23 ޖެނުއަރީ 2018 - 14:22

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް އަލުން ފެށުމަށް އަބޫ ދާބީ އޭވިއޭޝަން ގުރޫޕުން ހުށަހަޅައިފި އެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ން ނެރުނު އެ ޖަމިއްޔާގެ އަހަރީ ރިޕޯޓުގައި ބުނެފައި ވަނީ ރާއްޖޭގައި ހެލިކޮޕްޓަރު ޓެކްސީގެ ޚިދުމަތް ރިސޯޓުތަކަށް ދިނުމަށް އަބޫ ދާބީ އޭވިއޭޝަން ގުރޫޕުން ހުށަހަޅާފައިވާތީ، އެ ކުންފުންޏާއެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އަދި ރިސޯޓުތަކަށް ހެލިކޮޕްޓަރު ޓެކްސީ އާއި އެމްބިއުލެންސްގެ ޚިދުމަތް ދޭން ހުށަހަޅާފައި ކަމަށް ވެސް މަޓީން ބުންޏެވެ.
ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އަބޫ ދާބީ ކުންފުނިން ހެލިކޮޕްޓަރުގެ ޚިދުމަތް ރާއްޖޭގައި ދޭން ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެކަމަށް ހުއްދަ ދެވޭނީ އެ އޮތޯރިޓީން އިނގިރޭސި ވިލާތުގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ދިރާސާ ނިމުމުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އަބޫ ދާބީ އޭވިއޭޝަން ގުރޫޕަކީ މެދުއިރުމަތީގައި އެންމެ ފުޅާ ދާއިރާއެއްގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭ ކުންފުންޏެވެ. އެ ކުންފުނިން އެ ޚިދުމަތް ދޭން 57 ހެލިކޮޕްޓަރު ބޭނުންކުރެ އެވެ.
ރާއްޖޭގައި އަލުން ކޮމާޝަލް ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ވަރަށް އަވަހަށް ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ޑިސެމްބަރު 7، 2016 ގައި ވިދާޅުވެފައި ވެ އެވެ. އަދި މަހެއްހާ ދުވަހުގެ ތެރޭގައި ހުއްދަ ދޭން ފަށާނެ ކަމަށް ވެސް ސިވިލް އޭވިއޭޝަން އޮތޯރިޓީން އޭރު ބުނެފައި ވެ އެވެ.
ރާއްޖޭގައި މިހާރު ހެލިކޮޕްޓަރު ދުއްވަނީ އެމްއެންޑީއެފުން އެކަންޏެވެ. އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދިން ދެ ހެލިކޮޕްޓަރު ދުއްވަނީ ވެސް އިންޑިއާ ސިފައިންނެވެ.