23 ޖެނުއަރީ 2018 - 16:41

މި ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ޓްރިންޑާޑް އެންޑް ޓޮބޭގޯގެ ޔޫތު ޓީމަށް ކުރިން ކުޅުނު ފޯވާޑް ކޯޑެލް ސަމިއުލް އާއި ކިރްގިސްތާން ގައުމީ ޓީމުގެ ޑިފެންޑަރު އާތޯ މުލަޔޯނޯފް ގެނެސްފި އެވެ.
ކުރިން ޓްރިންޑާޑް 20 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުނު ސެމިއުލް ވަނީ މީގެ ކުރިން ރާއްޖޭގެ ގައުމީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ކުޅުނު މެލޭޝިއާގެ ޕީޑީއާރްއެމް އަށް 2012 ވަނަ އަހަރު ކުޅެފަ އެވެ. އޭގެ ފަހުން އޭނާ ވަނީ ތައިލެންޑުގެ ނަކޮން ޕަތޮމް ޔުނައިޓެޑާއި އެލް ސަލްވަޑޯ ލީގުގެ ދެ ކްލަބަށް ކުޅެފަ އެވެެ. ސެމިއުލް ބުނީ އޭޝިއާގައި ކުޅުމަކީ އޭނާ އަބަދުވެސް ބޭނުންވާ ކަމެއް ކަމަށެވެ.
އާތޯ އަކީ އޭނާގެ ކެރިއަރުގައި ގިނައިން ކިރްގިސްތާނު ލީގުގައި ކުޅެފައިވާ ކުޅުންތެރިޔެކެވެ. އަދި އޭނާ ވަނީ އޭއެފްސީ މުބާރާތްތަކުގައި ރާއްޖެއާ ދެކޮޅަށް ކުޅެފަ އެވެ. އޭގެ ތެރޭގައި އޭއެފްސީ ޗެލެންްޖް ކަޕް ކޮލިފައިންގައި ވެސް ވަނީ ކުޅެފަ އެވެ. އޭނާ ވަނީ މިހާތަނަށް ކިރްގިސްތާން ގައުމީ ޓީމަށް އަށް މެޗު ކުޅެދީފަ އެވެ.
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެއް ފުޓްބޯޅަ ޓީމު 2015 ވަނަ އަހަރު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިން ނަޒީހު މިދިޔަ ސީޒަނުގައި އެ ޓީމާ ހަވާލުވީ ވަކި ހިސާބަކުންނެވެ. އެއީ 2016 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި އެ ޓީމު އަލަށް ވާދަކުރިއިރު، ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދައިދިން އަހުމަދު އާތިފް (އާތީ) މަގާމުން ވަކިވުމުންނެވެ.
ޔުނައިޓެޑް ވިކްޓަރީން ވަނީ ވިކްޓަރީ އަށް ކުރިން ކުޅެފައިވާ ޒުވާން ގޯލްކީޕަރު ތޮލާލް ހަސަން ގެނެސްފަ އެވެ. އަދި ނިއު ރޭޑިއަންޓާއި ޔުނައިޓެޑް ވިކްޓަރީ އަށް ކުޅުމަށް ފަހު މިދިޔަ ސީޒަނުގައި މާޒިޔާ އަށް ކުޅުނު އަލީ ހައިޝަމް (ޗުމްޕު) ވެސް ވަނީ އަލުން އެ ޓީމާ ގުޅިފަ އެވެ.
މީގެ އިތުރުން އެ ޓީމުގެ މުހިއްމު ބައެއް ކުޅުންތެރިން ވެސް ވަނީ ކޮންޓްރެކްޓް އާކޮށްފަ އެވެ. އޭގެ ތެރޭގައި ކެޕްޓަން އަދި ތަޖުރިބާކާރު ފޯވާޑް ހުސެއިން ޝިމާޒް (ކޮކީ) އާއި އަބްދުލްވާހިދު (ވާޑު) އާއި ނާވީ މުހައްމަދު އަދި އަހުސަން ނައީމް ހިމެނެ އެވެ. މީގެ ތެރެއިން ވާޑު ވަނީ މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި އއ. މާޅޮސް ޓީމަށް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.