23 ޖެނުއަރީ 2018 - 13:19

ނިއު ދިއްލީ (ޖެނުއަރީ 23) - ދައުލަތުގެ އެހެން ވަޒީފާއެއް އަދާކުރާ ކަމަށް ބުނެ ދިއްލީގެ ސްޓޭޓް އެސެމްބްލީގެ ގޮނޑި ގެއްލުވާލި އާމް އާދުމީ ޕާޓީ (އޭއޭޕީ) ގެ 20 މެންބަރުން ހައި ކޯޓަށް ހިނގައްޖެ އެވެ.
އޭއޭޕީގެ 20 މެންބަރުންގެ ގޮނޑި ގެއްލުނުކަން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ރައީސް އަށް އަންގައިފަ އެވެ. އިލެކްޝަން ކޮމިޝަނުގެ ހުށަހެޅުން ރައީސް ގަބޫލްކޮށްފައިވާތީ އެ ދާއިރާތަކުގެ ބައި-އިލެކްޝަން ބާއްވަން ޖެހޭނެ އެވެ.
އޭއޭޕީގެ 20 މެންބަރުން ހައި ކޯޓަށް ހުށަހެޅި މައްސަލަ އިއްޔެ ވަނީ ތާވަލްކޮށްފަ އެވެ. ދިއްލީގެ 70 މެންބަރުންގެ އަޣުލަބިއްޔަތު އޮންނަނީ 66 ގޮނޑިއާ އެކު އޭއޭޕީ އަށެވެ. ވިހި މެންބަރުން ވަކި ކުރި ނަމަވެސް 46 މެންބަރުންނާ އެކު އޭއޭޕީ އަށް އަޣުލަބިއްޔަތު އަދިވެސް އޮންނާނެ އެވެ.
އޭއޭޕީން ބުނެފައި ވަނީ އެ ޕާޓީގެ އެސެމްބްލީ އެއްވެސް މެންބަރަކު ސަރުކާރުގެ އެހެން އޮފީހަކުން މުސާރަ ނުނަގާ ކަމަށެވެ.
އޭއޭޕީ އަށް ދިއްލީގެ އިންތިޚާބު 2015 ވަނަ އަހަރު ކާމިޔާބު ކުރެވުމާ އެކު ޕާޓީގެ ލީޑަރު އަރްވިންދު ކެޖްރިވާލް ވަނީ އެސެމްބްލީގެ 21 މެންބަރަކު ޕާލަމެންޓް ސެކްރެޓަރީންނަށް ހަމަޖައްސައިފަ އެވެ. މީގެ ތެރޭން އެކަކު ވަނީ މިދިޔަ އަހަރު އިސްތިއުފާ ދީފަ އެވެ.