ސީރިއާގެ ބައެއް އަވަށްތައް ތުރުކީ ސިފައިންގެ ބާރުގެ ދަށަށް
ސީރިއާގެ ބައެއް އަވަށްތައް ތުރުކީ ސިފައިންގެ ބާރުގެ ދަށަށް

އަންކާރާ (ޖެނުއަރީ 22) - ސީރިއާގެ ހުޅަނގު އުތުރުގައި ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް ތުރުކީ ސިފައިން މިހާރު ފަށައިގެން އުޅޭ އޮޕަރޭޝަނުގައި އެ ގައުމުގެ ބައެއް އަވަށްތައް ހިފައިފި އެވެ.

ތުރުކީ ސިފައިން ހަރަކާތްތެރިވަމުން ދަނީ ސީރިއާގެ އަފްރީން ސަރަހައްދުގަ އެވެ. ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެފައި ވަނީ ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި އެންމެ ތަންކޮޅެއް ވެސް ފަހަށް ނުޖެހޭނެ ކަމަށެވެ.

ތުރުކީގެ ހަމަލާތައް އަމާޒު ކުރަމުން ދަނީ ކުރުދީ ވައިޕީޖީއާ ދެކޮޅަށެވެ. ތުރުކީން ތުހުމަތުކުރާ ގޮތުގައި ސީރިއާގެ އިރު އުތުރުގެ ބޮޑު ބައެއް ކޮންޓްރޯލް ކުރާ ވައިޕީޖީ އިން ދަނީ މަނާކޮށްފައިވާ ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ) އާ ގުޅުން ގާއިމް ކުރަމުންނެވެ. އެކަމަކު އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެމެރިކާ އިން ދަނީ ވައިޕީޖީ އަށް ތާއީދު ކުރަމުންނެވެ. ތުރުކީން ވަނީ ވައިޕީޖީ އަށް އެމެރިކާ އިން މަދަދު ފޯރުކޮށްދޭތީ އެކަން ކުށްވެރިކޮށްފަ އެވެ.

ތުރުކީ ސިފައިން އަފްރީންގައި ހިންގާ އޮޕަރޭޝަނުގައި މިހާތަނަށް އާއްމުންގެ 18 މީހުން މަރުވެފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. ގިނަ މީހުން މަރުވެފައި ވަނީ ތުރުކީގެ ވައިގެ ހަމަލާތަކުގަ އެވެ.

ތުރުކީ ސިފައިން މިހާރު ހިންގާ އޮޕަރޭޝަނާ ގުޅޭ ގޮތުން އދ.ގެ ސަލާމަތީ މިޖިލީހުގެ ކުއްލި ބައްދަލުވުމެއް މިއަދު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.