22 ޖެނުއަރީ 2018 - 20:37

އަނބިމީހާއާ ގަދަކަމުން ޖިންސީ ގުޅުން ހިންގުމަކީ "ރޭޕެއް ނޫން" ކަމަށް ވިދާޅުވެ ޝައިހް މުހައްމަދު އިޔާޒް އަބްދުއްލަތީފް ދެއްވި ޖަވާބު، ބޮޑު މައްސަލަގަނޑަކަށްވެ ފާޑުކިއުންތައް އަމާޒުވުމުން، އޭނާ މިރޭ މާފަށް އެދިވަޑައިގެންފި އެވެ.
ދީނީ އެކި ކަންކަމާ ގުޅޭ ސުވާލުތަކަށް އިޔާޒު ޖަވާބު ދެއްވާ އިސްލާމިކް ނޮލެޖް ވައިބާ ގްރޫޕްގައި، "ފިރިމީހާ، ގަދަކަމުން އަނބިމީހާއާ ގުޅުން ހިންގިއްޔާ ރޭޕުކުރީ ކަމަށް ވާނެތޯ" މީހަކު އެހުމުން، އިޔާޒުގެ ޖަވާބަކީ "ނުވާނެ" ކަމަށެވެ. މި ޖަވާބާ މެދު ހިތްހަމަނުޖެހިގެން އެތައް ބަޔަކު ދަނީ، ފޭސްބުކާއި ޓުވިޓާގައި ކަންބޮޑުވުންފާޅުކުރަމުންނެވެ.
މިއީ، އަންހެނުންނަށް އިހްތިރާމް ނުކުރުމުގެ ސަގާފަތެއް އުފެދި، ގާނޫނުތަކުން އަންހެނުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތަކަށް ހުރަސްއެޅޭ ކަމެއް ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.
ސޯޝަލް މީޑިއާގައި އޭނާ އަށް އަމާޒުކޮށް ދައުރުވާ ހޫނު ހަމަލާތަކަށް ރައްދު ދެއްވަމުން އިޔާޒު ފޭސްބުކްގައި ވިދާޅުވީ އޭނާގެ ޖަވާބުން ބައެއް މީހުންނަށް އޮޅުންތަކެއް އަރާ ކަމަށެވެ. އެގޮތަށް ޖަވާބު ދެއްވީ، "ގަދަކަމުން ޖިންސީ ގުޅުން ހިންގުމުގެ ދައުވާ އުފުލި ހުކުމްކުރެވި ހުކުމް ތަންފީޒު ކުރުމާ މެދު ކުރެވޭ ބަހުސަކަށް ރިއާޔަތްކުރެވިގެން" ކަމަށް ވިދާޅުވި އެވެ.
އޭނާ ދެއްވި ކުރު ޖަވާބުން މާނަ އޮޅުނު މީހުންގެ ކިބައިން މާފަށް އެދިވަޑައިގެން ނެރުއްވި ބަޔާނެއްގައި އިޔާޒު ވިދާޅުވީ، އިސްލާމް ދީނުގައި އަންހެނަކާއި ފިރިހެނަކާ ދެމެދު އުފެދޭ ޒަވާޖީ ގުޅުން ބިނާކުރަން އިރުޝާދު ދީފައި ވަނީ، ލޯތްބާއި ރަހުނާއި ކުލުނާއި އޯގާތެރިކަމުގެ މައްޗަށް ކަމަށެވެ. ގަދަބާރުން، އެކަކުގެ ކިބައިން އަނެކަކު އެދުންތައް ހާސިލްކުރުމުގެ މައްޗަށް ނޫން ކަމަށެވެ.
"އަނބިފިރި ކަމުގެ ގުޅުމަކީ ވެސް މި ދެންނެވި މުގައްދަސް ގުޅުމުގެ ތެރެއިން އުފެދިގެން އަންނަ ކަމަކަށްވާއިރު އެކަކު އަނެކަކަށް އަނިޔާކޮށްގެން ނުވަތަ އަނިޔާވެރިވެގެން އެ ގުޅުން ހިންގުމެއް ނުވޭ އެވެ. އަދި ހަމައެހެންމެ ދެމަފިރިންކުރެ އެކަކު ވެސް އެކަމަށް އެދިއްޖެ ހިނދެއްގައި މަގްބޫލް ސަބަބެއް ނެތި އިންކާރު ކުރުމުގެ ހައްގު ދެމަފިރިން ކުރެ އެކަކަށް ވެސް ލިބިގެން ނުވޭ އެވެ،" ބަޔާނުގައިވެ އެވެ.
އިޔާޒު ފުރަތަމަ ދެއްވި ޖަވާބަށް އިޝާރާތް ކުރައްވައި، އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ، އިސްލާމް ދީނުގައި އަނބިމީހާ އަށް ހެޔޮކޮށް ހިތުގެ މާތް ކަން ވިދާޅުވެދެއްވައިފަ އެވެ.
އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "އެންމެ ހެޔޮ މީހަކީ އަނބިމީހާ އަށް ހެޔޮމީހާ ކަމުގައި ހަދީސްތަކުން އެނގޭ" ކަމަށެވެ. އަނިޔާވެރިކަމާ އެކީ ގަދަކަމުން، މަޖުބޫރުން އަނބިމީހާގެ ޖިސްމާނީ އަދި ސިއްހީ، ނަފްސާނީ ހާލަތަކަށް ނުބަލައި ޖިންސީ އެދުން ފުއްދުމަށް އުޅުމަކީ އިސްލާމް ދީނުގައި ލައްވާފައިވާ ރިވެތި އުސޫލާ ޚިލާފު ބޮޑު އުދުވާނީ އަނިޔާއެއް ކަމަށެވެ. އެއީ ސުންނަތާ ޚިލާފު ކަމެއް ކަމަށާއި ހެޔޮލަފާ ފިރިއަކު އެކަން ނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.