ފިލްމެއް ޑަައިރެކްޓްކުރަން ސޯނަމް ކަޕޫރު ބޭނުންވޭ
ފިލްމެއް ޑަައިރެކްޓްކުރަން ސޯނަމް ކަޕޫރު ބޭނުންވޭ

ފިލްމު ޑައިރެކްޓްކުރުމަކީ ސޯނަމް ކަޕޫރު ވަރަށް ކުރާހިތްވާ ކަމެއް ނަމަވެސް އޭނާއަށް ކުޅެން ލިބޭ ފިލްމުތައް ރަނގަޅުކަމުން އެ ކަން އަދި ނުކުރެވި އޮތީ ކަމަށް ސޯނަމް ބުނެ އެވެ. އޭނާ ބުނި ގޮތުގައި މިހާރުވެސް ވަރަށް ގިނަ ރަނގަޅު ފިލްމުތަކެއް އޭނާ އަންނަނީ ކުޅެމުންނެވެ. އެހެންވެ ޑައިރެކްޓްކުރުމުގެ މަސައްކަތް އަދި ބާއްވާފައި އޮތީ އެވެ.

"އަހަރެން ވަރަށް ޑައިރެކްޓްކުރާ ހިތްވޭ. ނަމަވެސް ފިލްމުތައް ކުޅެން ލިބޭ ވަރުން އަދި އެކަން ވާގޮތް ނުވަނީ. މިއަހަރު އެކަނިވެސް އަހަރެންގެ ހަތަރު ފިލްމެއް ރިލީޒްވާނެ. އަހަރެންނަށް ނޭވާލާނެ ވަގުތުކޮޅެއް ލިބޭއިރަށް ފިލްމެއް ޑައިރެކްޓްކުރުމުގެ މަސައްކަތް ފަށާނަން،" ސޯނަމް ބުންޏެވެ.

އޭނާ ބުނި ގޮތުގައި މިވަގުތު ލިބޭ ރަނގަޅު މަސައްކަތްތައް ދޫކޮށްލާހިތެއް އޭނާ ނުވެ އެވެ. އެހެންވެ އެ ނިންމުން ނުނިންމިގެން އަދި އުޅެނީ އެވެ. ފިލްމު ޑައިރެކްޓްކުރާ ނަމަ އަހަރެއްހާ ދުވަހު އޭނާ ފިލްމު ކުޅުމާ ދުރުގައި ހުންނަން ޖެހެ އެވެ. އެކްޓްކުރުމަކީ އޭނާ ވަރަށް ލޯބިކުރާ ކަމަކަށް ވާތީ އެހާ ގިނަ ދުވަހު އެކަމާ ދުރުގައި ހުރުމަކީ ވާންޖެހޭ ވަރަށް ބޮޑު ގުރުބާނީއެއް ކަމަށް ސޯނަމް ދެކެ އެވެ.

ސޯނަމް ބުނީ އެކްޓިން އަކީ އޭނާގެ ޖަޒުބާތާ ގުޅިފައިވާ ކަމެއް ކަމަށެވެ. އާލިއާ، ކަރީނާ އަދި ސްވާރާ ކަހަލަ ބަތަލާއިންނާ އެކު މަސައްކަތްކުރަން ބޭނުންކަމަށް ވެސް އޭނާ ބުންޏެވެ.

މިވަގުތު ސޯނަމް ކުރަމުންދަނީ އަކްޝޭ ކުމާރާއެކު ކުޅުނު "ޕެޑް މޭން" ރިލީޒް ކުރުުމުގެ މަސައްކަތެވެ. އެ ފިލްމު ރިލީޒްކުރާނީ ފެބްރުއަރީ ނުވަ ވަނަ ދުވަހު އެވެ.