23 ޖެނުއަރީ 2018 - 10:51

ވޮޝިންޓަން (ޖެނުއަރީ 23) - ރިޕަބްލިކަން އާއި ޑިމޮކްރެޓިކުން އެއްގަލަކަށް އަރާ ވަގުތީ ބަޖެޓެއް ފާސްކޮށް އެމެރިކާ ސަރުކާރު ހުއްޓިފައި އޮތް އޮތުން ސަލާމަތްކޮށްފި އެވެ.
ޑިމޮކްރެޓިކް މެމްބަރުން އެއްބަސްވުމަކަށް އައިސްފައި ވަނީ އެމެރިކާގައި ގަވާއިދާޚިލާފަށް އުޅޭ ކަމަށް ބުނާ މީހުންގެ މައްސަލަ ހައްލު ކުރުމަށް ފަހުން މަޝްވަރާ ކުރާނެ ކަމަށް ރިޕަބްލިކަން ޕާޓީން ބުނުމުންނެވެ. ސެނެޓުން ބިލް ފާސްކޮށްފައި ވަނީ 81-18 ވޯޓުންނެވެ. ވަގުތީ ބަޖެޓް ފާސްވުމާ އެކު ފެބްރުއަރީ 8 އާ ހަމައަށް ސަރުކާރު ހިންގުމުގައި ދަތިތަކެއް ކުރިމައްޗެއް ނުވާނެ އެވެ. ވަގުތީ ބަޖެޓުގެ މުއްދަތު ހަމަވާންވާ އިރަށް ދިގު މުއްދަތުގެ ބަޖެޓަކާ މެދު ކޮންގްރެސް އަށް އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ބެލެވެ އެވެ.
ރިޕަބްލިކަން ޕާޓީގެ ސެނެޓް ލީޑަރު މިޗް މެކްކޯނެލް ވިދާޅުވީ ޑިމޮކްރެޓިކުން ބޭނުންވާ ގޮތަށް އިމިގްރޭޝަން އެއްބަސްވުމަކަށް އައުމަށް މަޝްވަރާ ކުރާނެ ކަމަށެވެ. ޑިމޮކްރެޓިކުން ބޭނުން ވަނީ ކުޑަ ކުދިންގެ ގޮތުގައި އެމެރިކާ އަށް އެތެރެވެފައިވާ 700،000 ވަރަކަށް އިމިގްރަންޓްސް ނުވަތަ "ޑްރީމާސް" ޑިޕޯޓްކޮށްލުމުގެ ބިރުން ސަލާމަތްކޮށް އެ މީހުންނަށް ހިމާޔަތް ދިނުމަށެވެ.
ޕާލަމެންޓަރީ ނިޒާމްތަކުގައި ބަޖެޓް ފާސް ނުވެއްޖެ ނަމަ ސަރުކާރު މާގިނަ ދުވަހު ދެމިއެއް ނޯވެ އެވެ. މިސާލަކަށް 2012 ވަނަ އަހަރު ވަނީ ނެދަލެންޑްސް ސަރުކާރުން ބަޖެޓާ މެދު އެއްބަސްވުމަކަށް ނާދެވުމުން، ބޮޑު ވަޒީރު އިސްތިއުފާދީ، އާ އިންތިޚާބެއް ބާއްވާ ސަރުކާރެއް އެކުލަވާލައިފަ އެވެ.
މިއީ ކޮންގްރެސް އާއި ވައިޓްހައުސްގެ ކޮންޓްރޯލް އެއްޕާޓީއަކަށް، ރިޕަބްލިކަން އަށް، ލިބި، ސަރުކާރު ހުއްޓުމަކަށް އައި ފުރަތަމަ ފަހަރެވެ. އެމެރިކާ ސަރުކާރު އެންމެ ފަހުން ހުއްޓުމަކަށް އައިސްފައި ވަނީ 2013 ވަނަ އަހަރު އެވެ. އެ ފަހަރު 16 ދުވަހަށް ސަރުކާރު ހުއްޓުމުން ވަޒީފާ އަށް ނުގޮސް 800،000 މީހުން ގޭގައި މަޑުކުރަން ޖެހުނެވެ. ނަވާރަ ސަތޭކަ ނުވަ ދިހަ ވަނަ އަހަރުގެ ފަހުން އެމެރިިކާ ސަރުކާރު ވަނީ މި ގޮތަށް ހަތަރު ފަހަރެއްގެ މަތިން ހުއްޓުމަކަށް އައިސްފަ އެވެ.