22 ޖެނުއަރީ 2018 - 15:03

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެމްބަރު ކަމަށް ކުރިމަތިލާން ތިން ވަނަ ފަހަރަށް ރައީސް އޮފީހުން މިއަދު އިއުލާނުކޮށްފި އެވެ.
އެންއައިސީގެ ރައީސްގެ މަގާމުގައި ހުންނެވި ޔޫސުފް މާނިއު މަގާމުން ވަކި ކުރެއްވުމުން، އެ ކޮމިޝަނުން ހުސްވެފައިވާ މަގާމަށް ކުރިމަތިލާން މިދިޔަ ނޮވެމްބަރު އަދި ޑިސެމްބަރު މަހު ވެސް ހުޅުވާލި އެވެ. ނަމަވެސް އެ ދެ އިއުލާނު ވެސް ފަހުން ވަނީ ރައީސް އޮފީހުން ބާތިލްކޮށްފަ އެވެ.
އެ އޮފީހުން މިއަދު ކުރި އިއުލާނުގައި ބުނީ އެންއައިސީގެ މެމްބަރުކަމަށް ކުރިމަތިލާން އަންނަ ހަފުތާގެ ބުދަ ދުވަހާ ހަމައަށް ފުުރުސަތު ދީފައިވާ ކަމަށެވެ.
އެންއައިސީގެ މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ޝަރުރުތަކުގެ ތެރޭގައި އުމުރުން 30 އަހަރު ވެފައި ވުމާއި ފަސްޓް ޑިގްރީއެއް އޮތުމާއި އަދި ހަތް އަހަރުގެ މަސައްކަތުގެ ތަޖުރިބާ ހުރުމުގެ އިތުރުން އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެ އެވެ.
ފުލުހުންނާއި ކަސްޓަމްސް ފަދަ އިދާރާތަކުގެ މައްސަލަތައް ބެލުމުގެ ޒިންމާ އުފުލަން ޖެހޭ އެންއައިސީގެ ރައީސްކަމުން މާނިއު ވަކިކުރީ އެ ކޮމިޝަންގެ ބައެއް ތަހުގީގުތަކަށް ފުލުހުންގެ ބައެއް އިސްވެރިން ހުރަސްއަޅާ ކަމަށް ތުހުމަތުކޮށް، އެ ކަމަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އޭނާ ދެއްވާފައި ވަނިކޮށް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.