އެމްއެންޔޫގެ އޮރިއެންޓޭޝަން ހަފުތާ ފަށައިފި
އެމްއެންޔޫގެ އޮރިއެންޓޭޝަން ހަފުތާ ފަށައިފި

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ މި އަހަރު ފަށާ ކޯސްތަކަށް އަލަށް ހޮވުނު ދަރިވަރުންނަށް ބާއްވާ އޮރިއެންޓޭޝަން ހަފުތާ އިއްޔެ ފަށައިފި އެވެ.

އެ ޔުނިވާސިޓީން ބުނީ އިއްޔެ އިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް، އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް އެމްއެންޔޫގެ ގަވާއިދުތަކާއި އުސޫލުތަކަށް އަހުލުވެރިކުރާނެ ކަމަށެވެ. ޔުނިވާސިޓީގެ އިތުރުން ދަރިވަރު ކިޔަވާ ފެކަލްޓީ ނުވަތަ ކެމްޕަހުން ވެސް އޮޮރިއެންޓޭޝަން ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.

އެމްއެންޔޫއާ އަލަށް ގުޅުނު ދަރިވަރުންނަށް މަރުހަބާ ދަންނަވައި އޮރިއެންޓޭޝަންގެ ފުރަތަމަ ސެޝަންގައި ވާހަކަދައްކަވަމުން އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒު ޝަރީފު ވަނީ ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ހުރިހާ ދަރިވަރުންގެ އަމަލުތައް ބަހައްޓަން އިލްތިމާސް ކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ ގައުމީ ޔުނިވާސިޓީއާ ގުޅޭ ދަރިވަރުންނަކީ މުޖުތަމައުގެ އެކި ކަންކަމުގައި ތަފާތު ދައްކުވައިދޭ ދަރިވަރުންތަކެއް ކަން ވެސް ފާހަގަކުރައްވައިފަ އެވެ.

އިއްޔެގެ އޮރިއެންޓޭޝަންގައި ތައުލީމާ ގުޅޭ ކަންކަމާއި ދަރިވަރުންނަށް ދޭ ހިދުމަތްތަކުގެ އިތުރުން ލައިބްރަރީ އާއި އިމްތިހާނުތަކާ މައުލޫމާތު ދީފައިވެ އެވެ،

މި މަހު ފަށާ ކޯސްތަކަށް 4،479 ދަރިވަރުން ކުރިމަތިލާފައި ވެ އެވެ. އޭގެ ތެރެއިން ޝަރުތު ފުރިހަމަވާ 2853 ދަރިވަރުންނަށް ފުރުސަތު ދީފައިވާ އިރު، މިހާރު ވެސް ކިޔަވަމުން އަންނަ 7،070 ދަރިވަރުންނާއެކު، މި ސެމިސްޓާގައި ގާތްގަނޑަކަށް 9،000 ދަރިވަރުން ކިޔަވާނެ އެވެ.