23 ޖެނުއަރީ 2018 - 10:07

ނިއު ރޭޑިއަންޓާއި ގައުމީ ޓީމުގެ ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ) އޭނާގެ އުފަން ރަށް، ޅ. ހިންނަވަރުގައި ފުޓްބޯޅަ އެކަޑަމީއެއް ހުޅުވައިފި އެވެ.
ދުނިޔޭގެ މަޝްހޫރު ވަރަށް ގިނަ ކުޅުންތެރިން އަމިއްލަ ގައުމުގައި އެކަޑަމީތައް ހިންގި ނަމަވެސް މިއީ ރާއްޖޭގައި އެހާ އާއްމު ކަމެއް ނޫނެވެ. މީގެ ކުރިން ޝަމްވީލް ގާސިމް (ބޮންޑާ) އައްޑޫ ސިޓީގައި އެކަޑަމީއެއްގެ މަސައްކަތްކުރި އެވެ. ރާއްޖޭގައި އެކަޑަމީތައް ހިންގަމުން އަންނަނީ ކްލަބްތަކުންނާއި ކުރީގެ ބައެއް ކޯޗުންނެވެ.
"މިހާރަ"ށް ވާހަކަދައްކަމުން ލިލީ މިއަދު ބުނީ މިއީ އަމިއްލަ ރަށަށާއި ފުޓްބޯޅައަށް ހިދުމަތެއްކޮށްދިނުމުގެ ގޮތުން ފެށި ކަމެއް ކަމަށެވެ.
"ވަރަށް ބޮޑު ތަރުހީބެއް ރައްޔިތުންގެ ފަރާތުން އަންނަނީ ލިބެމުން. މިހާރު ވެސް ސާޅީހަށް ވުރެ ގިނަ ކުޅުންތެރިން ވަނީ ރަޖިސްޓްރީވެފައި،" ލިލީ ބުންޏެވެ.
އޭނާގެ ނަމާއި އަދި ލިޓްލް (ކުޑަ) އާ ގުޅުވައިގެން "ލިލް އެކަޑަމީ" ގެ ނަމުގައި ފެށި މި އެކަޑަމީން ގައި އުމުރުން ފަސް އަހަރުން ފެށިގެން 15 އަހަރާ ދެމެދުގެ ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ރަށު ސްކޫލާ ވެސް ގުޅިގެން ކުރިއަށްގެންދާ މި އެކަޑަމީގައި ބައިވެރިވާ ކުދިންގެ އަތުން ރަމްޒީ ފީއެއް ވެސް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. އެކަމަކު މިއީ މާލޭގެ އެކަޑަމީތަކުން ނަގާ ފީ އާ ބަލާއިރު ނިސްބަތުން ވަރަށް ކުޑަ އަދަދެކެވެ.
ކޯޗުންގެ ގޮތުގައި މަސައްކަތްކުރާނީ ސީ ލައިސަންސް ނަގާފައިވާ އެ ރަށުގެ ދެ ކޯޗުންނެވެ. އަދި ދޭތެރެ ދޭތެރެއިން ރާއްޖޭގެ މަޝްހޫރު ކޯޗުންނާއި ބޭރުގެ އެކަޑަމީތަކުގެ ކޯޗުން ގެންގޮސް ތަމްރީންތައް ބާއްވަން ލިލީ ވަނީ ވިސްނައިފަ އެވެ.
ހިންނަވަރުގައި ފުޓްބޯޅައިގެ ހަރަކާތްތައް ހިންގަން ލިބިފައިވާ އެންމެ ބޮޑު ހިތްވަރަކީ ޓާފް އަޅާފައިވާ ބޮޑު ސައިޒުގެ ދަނޑެއް އޮތުމެވެ. ރަށު ސްކޫލުގައި ކިޔަވައިދެނީ އެންމެ ދަންފަޅިއަކަށްވާތީވެ މެންދުރުފަހުން ފެށިގެން އެކަޑަމީގެ ތަމްރީންތައް ފަސޭހަ އިންތިޒާމެއްގެ ދަށުން ކުރިއަށްގެންދެވޭނެ އެވެ.
ނިއު ރޭޑިއަންޓުން 2009 ވަނަ އަހަރު ކެރިއަރު ފެށި ލިލީ އަންނަނީ 2010 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމުން ގަވާއިދުން ޖާގަ ހޯދަމުންނެވެ. ޓީސީ ސްޕޯޓްސް ކްލަބަށް ވެސް އެއް ސީޒަނުގައި ކުޅެފައިވާ ލިލީ ޒުވާން އުމުރެއްގައި ފުޓްބޯޅައިގެ ޑިވެލޮޕްމަންޓުގެ މަސައްކަތް ފެށިއިރު އޭނާގެ ޝައުގު ވެސް ހުރީ ކޯޗިން އަށެވެ.
"ކުޅުން ހުއްޓާލާ ދުވަހަކުން ކޯޗިން އަށް ވަންނަން ބޭނުންވޭ. އެގޮތަށް ވިސްނުން ހުރީ،" އުމުރުން 30 އަހަރުގެ ލިލީ ބުންޏެވެ.