22 ޖެނުއަރީ 2018 - 14:00

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ އެގްޒެކްޓިވް ބޯޑުގެ މެމްބަރެއްގެ ގޮތުގައި 19 އަހަރު ހުންނެވި މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ނުލައި އެ ޖަމިއްޔާގެ ބޯޑު މިއަދު އަލުން އެކުލަވާލައިފި އެވެ.

ޓޫރިޒަމް ދާއިރާ ކުރިއަރުވައި ދެމެހެއްޓުމަށް 1982 ވަނަ އަހަރު ވިޔަފާރިވެރިންތަކެއް ގުޅިގެން އުފެއްދި ޖަމިއްޔާގެ ޗެއާމަންގެ އިތުރުން ވޭތުވެދިޔަ ތިން އަހަރު ވައިސް ޗެއާމަންގެ ގޮތުގައި ވެސް ހުންނެވީ ގާސިމެވެ. ގާސިމް ހުންނެވީ ތިން އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އަދި އޭނާ ރާއްޖެއިން ބޭރުގައި އުޅުއްވާތާ ވެސް ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ.
ކުރުނބާ މޯލްޑިވްސްގައި މިއަދު ބޭއްވި މަޓީގެ ވައިސް ޗެއާމަންގެ ގޮތުގައި ހަމަޖެއްސެވީ އެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ވޮޔެޖަސް މޯލްޑިވްސްގެ ޑިރެކްޓަރު ސޮލާހު ޝިހާބެވެ. އެ މަގާމަށް ސޮލާހު އައްޔަންކުރެއްވީ އޭނާއާ ވާދަކުރާނެ އިތުރު ނަމެއް ހުށަހަޅާފައި ނެތުމުންނެވެ.
މަޓީގެ އިސް އޮފިޝަލަކު ވިދާޅުވީ މަޓީގެ ފައުންޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާސިމް މިފަހަރު އެގްޒެކްޓިވް ބޯޑު ނެތް ނަމަވެސް އޭނާގެ ދަރިކަލުން ކަމަށްވާ އިބްރާހިމް ސިޔާދު ގާސިމާއި އިސްމާއިލް ސިޔާން ގާސިމް ބޯޑުގައި ހިމެނިވަޑައިގަންނަވާ ކަމަށެވެ. އޭގެ އިތުރުން އަލަށް އެ ބޯޑަށް އައްޔަންކުރެއްވީ ސަން ޓްރެވަލްގެ ފަރާތުން ޒުލޭހާ މަނިކާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އެވެ. މަޓީގެ ޗެއާމަނަކަށް މި ފަހަރު ވެސް ހަމަޖެއްސީ ޔުނިވާސަލްގެ ޗެއާމަން މުހަންމަދު އުމަރު މަނިކެވެ.
ޓޫރިޒަމް އިންޑަސްޓްރީގެ ދިފާއުގައި މަސައްކަތްކުރާ ޖަމިއްޔާގެ އަހަރީ އާއްމު ޖަލްސާ ބޭއްވިއިރު، ގާސިމްގެ ހަތަރު ރިސޯޓަކަށް ރަލާއި އޫރުމަސް އެތެރެ ކުރުމުގެ ހުއްދަ މިދިޔަ އަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހުން ފެށިގެން ބާތިލުކުރުމަށްފަހު، ކަސްޓަމްސް އިން ވަނީ އެ ތަންތަނުގައި ރާ ވިއްކުން ހުއްޓުވައިފަ އެވެ.