23 ޖެނުއަރީ 2018 - 10:17

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި މިއަދުގެ މެޗަށް ނުކުންނައިރު ބަންގްލަދޭޝްގެ ސައިފް ސްޕޯޓްސް ކްލަބަށް މާ ބޮޑު އެޑްވާންޓޭޖެއް ނެތް ކަމަށާއި އެ އަށް ވުރެ ޓީސީ ސްޕޯޓްސް ކްލަބްގެ ނުރައްކާ ބޮޑު ކަމަށް ސައިފްގެ ކޯޗު އިންގްލެންޑުގެ ރިޔާން ނޯތުމޯ ބުނެފި އެވެ.
މިއީ 2016 ވަނަ އަހަރު އުފެދުނު ސައިފްގެ ބައިނަލްއަގްވާމީ ފުރަތަމަ ތަޖުރިބާ އެވެ. އެ ޓީމަށް އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގެ ޖާގަ ލިބުނީ ބަންގްލަދޭޝް ލީގާއި ކަޕް ޑާކާ އަބަހާނީ ކާމިޔާބުކުރިއިރު، ލީގުގައި ދެން އޮތް ގަދަ ތިން ޓީމުގެ ތެެރެއިން އޭއެފްސީ ލައިސަންސް އޮތީ ސައިފް އަތުގައި ކަމަށްވާތީ އެވެ. ސައިފް އަކީ މިދިޔަ އަހަރު ލީގުގެ ހަތަރު ވަނަ އެވެ.
އޭއެފްސީ ކަޕާ ދިމާކޮށް ސައިފް ވަނީ ވަރުގަދަ ކޮށްފަ އެވެ. އެގޮތުން ޗިޓަގޮން އަަބަހާނީ އަށް ކުޅޭ ގިނަ ކުޅުންތެރިންތަކެއް ލޯން އުސޫލުން ވަނީ ސައިފަށް ގެނެސްފަ އެވެ. މީގެ އިތުރުން މުހައްމަދޭން އަށް ކުޅޭ ނައިޖީރިއާގެ ކިންގްސްލީ ޗިގޯޒީ ވެސް ވަނީ ގެނެސްފަ އެވެ. ޗިގޯޒީގެ އިތުރުން ސައިފްގައި އިތުރު ބިދޭސީ ތިން ކުޅުންތެރިން ހިމެނެ އެވެ. އެއީ ކޮލަމްބިއާގެ މިޑްފީލްޑަރު ޑެއިނޭ ކޯޑޯބާ އާއި އުޒްބެކިސްތާންގެ މިޑްފީލްޑަރު އަރޯ އުމަރްޔޯނޯވްގެ އިތުރުން އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ޓެޑީ ޝެރިންހަމްގެ ދަރި ޗާލީ ޝެރިންހަމް ހިމެނެ އެވެ.
"އަހަރެމެންނަށް ފެންވަރު ރަނގަޅު ގިނަ ކުޅުންތެރިންތަކެއް ލިބިއްޖެ. އެކަމަކު މި ކުޅުންތެރިން އެކުގައި މާ ގިނައިން މެޗުތަކެއް ކުޅެފައި ނެތުމުން އެބަހުރި އުނދަގޫތަކެއް. އެކަމަކު އެ ހުރިހާ ކަމެއް ރަނގަޅު ކޮށްގެން މޮޅަކަށް ޓާގެޓް މި ކުރަނީ. މިއީ ފަސޭހަވާނެ މެޗެއް ނޫން. އެޑްވާންޓޭޖަކަށް ވިސްނުމަށް ވުރެން މި މެޗުގެ ނުރައްކާ ބޮޑު،" ނޯތުމޯ ބުންޏެވެ.
ސައިފްގެ ކެޕްޓަން ޖަމާލް ބުޔާން ބުނީ މި މެޗުގައި އެ ޓީމުން ތަމްސީލްކުރަނީ އެ ކްލަބް ނޫން ކަމަށާއި މުޅި ބަންގްލަދޭޝްގެ ފުޓްބޯޅަ ކަމަށެވެ.
ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ސައިފަކީ ބަންގްލަދޭޝްގެ ވަރުގަދަ ކްލަބެއް ކަމަށެވެ.
"ޗިޓަގޮން އަށް ކުޅުނު ގިނަ ކުޅުންތެރިންތަކެއް ސައިފަށް އެބަކުޅޭ. އެ ކުޅުންތެރިންގެ ފެންވަރު ކޮންމެވެސް ވަރަކަށް އެނގޭ. އެެއީ މިދިޔަ އަހަރު ޝެއިހް ކަމާލް ކަޕް ޓީސީން ކާމިޔާބުކުރިއިރު އެ ޓީމާ ދެކޮޅަށް ކުޅުނިން. އެއީ އަހަރެމެންނަށް އޮތް މޮޓިވޭޝަނެއް،" ނިޒާމްބެ ބުންޏެވެ.
ސައިފްގެ މައްޗަށް ދެ ލެގުން ކުރި ހޯދައިފިނަމަ ޓީސީ ދެން ކުޅެން ޖެހޭނީ ޕްލޭއޮފް ބުރުގަ އެވެ. އެ ބުރުގައި ޓީސީ ބައްދަލުކުރަން ޖެހޭނީ އިންޑިއާގެ ބެންގަލޫރު އެފްސީ އާއި ބޫޓާންގެ ޓްރާންސްފޯޓް ޔުނައިޓެޑް ކުޅެގެން މޮޅުވާ ޓީމަކާ އެވެ. ޕްލޭއޮފް ބުރުން މޮޅުވާ ޓީމަަކަށް ގްރޫޕް ސްޓޭޖުގެ ޖާގަ ލިބޭނެ އެވެ. ގްރޫޕް ސްޓޭޖުގެ ޖާގަ މިހާރު ޔަގީންކޮށްފައި އޮތީ ނިއު ރޭޑިއަންޓުގެ އިތުރުން އިންޑިއާގެ އައިޒަވާލް އާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އެވެ.
ޓީސީ އާއި ސައިފް ކުޅޭ މެޗު ފަށާނީ މިއަދު ރާއްޖެ ގަޑިން 2 ޖަހާއިރު އެވެ.