އާސެނަލާއި ޓޮޓެންހަމުގެ ޓާގެޓް މެލްކޮމް ބޯޑޯގައި މަޑުކުރާނެ
އާސެނަލާއި ޓޮޓެންހަމުގެ ޓާގެޓް މެލްކޮމް ބޯޑޯގައި މަޑުކުރާނެ

ބޯޑޯ، ފްރާންސް (ޖެނުއަރީ 23) – ޓޮޓެންހަމް ހޮޓްސްޕާސް އާއި އާސެނަލުން ބޭނުންވާ ބްރެޒިލް ފޯވާޑް މެލްކޮމް، ބޯޑޯގައި މަޑުކުރާނެ ކަމަށާއި އެއީ އޭނާ އެ ޓީމާ ހަވާލުވިއިރު ކުރި ޝަރުތެއް ކަމަށް އާ ކޯޗު ގުސް ޕޮޔެޓް ބުނެފި އެވެ.

އުމުރުން 20 އަހަރުގެ މެލްކޮމް އަކީ 2016 ވަނަ އަހަރު ބްރެޒިލްގެ ކޮރިންތިއަންސް އިން ބޯޑޯއާ ގުޅުނު ކުޅުންތެރިޔެކެވެ.

"އަހަރެން އެންމެ ފުރަތަމަ ވެސް އެހިން މެލްކޮމް މަޑުކުރާނެތޯ ނުވަތަ ނޫންތޯ. އެ މީހުން ބުނީ އާނ އެކޭ (މަޑުކުރާނެޔޭ). އަހަރެން ބުނިން އޯކޭއޭ ދެން މަޝްވަރާތައް ކުރިއަށް ގެންދެވިދާނެޔޭ،" ހޮނިހިރު ދުވަހު ޓީމާ ހަވާލުވި ޕޮޔެޓް އޭނާ އެ ޓީމާ ހަވާލުވާން ކުރި މަޝްވަރާތަކަށް އިޝާރާތްކޮށް ބުންޏެވެ.

ބޯޑޯގެ ރައީސް ސްޓެފޭން މާޓިން ވިދާޅުވީ މެލްކޮމް އެ ކްލަބް ދޫކޮށްނުލާނެ ކަމަށާއި އެ ވާހަކަ މިހާރު އެތައް ފަހަރަކު ތަކުރާރުކުރެވިއްޖެ ކަމަށެވެ.

"އޭނާ ބުނެފައި އޮތީ ކޮންމެވެސް ދުވަހަކުން ޕްރިމިއާ ލީގުގައި ކުޅެން ބޭނުމޭ. އެއީ އާއްމު ކަމެއް. އިންގްލެންޑުގައި ކުޅެން ބޭނުންނުވާނީ ކޮން ކުޅުންތެރިޔެއް؟،" މާޓިން ވިދާޅުވި އެވެ. "މެލްކޮމްއާ އެއްވެސް މައްސަލައެއް ނެތް."

އާސެނަލުން އެ ޓީމުގެ ފޯވާޑް އެލެކްސިސް ސަންޗޭޒް މެންޗެސްޓާ ޔުނައިޓެޑުގެ ހެންރިކް މިކިތާރްޔަންއާ ވަނީ ބަދަލުކޮށްފަ އެވެ. އެހެންވެ އެ ޓީމުން އާ ފޯވާޑެއް ބޭނުންވެ އެވެ. ބޮރޫޝިއާ ޑޯޓްމަންޑުގެ ފޯވާޑް ޕިއެރޭ-އެމެރިކް އޯބަޔަމަންއާ އެކު އިތުރު ޒުވާން ފޯވާޑެއް ގެންނަން އެ ކްލަބުން ޝައުގުވެރިވާ ކަމަށް ބެލެވެ އެވެ.