23 ޖެނުއަރީ 2018 - 14:55

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ މައްސަލަ އަށް ހައްލެއް ލިބޭނީ، ސުޕްރީމް ކޯޓުން ބަސް ބުނެގެން ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.
ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން އެދިގެން، މަޖިލީހުގެ މެމްބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އީސީން ބުނެފައިވީ ނަމަވެސް އެ މެމްބަރުން އެކަން ގަބޫލެއް ނުކުރައްވަ އެވެ. މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅުމަކީ، ރާއްޖޭގެ ގާނޫނުއަސާސީގައިވާ ގޮތުން އީސީ އަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ކަނޑައަޅައިދޭން އެދި އިދިކޮޅު ފަރާތްތަކުން އަންނަނީ ސިލްސިލާކޮށް ސުޕްރީމް ކޯޓުގައި އެދެމުންނެވެ.
އީސީގެ ނިންމުމާ ހެދި، ގާނޫނުއަސާސީއާ ޚިލާފަށް މެމްބަރުންނާ މެދު މުއައްސަސާތަކުން އަމަލުކުރާ ކަމުގެ، ކަންބޮޑުވުން ފާޅުކުރައްވަން ސުޕްރީމް ކޯޓަށް ވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ މެމްބަރުންގެ ހައްގު ހޯދަން ކުރާ މަސައްކަތް ހުއްޓާ ނުލައްވާނެ ކަމަށެވެ. ގާނޫނުއަސާސީއާ ޚިލާފަށް، ގޮނޑި ގެއްލިއްޖެ ކަަމަށް ކަނޑައަޅާފައިވާ މެމްބަރުންނަށް އިންސާފު ލިބެންދެން ސުޕްރީމް ކޯޓަށް ވެސް ވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓުން ބަސް ނުއިއްވަނީސް މި މައްސަލަ ހައްލެއް ނުވާނެ. ސުޕްރީމް ކޯޓަށް އަޅުގަނޑުމެން މި ގޮވާލަނީ ތި ބޭފުޅުން ބަސް ވިދާޅުވާށޭ. ބަސް ވިދާޅު ނުވެ މިކަމެއް ހައްލެއް ނުވާނެއޭ،" އަމީތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މެމްބަރުންގެ ކަންބޮޑުވުންތައް އައްސަވަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެ ބޭފުޅުންނާ ބައްދަލުކުރައްވަން ޖެހިވަޑައިގަންނަވަ އެވެ. އަދި، ރައްޔިތުން ހަވާލުކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރަން ރައްޔިތުންގެ މަޖިލީހަށް ވަދެވޭނެ އިންތިޒާމެއް ހަމަޖައްސައި ދެއްވަން ޖެހޭ ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.
"މައްސަލަ ހައްލު ނުވާ ނަމަ، ކޮންމެ ދުވަހަކު ވެސް ސުޕްރީމް ކޯޓު ދޮށަށް އަޅުގަނޑުމެން ދާނަން،" އަމީތު ވިދާޅުވި އެވެ.
ގޮނޑީގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާ ބައްދަލު ކުރައްވަން މަޖިލީހުގެ އިދިކޮޅު މެމްބަރުން ވަޑައިގަތުމުން، އެ ކޮމިޝަނުގެ މެމްބަރު އިސްމާއިލް ހަބީބު ފިޔަވައި އެހެން ބޭފުޅަކު ބައްދަލު ނުކުރެއްވި ކަން ފާހަގަކުރައްވަމުން އަމީތު ވިދާޅުވީ، "އަނިޔާ ދީފައި ފިއްލަވައިގެން ނުތިއްބެވޭނެ" ކަމަށެވެ. މެމްބަރުން ބައްދަލު ކުރަން އެދިވަޑައިގަތުމުން، ކޮޓަރި ތަޅުލައްވައިގެން އީސީގެ މެމްބަރުން ތިއްބެވިޔަސް، އެ ބޭފުޅުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް އަމީތު ވިދާޅުވި އެވެ.
ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ވަހީދު (ލޯޔަރު ވައްޑެ) މިއަދު ވެސް ތަކުރާރުކޮށް ވިދާޅުވީ، އެ މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އީސީން ކަނޑައަޅާފައި ވަނީ ގާނޫނުއަސާސީއާ ޚިލާފަށެވެ. އެއީ، އެ ކޮމިޝަނަށް ލިބިގެންވާ ބާރެއް ނޫން ކަމަށް ވިދާޅުވި އެވެ.
"ހުރިހާ މުއައްސަސާއަކުން ވެސް މިކަން ގަބޫލުކުރަން ވާނެ. މެމްބަރެއްގެ ގޮނޑިއާ މެދު ގޮތެއް ކަނޑައެޅުމުގެ ބާރު އޮތީ ހަމައެކަނި ސުޕްރީމް ކޯޓަށް،" ވައްޑެ ވިދާޅުވި އެވެ.
އީސީން ކަނޑައަޅާފައި ވަނީ، ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހުގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.
މެމްބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ހުކުމާ ޚިލާފަށް ބައެއް މެމްބަރުން ވަކިކޮށްފައިވާތީ، މި މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނިކޮށް، އިންތިޚާބުތައް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ. އެކަމަކު އަދިވެސް އިންތިހާބު ބާއްވާނެ ތާރީހު އިއުލާންކޮށްފައި ނުވާތީ ވެސް އެ ކޮމިޝަނަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.