ސައުދީ ކޯލީޝަނުން ޔަމަނަށް 1.5 ބިލިއަން ޑޮލަރު
ސައުދީ ކޯލީޝަނުން ޔަމަނަށް 1.5 ބިލިއަން ޑޮލަރު

ރިޔާޒް (ޖެނުއަރީ 23) - ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް ހަނގުރާމަ ކުރާ ސައުދީ ކޯލީޝަނުން އިންސާނީ އެހީގެ ގޮތުގައި ޔަމަނަށް 1.5 ބިލިއަން ޑޮލަރު ދޭން ނިންމައިފި އެވެ.

ސައުދީ ކޯލީޝަނުން ޔަމަނަށް 1.5 ބިލިއަން ޑޮލަރު
ސައުދީ ކޯލީޝަނުން ޔަމަނަށް 1.5 ބިލިއަން ޑޮލަރު

މީގެ އިތުރުން ކޯލީޝަނުން ވަނީ ޔަމަނުގެ ބަނދަރުތަކަށް ގެންދާ މުދަލުގެ ކެޕޭސިޓީ އިތުރުކޮށް އެހީދޭ ޖަމާއަތްތަކަށް ރައްކާތެރި މަގުތައް ތަނަވަސްކޮށްދޭން ވެސް ނިންމައިފަ އެވެ.

ޔަމަނަށް ތިން އަހަރު ވަންދެން ދަތިކޮށްފައި ބޭއްވުމުގެ ސަބަބުން އެ ގައުމަށް ވަނީ އިންސާނީ ބޮޑު މުސީބާތެއް ކުރިމަތިވެފަ އެވެ. ނަތީޖާއެއްގެ ގޮތުން ޔަމަނުގެ އާބާދީގެ ހަތަރު ބައިކުޅަ އެއްބައި މީހުންނަށް އެހީ ބޭނުންވެ އެވެ. މީގެ އިތުރުން ޔަމަނުގައި ބޭރަށް ހިންގުމުގެ ރޯގާ ފެތުރި އަހަރެއްގެ ތެރޭގައި ވަނީ 2،244 މީހުން މަރުވެފަ އެވެ.

ޔަމަނުގެ ހޫތީންނާއި ކޯލީޝަނުން ވާގިވެރިވާ ސިފައިންނާ ދެމެދު ކުރަމުންދާ ހަނަގުރާމައިގައި މިހާތަނަށް ވަނީ 9،245 މީހުން މަރުވެ 52،800 މީހުން ޒަޚަމްވެފަ އެވެ.

ހާލުގައި ޖެހިފައިވާ ޔަމަނަށް އެހީވުމަށް އދ. އިން މި ހަފުތާގައި ވަނީ ހިއުމެނިޓޭރިއަން ރެސްޕޮންސް ޕްލޭނެއް އެކުލަވާލައިފަ އެވެ. ބަނޑުހައިހޫނުކަމުގައި ތިބި 13.1 މިލިއަން މީހުންނަށް، މި ޕްލޭނުގެ ދަށުން 2.96 ބިލިއަން ޑޮލަރުގެ އެހީ ހޯދަން އދ. އިން ވަނީ ގޮވާލައިފަ އެވެ.

ޔަމަނުގެ ހައިހޫނުކަމަށް އެހީވެދީ އެ ގައުމުގެ ފައިސާ ސަލާމަތް ކުރުމުގެ ގޮތުން ސައުދީ އަރަބިއާ އިން މިދިޔަ އަހަރު ވަނީ ޔަމަނުގެ ސެންޓްރަލް ބޭންކަށް ދެ ބިލިއަން ޑޮލަރު ޑިޕޮސިޓްކޮށްދީފަ އެވެ.