މާފަށް އެދުނީ، ރޭޕް ކަމަށް ގަބޫލުކުރާތީއެއް ނޫން: ޑރ. އިޔާޒް
މާފަށް އެދުނީ، ރޭޕް ކަމަށް ގަބޫލުކުރާތީއެއް ނޫން: ޑރ. އިޔާޒް

އޭނާ ދެއްވި ޖަވާބެއްގެ މާނަ ނުބައިކޮށް ނެގި މީހުންގެ ފަރާތުން މައާފަށް އެދިވަޑައިގަތީ، ދެމަފިރިންގެ ދޭތެރޭގައި ހިންގާ ކަންތައްތަކަކީ "ރޭޕަށް" ވާނެ ކަމަށް ބުނެ ދައުވާ ކުރާ ފަރާތްތަކަށް ތާއީދު ކުރެއްވުމުގެ ގޮތުން ނޫން ކަމަށް ޝައިޚް ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

ދީނީ އެކި ކަންކަމާ ގުޅޭ ސުވާލުތަކަށް އިޔާޒު ޖަވާބު ދެއްވާ އިސްލާމިކް ނޮލެޖް ވައިބާ ގްރޫޕްގައި، "ފިރިމީހާ، ގަދަކަމުން އަނބިމީހާއާ ގުޅުން ހިންގިއްޔާ ރޭޕުކުރީ ކަމަށް ވާނެތޯ" މީހަކު އެހުމުން، އިޔާޒު ޖަވާބު ދެއްވީ "ނުވާނެ" ކަމަށެވެ. މި ޖަވާބާ މެދު ހިތްހަމަނުޖެހިގެން އެތައް ބަޔަކު ފޭސްބުކާއި ޓުވިޓާގައި ކަންބޮޑުވުން ފާޅުކުރުމުން އިޔާޒު ވަނީ ރޭ މައާފަށް އެދިވަޑައިގެންފަ އެވެ.

އެކަމަކު އިޔާޒުގެ ފޭސްބުކްގައި މިއަދު ވިދާޅުވީ، މައާފަށް އެދިވަޑައިގަތް ކަމަށް ބުނެ އޮޅުވާލައިގެން ވާހަކަ ފަތުރަމުންދާ ކަމަށެވެ. އެކަން ސާފުކޮށްދޭން އޭނާ ވިދާޅުވީ މައާފަށް އެދިވަޑައިގަތީ، ދިން ޖަވާބުގެ ސަބަބުން ބަޔަކު މީހުންނަށް ނުބައި މާނައެއް ނެގިދާނެތީ ކަމަށެވެ.

"ފަހަރެއްގައި ވެސް ދެމަފިރިންގެ ދޭތެރޭގައި ހިންގާ ކަންތައްތަކަކީ ރޭޕަށް ވާނެ ކަމަށް ބުނެ ދައުވާ ކުރާ ފަރާތްތަކަށް ތާއީދުކުރުމުގެ ގޮތަކުން ނޫނެވެ،" އިޔާޒު ވިދާޅުވި އެވެ.

އޭނާ ދެއްވި ޖަވާބުގެ މަތީގައި ސާބިތުވެ ހުންނެވި ކަމަށް ދޭހަވާ ގޮތަށް އިޔާޒު އަނެއްކާވެސް ވާހަކަ ދެއްކެވިއިރު، އެ ޖަވާބަކީ މިއީ، އަންހެނުންނަށް އިހްތިރާމް ނުކުރުމުގެ ސަގާފަތެއް އުފެދި، ގާނޫނުތަކުން އަންހެނުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތަކަށް ހުރަސްއެޅޭ ކަމެއް ކަމަށް ބައެއް ދަނީ ފާޑުކިޔަމުންނެވެ.

އެ ޖަވަބާ ގުޅިގެން، ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިން ގެންދަވަނީ އިސްލާމް ދީނުގައި އަނބިންނަށް ހެޔޮކޮށް ހިތުމުގެ މާތްކަން ވިދާޅުވެ ދެއްވަމުންނެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "އެންމެ ހެޔޮ މީހަކީ އަނބިމީހާ އަށް ހެޔޮމީހާ ކަމުގައި ހަދީސްތަކުން އެނގޭ" ކަމަށެވެ. އަނިޔާވެރިކަމާ އެކީ ގަދަކަމުން، މަޖުބޫރުން އަނބިމީހާގެ ޖިސްމާނީ އަދި ސިއްހީ، ނަފްސާނީ ހާލަތަކަށް ނުބަލައި ޖިންސީ އެދުން ފުއްދުމަށް އުޅުމަކީ އިސްލާމް ދީނުގައި ލައްވާފައިވާ ރިވެތި އުސޫލާ ޚިލާފު ބޮޑު އުދުވާނީ އަނިޔާއެއް ކަމަށެވެ. އެއީ ސުންނަތާ ޚިލާފު ކަމެއް ކަމަށާއި ހެޔޮލަފާ ފިރިއަކު އެކަން ނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.