އަސާންޖަކީ އިކުއެޑޯ އަށް މައްސަލަގަނޑެއް: ރައީސް މޮރެނޯ
އަސާންޖަކީ އިކުއެޑޯ އަށް މައްސަލަގަނޑެއް: ރައީސް މޮރެނޯ

ގުއިޓޯ (ޖެނުއަރީ 22) - ވިކިލީކްސްގެ ފައުންޑާ ޖޫލިއަން އަސާންޖަކީ އިކުއެޑޯ އަށް "ވާރުތަވެފައިވާ މައްސަލަގަނޑެއް" ކަމަށް އެ ގައުމުގެ ރައީސް ލެނިން މޮރެނޯ ވިދާޅުވެއްޖެ އެވެ.

މި މަހު ކުރީކޮޅު އިކުއެޑޯ އިން ވަނީ އަސާންޖަށް އެ ގައުމުގެ ރަށްވެހިކަން ދީފަ އެވެ. ލަންޑަނުގައި ހުންނަ އިކުއެޑޯގެ އެމްބަސީން ހިމާޔަތް ހޯދާފައިވާ އަސާންޖަށް ސިޔާސީ ހިމާޔަތް ދިނުމަށް ފަހު އޭނާ އިނގިރޭސި ވިލާތުން ބޭރަށް ގެންދިއުމަށް މިހާތަނަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.

މޮރެނޯ ވިދާޅުވީ އަސާންޖް ސަލާމަތް ކުރެވޭތޯ ކަމާބެހޭ ފަރާތްތަކާ މިހާރު ވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް ވިދާޅެއް ނުވެ އެވެ.

އަސާންޖުގެ މައްޗަށް ތުހުމަތުކޮށްފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން ދައުވާ ކުރަން އޭނާ ސްވިޑަން އަށް ފޮނުވާލަފާނެ ކަމުގެ ބިރަށް އިކުއެޑޯ އެމްބަސީން ހިމާޔަތް ހޯދާފައި ވަނީ 2012 ވަނަ އަހަރު އެވެ. ސްވިޑަން އަށް ފޮނުވާލައިފި ނަމަ އަސާންޖް އެމެރިކާއާ ހަވާލު ކުރުމުގެ ބިރު ވެސް އެބައޮތެވެ.

އަސާންޖަށް ހިމާޔަތް ދީފައި ވަނީ އިކުއެޑޯގެ ކުރީގެ ރައީސް ރަފައެލް ކޮރިއާ އެވެ. އިކުއެޑޯގެ ޚާރިޖީ ވަޒީރު ފެނާންޑާ އެސްޕިނޮސާ ވިދާޅުވީ ކުރީގެ ސަރުކާރުން އަސާންޖަށް ދީފައިވާ ހިމާޔަތް އާ ސަރުކާރުން ވެސް ދަމަހައްޓާނެ ކަމަށެވެ.