށް ނަގާނީ އުކުޅަހުގަ އެވެ. އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމުގެ މަސައްކަތްތައް ނިންމާ މި އަހަރުގެ މެދުތެރޭގައި ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ.