23 ޖެނުއަރީ 2018 - 10:44

މެލްބަން، އޮސްޓްރޭލިއާ (ޖެނުއަރީ 23) - އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުން މަޝްހޫރު ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗް ކަޓުވާލުމަށް ފަހު ދެކުނު ކޮރެއާގެ ޒުވާން ކުޅުންތެރިޔާ ޗަން ހިއުން އެއްމެން ހައިރާންކޮށްލައިފި އެވެ.
މި ކާމިޔާބީއާ އެކު އުމުރުން 21 އަހަރުގެ ޗަން ވެފައިވަނީ ޓެނިހުގެ ގްރޭންޑް ސްލޭމް މުބާރާތެއްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި ކޮރެއާ އަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާ އަށެވެ. ޖޮކޮވިޗްގެ މައްޗަށް ޗަން ކުރިހޯދީ 7-6 (7-4) 7-5 7-6 (7-3) އިންނެވެ.
މި މެޗުގެ ފުރަތަމަ ސެޓަށް ފަހު ޖޮކޮވިޗްގެ ކަނާތު އުޅަބޮއްޓަށް އަނިޔާވުމުން އޭނާ އަށް ވަނީ ފަރުވާދީފަ އެވެ. މެޗަށް ފަހު ޖޮކޮވިޗް ބުނީ އޭނާ މެޗު ފުރިހަމަ ކުރީ ވެސް އަނިޔާގައި ހުރެ ކަމަށެވެ. އެހެން ނަމަވެސް އެއީ ބަލިވުމުގެ އުޒުރެއް ނޫން ކަމަށާއި ޗަން ދެއްކި ހިތްވަރަށް އޭނާ އަށް ތައުރީފް ހައްގުވާ ކަމަށް ޖޮކޮވިޗް ބުންޏެވެ.
"އަނިޔާގެ ވާހަކަ ދެއްކުމެއް ނޫން މުހިއްމީ. ބޭނުންވަނީ ޗަންގްގެ ކާމިޔާބީގެ ވާހަކަ ދައްކަން. އޭނާ ދެއްކި ހިތްވަރަށް ތައުރީފް ކުރުން ހައްގު،" މިދިޔަ އަހަރު އަނިޔާގެ ސަބަބުން ކުޅުމާ ދުރު ހުރުމަށް ފަހު މި މުބާރާތަށް އެނބުރި އައި ޖޮކޮވިޗް ބުންޏެވެ.
ޗަން ބުނީ މިއީ އޭނާގެ އައިޑަލް އަތުން ހޯދުނު މޮޅެއް ކަމަށެވެ.
"އަހަރެން ޒުވާން އިރު ޖޮކޮވިޗް ކޮޕީ ކުރިން. މިއީ އަހަރެންގެ އައިޑަލް އަތުން އަހަންނަށް ހޯދުނު މޮޅެއް. ބޭނުންވަނީ މި ފިޔަވަޅު މަތީ ކުރިއަށްދާން،" ޗަން ބުންޏެވެ.
ކުއާޓާ ފައިނަލުގައި ޗަން ނުކުންނާނީ ޓެނީސް ސަންދްރެގެންއާ ދެކޮޅަށެވެ. އޭނާ ކުއާޓާގެ ޖާގަ ހޯދީ ފަސް ވަނަ އަށް ސީޑްކޮށްފައިވާ ޑޮމިނިކް ތިއެމް ކަޓުވާލުމަށް ފަހު އެވެ.