23 ޖެނުއަރީ 2018 - 07:26

ޕެރިސް (ޖެނުއަރީ 23) – ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން އަންނަ ސީޒަނުގައި ގެނައުމަށް އޭނާގެ ގައުމު ފްރާންސުގެ ޕީއެސްޖީން ރާވަމުން އަންނަ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓެއް ބުނެފި އެވެ.
ޕީއެސްޖީގެ މިހާރުގެ ކޯޗު އުނައީ އެމެރީގެ މަގާމް މި ސީޒަނަށް ފަހު ގެއްލޭނެ ކަމަށް ލަފާކުރެވެ އެވެ. މިދިޔަ ސީޒަނުގެ ފްރާންސް ލީގުގެ ޗެމްޕިއަން އެ ޓީމަށް ގެއްލުނުއިރު ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ކެޓީ އެވެ. ޔޫރަޕުގެ ވަރުގަދަ ބާރަކަށް ޕީއެސްޖީ ހެދުމަށް އެ ކްލަބުން ކުރާ މަސައްކަތުގައި މި ފަހަރު ވަނީ ބާސެލޯނާގެ ނޭމާ ދުނިޔޭގެ ރެކޯޑް އަގަކަށް ގެނެސްފަ އެވެ. އެހެންކަމުން އެ ޓީމުން ވަރުގަދަ ކޯޗެއް ވެސް ބޭނުންވާނެކަމަށް ޔަގީންކުރެވެ އެވެ.
ރިޕޯޓް ބުނާ ގޮތުގައި ޕީއެސްޖީން ޒިދާން ބޭނުންވަނީ ތިން ސަބަބަކާ ހެދި އެވެ. ފުރަތަމަ ސަބަބަކީ ކޯޗެއްގެ ގޮތުގައި ހޯދާފައިވާ ކާމިޔާބީތަކެވެ. ހާއްސަކޮށް ޗެމްޕިއަންސް ލީގުގަ އެވެ. މީގެ އިތުރުން ނަން މަޝްހޫރު ކުޅުންތެރިން މެނޭޖްކުރުމުގައި އޭނާގެ ކުޅަދާނަ ކަމާއި އޭނާ އަކީ ފްރެންޗް މީހަކަށް ވުމަކީ ވެސް ޕީއެސްޖީން ގަޔާވާ ސަބަބުތަކެކެވެ.
ރެއާލް މެޑްރިޑަށް ޖެހިޖެހިގެން ދެ ސީޒަނުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައިވީ ނަމަވެސް މި ސީޒަނުގެ ސްޕެނިޝް ލީގުގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނާތީ ޒިދާންގެ މަގާމް ވެސް މާގިނަ ދުވަހު ދެމިއޮންނާނެ ކަމަށް ނުބެލެވެ އެވެ.
ފްރާންސާ އެކު 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޒިދާން ވަނި ކުޅުންތެރިޔެއްގެ ގޮތުގައި ރެއާލް މެޑްރިޑާ އެކު ވެސް ގިނަ ކާމިޔަބީތަކެއް ހޯދައިފަ އެވެ. އެކަމަކު ކޯޗެއްގެ ގޮތުގައި ހުންނައިރު ކުޅުންތެރިޔެއްގެ ގޮތުގައި މެޑްރިޑުގައި ހޯދި ކާމިޔާބީތަކުގެ ހިމާޔަތެއް ނުލިބޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. މާނައަކީ ކޯޗެއްގެ ގޮތުގައި ނަތީޖާ ދަށްވާ ނަމަ މަގާމް ގެއްލުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ވެސް ގަބޫލުކުރުމެވެ.