22 ޖެނުއަރީ 2018 - 15:18

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅާފައިވާ މައްސަލައިގެ ކަންބޮޑުވުންތައް އަޑުއައްސަވަން، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު އިސްމާއިލް ހަބީބު ބައްދަލުކުރެއްވީ އަމިއްލަ ހައިސިއްޔަތުން ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަންގައި ބޭއްވި މި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ، އީސީގައި ފަސް މެމްބަރުން ތިއްބަވާއިރު، ހަބީބު ނޫން މެމްބަރަކު ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ކަމަށެވެ. ހަބީބު ބައްދަލުކުރެއްވީ، އަމިއްލަ ހައިސިއްޔަތުން ކަމަށާއި ކޮމިޝަންގެ ނަމުގައި އެއްވެސް ޔަގީން ކަމެއް ނުދެއްވޭނެ ކަމަށް އޭނާ ވިދާޅުވި ކަމަށް އިބޫ ވިދާޅުވި އެވެ.
"ހަބީބު ވިދާޅުވީ ތިމަންނައަކީ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ޖަވާބު ދެއްވޭނެ ބޭފުޅެއް ނޫނޭ. އަޅުގަނޑުމެންގެ ކަންބޮޑުވުންތައް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާ ހިއްސާ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ހަބީބު ދެއްވި،" އިބޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅަން ޖެހެނީ ސުޕްރީމް ކޯޓުން ކަމަށް ގާނޫނުއަސާސީގައި އޮވެ އެވެ. އެހެން އޮއްވައި، ގޮނޑި ގެއްލިއްޖެ ކަމަށް އެ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅަނީ ކޮން ހައިސިއްޔަތަކުންތޯ ސާފުކޮށްދޭން ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އިދިކޮޅު ފަރާތްތަކުން އެދިވަޑައިގަތް ކަމަށް އިބޫ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެދުނިން މެމްބަރުންގެ ގޮނޑިއާ ގުޅޭގޮތުން ގޯސްކޮށް ނިންމާފައިވާ ކަންކަން އަލުން އެޖެންޑާކޮށްގެން ރަނގަޅަށް ކުރިއަށް ގެންގޮސްދޭން،" އޭނާ ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ފާހަގަކުރެއްވި ގޮތުގައި، މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ނަމަ 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވަން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވެ އެވެ. އެކަމަކު، ގާނޫނުއަސާސީއާ ހިލާފަށް މެމްބަރުންގެ ގޮނޑިތަކެއް ގެއްލިއްޖެ ކަނޑައަޅައި، އީސީގެ ޒިންމާއަދާނުކުރައްވާތީ ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
"އެހެންވީމަ، އީސީން މި ހިންގަނީ ވަރަށް ބޮޑު ޖަރީމާތަކެއް، އެ ކޮމިޝަނަކީ އެއްވެސް ހާލެއްގައި، ރައީސް ޔާމީން ވެރިކަން ދިފާއުކުރަން ތިބި ބައެއް ނޫން،" އޭނާ ވިދާޅުވި އެވެ.
މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ ގިނަ މެމްބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައޅައި އެ މެމްބަރުން މަޖިލީހަށް ވެންނެވުމަށް ހުރަސްއެޅުމުން ގެއްލެނީ 70،000 ރައްޔިތުންގެ ހައްގު ކަން ވެސް އީސީ އަށް ހަނދާންކޮށްދީފައިވާ ކަމަށެވެ.
އީސީން ކަނޑައަޅާފައި ވަނީ، ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހުގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ. މެމްބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ހުކުމާ ޚިލާފަށް ބައެއް މެމްބަރުން ވަކިކޮށްފައިވާތީ، މި މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނިކޮށް، އިންތިޚާބުތައް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ. އެކަމަކު އަދިވެސް އިންތިހާބު ބާއްވާނެ ތާރީހު އިއުލާންކޮށްފައި ނުވާތީ ވެސް އެ ކޮމިޝަނަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.