24 ޖެނުއަރީ 2018 - 06:00

އުފެއްދި ބަޔަކު އެނގެން ނެތް ކިތަންމެ ފޯނެއް، ކޮންމެ އަހަރަކު އާންމު މާކެޓަށް ނެރެ އެވެ. އެ ގޮތުގައި،
މިދިޔަ އަހަރު ވެސް ގިނަ ފޯނުތަކެއް ނަކަލުކޮށް، ސްމާޓްފޯން މާކެޓް މަސްހުނިކޮށްފައިވެ އެވެ. އޭގެ ތެރެއިން ވެސް، ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެންމެ ގިނައިން ނަކަލުކޮށްފައި ވަނީ ސެމްސަންގް ފޯނުތަކެވެ.
ކޮފީ ފޯނުތައް އެންމެ ގިނައިން އުފައްދާ ގައުމު ގޮތުގައި ޗައިނާ ލޭބަލްކުރެވެ އެވެ. ނުލާހިކު ރީތި، ބަލާބެލުމަށް ނަކަލެއްހެން ވެސް ހީނުވާ ފެންވަރަށް ކޮޕީ ފޯނުތައް ޗައިނާގައި އުފައްދަ އެވެ. އަދި ގަބޫލުކުރަން ދަތި، ހެޔޮ އަގުތަކުގައި ވިއްކަ އެވެ.
މި ދިޔަ އަހަރު އެންމެ ގިނައިން ނަކަލުކޮށްފައި ވަނީ ސެމްސަންގް ގެލަކްސީ އެސް7 އެޖް އެވެ. އޭގެ ތެރެއިން ވެސް ޔޫރަޕަށް ޚާއްސަ އެސް7 އެޖް އުޅެނީ ކުރީގަ އެވެ. އާންމު ހާލަތްތަކުގައި މަޝްހޫރު ކޮންމެ ފޯނެއްގެ ފަހަތުން ނެރޭ ޗައިނާ ފޯނު ވެސް ކޮޕީކޮށްފައި ވެ އެވެ. އެންމެ ގިނައިން ކޮޕީކުރި ފޯނު ލިސްޓްގައި ދެވަނަ އަށް އޮތީ ގެލަކްސީ އެސް7 އެޖް، ޗައިނާ ވާޝަން އެވެ.
ސެމްސަންގް ފޯނުތަކުގެ ތެރެއިން 2017 ގައި އެންމެ ގިނައިން ކޮޕީކުރި ދެވަނަ ފޯނަކީ ގެލަކްސީ އެސް7 އެވެ. މި ލިސްޓްގެ ހަތުރު ވަނާގައި ވެސް އޮތީ ސެމްސަންގް އެވެ. އެޕަލް އަށް ލިބުނީ ފަސް ވަނަ އެވެ.
ޗައިނާގައި އުފައްދާ ފޯނުތައް ވެސް ޗައިނާގައި ކޮޕީކޮށްފައި ވެ އެވެ. އުފެއްދި ތަނެއް އަދި އުފެއްދި ބަޔަކު ނެގޭ ފޯނުތައް ވެސް ވަނީ ހަލުއިކޮށް ވިކިފަ އެވެ. ލިސްޓްގައި އެކަމަކު ތަންކޮޅެއް ތިރީގައި ވަންޕްލަސް އަދި ޝޯމީ ވެސް ހިމެނެ އެވެ.
ކޮޕީ ފޯނުތަކުގެ ތެރޭގައި ގިނައީ އެންޑްރޮއިޑް ފޯނެވެ. އައިފޯނު ސިފަ އަށް ފޯނެއް އުފެއްދި ނަމަވެސް އެ ފޯނެއްގެ އޮޕަރޭޓީން ސިސްޓަމަކީ އެންޑްރޮއިޑް އެވެ. ބަލާބެލުމަށް ތަފާތު ވަކިކުރަން ނޭނގޭހާ ވައްތަރުކޮށް އައިފޯން 7 ޕްލަސް އުފައްދާފައި ވެ އެވެ. އެކަމަކު ފޯނު ބޭނުންކުރަން ފެށުމުން ހުރިހާ ސިއްރެއް ބޭޒާރުވެ އެވެ.