24 ޖެނުއަރީ 2018 - 06:03

ސިދާރްތު މަލްހޯތުރާ އާއި މަނޯޖް ބަޖްޕާއީގެ "އައްޔާރޭ" އެންމެ ފުރަތަމަ ރިލީޒްކުރަން ހަމަޖެހިފައި އޮތީ ޖެނުއަރީ 25 ގައެވެ. އެއީ އިންޑިއާގެ ޖުމްހޫރީ ދުވަހާ ދިމާކޮށް އަންނަ ބަންދުތަކުން ފައިދާ ހޯދުމަށެވެ. އެ ފިލްމާއެކު ރިލީޒްކުރަން ދެން އޮތީ އަކްޝޭ ކުމާރުގެ "ޕެޑް މޭން" އެވެ. ނަމަވެސް ސަންޖޭ ލީލާ ބާންސާލީގެ "ޕަދްމާވަތު" އަޅުވަން ހަމަޖެހިފައި އޮތް ދުވަހު ނޭޅުވި ލަސްވެގެން ގޮސް އެންމެ ފަހުން އެ ފިލްމުވެސް ޖެނުއަރީ 25 ގައި ރިލީޒްކުރަން ހަމަޖެއްސި އެވެ.
އެހެންވެ "އައްޔާރޭ" ފެބްރުއަރީ 9 ގައި ރިލީޒްކުރާ ގޮތަށް ބަދަލުކުރި އެވެ. "ޕެޑް މޭން" އާއި "އައްޔާރޭ" ކުރިމަތިލުމަކަށް ދިޔަ ނުދިނުމުގެ ގޮތުންނެވެ.
ނަމަވެސް "ޕަދްމާވަތު"ގެ ޑައިރެކްޓަރު ބާންސާލީ އެދުނު އެދުމުގެ މަތިން "ޕެޑް މޭން" ރިލީޒްކުރާ ދުވަސް ބަދަލުކުރަން އަކްޝޭ ނިންމައި ފިލްމު 9 ފެބްރުއަރީގައި ރިލީޒްކުރާ ގޮތަށް ބަދަލުކުރި އެވެ. މިކަމުގެ ސަބަބުން އަނެއްކާވެސް "އައްޔާރޭ" އާއި "ޕެޑް މޭން" މިވަނީ ކުރިމަތިލާން ޖެހިފަ އެވެ.
"އައްޔާރޭ"ގެ ބަތަލު ސިދާރްތު މަލްހޯތުރާ އިންޑިއަން ނިއުސް އެޖެންސީ އަށް ބުނި ގޮތުގައި މިއީ އޭނާ ވަރަށް ހިތްހަމަ ނުޖެހުނު ކަމެކެވެ. ނަމަވެސް މިހާރަކު ދެން އިތުރަކަށް ކުރެވޭނެ ކަމެއް ނެތް ކަމަށް އޭނާ ބުންޏެވެ.
"އަހަރެެން ފުރަތަމަ އިއުލާން ކުރީ ވެސް "އައްޔާރޭ" ރިލީޒްކުރާ ދުވަސް. ހަމަ އެ ދުވަހު "ޕެޑް މޭން" ރިލީޒްކުރާކަން އިއުލާންކުރީ މާފަހުން. އެ ފިލްމާ ކުރިމަތިލުމަކަށް ނުދާންވެގެން އަހަރެމެން އަނެއްކާވެސް ފިލްމު ރިލީޒްކުރާ ތާރީޚު ބަދަލުކުރީ. އެވަރުން ވެސް ވީ ފައިދާއެއް ނެތް. "ޕެޑް މޭން" މިހާރު އެ ވަނީ އަނެއްކާވެސް އަހަރެމެން ފަހުން ފިލްމު ރިލީޒްކުރަން ނިންމީ ތާރީޚުގައި ރިލީޒްކުރާ ގޮތަށް ބަދަލުކޮށްފައި،" ސިދާރްތު ބުންޏެވެ.
ސިދާރްތު ބުނީ ފިލްމު ރިލީޒްކުރާ ދުވަސް ކުރިއާލާ އިއުލާން ކުރަނީ ވެސް އެ ދުވަހު އެހެން ފިލްމުތައް ރިލީޒް ނުކުރޭތޯ އެވެ. އަދި "ޕެޑް މޭން" އުފެއްދި ފަރާތުން އޭނާގެ ފިލްމާ އެއް ދުވަހު އެ ފިލްމު ރިލީޒްކުރަން ނިންމަފާނެ ކަމަށް ހީނުކުރާ ކަމަށް ވެސް ސިދާރްތު ބުންޏެވެ. ޚާއްސަކޮށް ދެ ވަނަ ފަހަރަށް އެގޮތަށް ކަންތައް ކުރާނެ ކަމަކަށް ސިދާރްތު ހިޔެއް ނުކުރެ އެވެ.
"އައްޔާރޭ" ރަނގަޅަށް ހިނގާނެ ކަމަށް ސިދާރްތު ޔަގީންކުރެ އެވެ. މިހާރު ދެން އެއްވެސް ކަމެއް ބަދަލު ކުރެވެން ނެތީމަ ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް ކަމަށް ހީކޮށްލައިގެން ހުރުން ނޫން ގޮތެއް ނެތް ކަމަށް ސިދާރްތު ބުންޏެވެ.
"އައްޔާރޭ" ގައި ސިދާރްތު ކުޅެނީ އާމީ އޮފިސަރެއްގެ ރޯލެވެ. އޭނާ އާއި އެހެން ސީނިއާ އޮފިސަރެއް (މަނޯޖް ބަޖްޕާއީ)ގެ މެދުގައި އޮންނަ ޚިޔާލު ތަފާތުވުންތަކެއް މި ފިލްމުން ފެންނާނެ އެވެ. ފިލްމުގެ ބަތަލާ އަކީ ރަކުލް ޕްރީތު ސިންގް އެވެ. އަނޫޕަމް ކޭރާއި ނަސީރުއްދީން ޝާޙް ވެސް ފިލްމުގެ ބައެއް ރޯލުތައް ކުޅެފައިވެ އެވެ.