ބިރު ދެއްކިޔަސް"ޕަދްމާވަތު"ގެ އެޑްވާންސް ބުކިންގްސް އަށް ބޮޑު ތަރުހީބެއް
ބިރު ދެއްކިޔަސް"ޕަދްމާވަތު"ގެ އެޑްވާންސް ބުކިންގްސް އަށް ބޮޑު ތަރުހީބެއް

ފިލްމާ ދެކޮޅު މީހުންގެ ފަރާތުން "ޕަދްމާވަތު" އަށް ވަރުގަދަ އިންޒާރުތައް ދެމުން ދިޔަ ނަމަވެސް ފިލްމުގެ އެޑްވާންސް ބުކިންގްސް އަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ފިލްމީ ވިޔަފާރީގެ ތަޖުރިބާކާރުން ބުނެފި އެވެ.

ބިރު ދެއްކިޔަސް"ޕަދްމާވަތު"ގެ އެޑްވާންސް ބުކިންގްސް އަށް ބޮޑު ތަރުހީބެއް
ބިރު ދެއްކިޔަސް"ޕަދްމާވަތު"ގެ އެޑްވާންސް ބުކިންގްސް އަށް ބޮޑު ތަރުހީބެއް

ޓްރޭޑް އެކްސްޕާޓް އަކްޝޭ ރާތީ ބުނީ އިންޑިއާގެ ހުރިހާ ހިސާބެއްގައި ވެސް "ޕަދްމާވަތު"ގެ އެޑްވާންސް ބުކިންގް ވަރަށް ބާރަށް ކުރިޔަށްދާ ކަމަށެވެ.

"ރާޖަސްތާނާއި އެހެން ބައެއް ސްޓޭޓްތަކުގައ ފިލްމު ރިލީޒްކުރުން މަނާކޮށްފައި އޮތް އޮތުން އިންޑިއާގެ ސުޕްރީމް ކޯޓުން އުވާލި ހިސާބުން ފިލްމުގެ އެޑްވާންސް ބުކިންގްސް ހަދާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި،" އޭނާ ބުންޏެވެ.

އޭނާ ޔަގީންކުރަނީ "ޕަދްމާވަތު"ގެ ފެށުން ވަރަށް ރަނގަޅުވާނެ ކަމަށެވެ. ހަޅުތާލުތައް ކުރަމުން ދިޔައަސް ސިނަމާތަކަށާއި ފިލްމު ބަލަންދާ މީހުންނަށް ސެކިއުރިޓީ ދޭނެ ކަމަށް ސަރުކާރުން ބުނެފައިވާތީ އެކަމާ މީހުން އެހާ ކަންބޮޑުވެގެނެއް ނޫޅެ އެވެ.

ޓްރޭޑް އެނަލިސްޓް ގަބޫލުކުރާ ގޮތުގައި "ޕަދްމާވަތު" ރިލީޒްކުރާ ދުވަހަކީ ބަންދު ދުވަހަކަށް ނުވިޔަސް އެ ފިލްމަށް ފުރަތަމަ ދުވަހު 20-30 ކްރޯޑު ރުޕީސް (200-300 މިލިއަން) ވަރު ލިބޭނެ ކަމަށެވެ.

ޓްރޭޑް އެނަލިސްޓް އަމުލް މޯހަން ވެސް ބުނީ ފިލްމު ރިލީޒްކުރަނީ ބަންދު ދުވަހެއްގައި ނޫން ނަމަވެސް ފިލްމު ބެލުމަށް އުފެދިފައިވާ ރޫހަށް ބަލާއިރު 20 ކްރޯޑަށް ވުރެ ގިނައިން ފުރަތަމަ ދުވަހު ވެސް ފިލްމު ހޯދާނެކަމަށް ބެލެވޭ ކަމަށެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން އިންޑިޔާގެ އެކި ސްޓޭޓްތަކުގެ 4000 ސިނަމާއެއްގައި "ޕަދްމާވަތު" އަޅުވާނެ އެވެ.

ފިލްމާ ދެކޮޅަށް ކުރާ ހަޅުތާލުތައް ވެސް މިހާރު ވަނީ ކުރިޔަށް ވުރެ ވަރުގަދަވެފަ އެވެ. އަދި ރާޖްޕޫތު އަންހެނުންގެ ތެރެއިން 200 ވަރަކަށް އަންހެނުން މިހާރު ދަނީ އަމިއްލައަށް ގައިގައި ރޯކޮށްލައިގެން މަރުވާން (ޖޯހަރް) އަށް ތައްޔާރު ވަމުންނެވެ. އެމީހުން އިންޒާރުދެމުން ދަނީ ފިލްމު މަނާ ނުކޮށްދީފި ނަމަ އެންމެން އަމިއްލައަށް ފުރާނަ ދުއްވާލާނެ ކަމަށެވެ. އެންމެ ހެއްވާ ކަމަކީ މި އަންހެނުންގެ ތެރެއިން އެއްވެސް މީހަކަށް "ޕަދްމާވަތު"ގައި ދައްކަނީ ކޮން ކަހަލަ މަންޒަރުތަކެއް ކަމެއް އަދި އޭގައި އެމީހުން ހިތްހަމަނުޖެހޭ ޒާތުގެ މަންޒަރެއް އޮތްކަމެއް ވެސް ނުވަތަ ނެތް ކަމެއް ވެސް ނޭނގޭތީ އެވެ.

އަންހެންވެރިން "ޖޯހަރް"އަށް ތައްޔާރުވާއިރު ފިރިހެން އެކްޓިވިސްޓުން ދަނީ ސިނަމާތަކުގައި ރޯކޮށް ހަމަނުޖެހުން ހިންގަން ވަރަށް ބޮޑަށް ތައްޔާރު ވަމުންނެވެ. އަދި މިހާރުވެސް ބައެއް ސިނަމާތަކުގައި ރޯކުރުމުގެ ކަންތައްތަކެއް އެމީހުން ވަނީ ފަށާފަ އެވެ.

ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް އަދި ޝާހިދު ކަޕޫރުގެ މޮޅު އެކްޓިން ދެކެލާހިތުން ތިބި މީހުން ގިނަވެ، "ޕަދްމާވަތު"ގެ ޓިކެޓްގެ އަގުތައް ވެސް މިހާރު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ފިލްމުގެ ޓިކެޓްގެ އަގު އުފުލެމުން ގޮސް މިހާރު ހުރީ 2400 ރުޕީސްގަ އެވެ. ފަހުގެ ތާރީޚެއްގައި މިހާ މައްޗަށް ޓިކެޓްގެ އަގު އުފުލުނީ "ބަހޫބަލީ 2" އާއި "ޓައިގާ ޒިންދާ ހޭ" އެޅުވިއިރު އެވެ. އާންމުކޮށް ޓިކެޓެއް ވިއްކަނީ 250 ރުޕީސް އާ ކައިރިކުރާ އަގުތަކެއްގަ އެވެ.