ބަނޑުގައި ރިއްސާއިރު މާބަނޑު މީހާއާއެކު ނަށާ ޑޮކްޓަރެއް
ބަނޑުގައި ރިއްސާއިރު މާބަނޑު މީހާއާއެކު ނަށާ ޑޮކްޓަރެއް

އަންހެނަކު ވިހަން ބަނޑުގައި ރިއްސާއިރު ނެށުމަކީ ކުރަން ހިތަށް އަރާނެ ކަމެއް ވެސް ނޫނެވެ. ނަމަވެސް މި ޑޮކްޓަރު ބުނަނީ މިއީ ބަނޑުގައި އަޅާ ވޭން ކުޑަކުރަން އޮތް އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ބްރެޒީލްގެ ޑޮކްޓަރެއް ކަމަށްވާ ފާނަންޑޯ ގުއެޑެސް ޑަ ކުންހާ އިންސްޓަގްރާމްގައި ޝެއާކުރި ވީޑިއޯއެއްގައި މާބަނޑު މީހަކާ އެކު ލޭބާ ވޯޑުގައި އޭނާ ނަށަނިކޮށް ފެނެ އެވެ.

ވިހަން ބަނޑުގައި ރިހޭ ރިހުމަކީ ވަރަށް ވޭންގަދަ ރިހުމަކަށް ވާއިރު ޑރ. ފާނަންޑޯގެ މި އާދަޔާޚިލާފު ޓެކްނިކަކީ ސައިންސް ވެސް މިކަމާ ކޮންމެވެސް ވަރަކަށް އެއްބަސްވާ ޓެކްނިކެއް ކަމަށްވެ އެވެ.

ނިއު ޖާސީގެ އޯވަލުކް މެޑިކަލް ސެންޓަރުގެ އަންހެނުންގެ ޚާއްސަ ޑޮކްޓަރު ރެޖީނާ ކަޕްލާން ވިދާޅުވީ ވިހެއުމުގެ މަރުހަލާގައި ނެށުމުން ވިހަން އެހީތެރިކަން ލިބޭ ކަމަށެވެ.

"ތުއްތު ކުއްޖާއަށް މައިމީހާގެ ބަނޑުން ނުކުތުމަށްޓަކައި ހަރަކާތްކުރަން ޖެހޭ. އެހެންވެ މަންމަ ހަރަކާތްކުރުމުން ތުއްތު ކުއްޖާ ބާތު ކެނެލް ސްޓްރަކްޗާ ތެރޭގައި މޫވްކޮށް ކުރިޔަށް ދިއުމަށް އެހީތެރިކަން ލިބޭ،" ޑޮކްޓަރު ވިދާޅުވި އެވެ.

ޑާންސް ކުރުމުން މައިމީހާގެ ކަށިގަނޑުގެ ފްރޭމާއި ގުނަވަންތަކުގައި ހުންނަ ޕްރެޝަރު ބަދަލުކޮށްލަން ތުއްތުކުއްޖާއަށް އެހީތެރިކަން ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިހަން ބަނޑުގައި ރިހޭ އަންހެނަކާއެކު ޑރ. ފާނަންޑޯ ޑާންސްކުރާ ވީޑިއޯ މިދިޔަ އޮގަސްޓް މަހު ފުރަތަމަ ފަހަރަށް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން އޭނާއަށް ވަރަށް ބޮޑު ތަރުހީބެއް ލިބި މަޝްހޫރުކަން ވަރަށް ބޮޑަށް އިތުރުވި އެވެ. އޭނާ ނަށަނީ ޖަސްޓިން ބީބާގެ "ޑެސްޕެސީޓޯ" ލަވަ އަށެވެ.

ހޮސްޕިޓަލް ޔޫމައިންޑް ވިޓޯރިއާ އިން މި ވީޑިއޯގެ ކްލިޕެއް އެތަނުގެ ފޭސްބުކް ޕޭޖްގައި ޕޯސްޓްކުރުމުން 242،000 ވިއުޒް ލިބިފައިވެ އެވެ.

އޭގެ ފަހުން ގިނަ ބަޔަކު ފާނަންޑޯ އަށް "ޑާންސިން ޑޮކްޓަރު"ގެ ނަން ދީފައިވެ އެވެ.

މި ވީޑިއޯގެ ކެޕްޝަނުގައި ހޮސްޕިޓަލުގެ މުވައްޒަފުން ލިޔެފައިވާ ގޮތުގައި ބަނޑުގައި ރިހޭއިރު ނެށުމުން މަސްތައް ރިލެކްސްވެ ފަސޭހައިން ދަރިފުޅު ނުކުތުމަށް މަގުފަހިވާނެ އެވެ.