ލިވަޕޫލްގެ ބަލިނުވުމުގެ ސިލްސިލާ އަށް ނިމުން އަތުވެއްޖެ
ލިވަޕޫލްގެ ބަލިނުވުމުގެ ސިލްސިލާ އަށް ނިމުން އަތުވެއްޖެ

ސްވަންސީ (ޖެނުއަރީ 23) – އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީގެ މޮޅުވުމުގެ ސިލްސިލާ މިދިޔަ ހަފުތާގައި ހުއްޓުވާލި ލިވަޕޫލް އޭގެ ފަހުން ކުޅުނު ފުރަތަމަ މެޗުގައި ތާވަލުގެ ފުލުގައި އޮތް ސްވަންސީ ސިޓީ އަތުން 1-0 އިން ރޭ ބަލިވެއްޖެ އެވެ.

ލިވަޕޫލް ބަލިނުވެ ފުރިހަމަކުރަމުން އައި ސިލްސިލާ އަށް 18 މެޗާ ހަމައިން ނިމުން އައިއިރު އެ ޓީމު އޮތީ 47 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ރޭގެ މެޗުން މޮޅުވި ނަމަ ތިން ވަނައިގައި 50 ޕޮއިންޓާ އެކު އޮތް ޗެލްސީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކުރެވުނީހެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި ލިވަޕޫލުން 75 މިލިއަން ޕައުންޑަށް ގަތް ވާޖިލް ވެން ޑައިކް ޕްރިމިއާ ލީގުގައި ލިވަޕޫލަށް ކުޅެދިން ފުރަތަމަ މެޗުގައި، އެ ޓީމު ކޮޅަށް ގޯލް ޖެހީ 40 ވަނަ މިނެޓުގައި ސްވަންސީގެ އަލްފީ މޯސަން އެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލަށް ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވި އެވެ. ސަޑިއޯ މާނޭ އާއި މުހައްމަދު ސަލާހް އަދި ވެން ޑައިކަށް ލިބުނު ފުރުސަތުތައް އެތެރެކޮށްނުލެވުނެވެ. ލިވަޕޫލުން ދެ ވަނަ ހާފުގައި ވެސް ސްވަންސީ އަށް ޕްރެޝަރު ބޮޑުކުރި އެވެ. އެކަމަކު ސަލާހާއި ޑެނީ އިންގްސް ފޮނުވާލި ހަމަލާތައް ސްވަނަސީގެ ގޯލްކީޕަރު ލޫކަސް ފަބިއަންސްކީ މަތަކުރި އެވެ.

ލިވަޕޫލުގެ ކޯޗު ޔާގަން ކްލޮޕް ބުނީ ނަތީޖާ އަށް ވުރެ އޭނާ ހިތްހަމަނުޖެހެނީ ދެއްކި ކުޅުމާ މެދު ކަމަށާއި ބޭނުންވި ގޮތަށް ނުކުޅޭ ކަމަށެވެ.

"އަހަރެމެން ދިނީ އެ ޓީމަށް ލަނޑު ޖަހާނެ ފުރުސަތު. ދެން އަހަރެމެން ކަންތައްކުރީ ސްވަންސީން ސީދާ ބޭނުންވާނެ ގޮތަށް. ސްވަންސީ އަށް އެނގޭ މޮޅުވާން އަހަރެމެންގެ އެހީ ބޭނުވާނެކަން،" ކްލޮޕް ބުންޏެވެ.