22 ޖެނުއަރީ 2018 - 12:41

ރާއްޖޭގައި އިމާރާތް ކުރުމުގެ ދާއިރާ އިތުރަށް ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ރައީސް އަބްދުﷲ ޔާމީން ބޯޑެއް އުފައްދަވައިފި އެވެ.
"މޯލްޑިވްސް ބިލްޑިންގް އެންޑް ކޮންސްޓްރަކްޝަން ބޯޑު" ގެ ނަމުގައި މި މަހުގެ ހަތްވަނަ ދުވަހު އުފެއްދެވި މި ބޯޑުގައި ތިއްބަވަނީ އިމާރާތް ކުރުމުގެ ސިނާއަތާ ގުޅުން ހުރި ދާއިރާތަކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އަދި ތަޖުރިބާ ލިބިވަޑައިގެންފައިވާ ހަތް ބޭފުޅެއް ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
އެއީ، މަސީގެ ކުރީގެ ރައީސް އަދި ރިސޯޓް ކޮންސްޓްރަކްޝަން ކޮމްޕެނީގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު (ޖަނާ) އާއި އަމިން ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދާއި ފާތިމަތު ޝާހީނާ، ދަފުތަރު ނަމްބަރު 8087 އާއި ގ. ރޯޒަރީ ވެސްޓް އިސްމާއިލް އިބްރާހީމާއި ގ. ހިޔަލަ އަބްދުﷲ ފަޔާޒާއި މ. ފެންގަސް އަލީ ސުހެއިލް މުހައްމަދު އަދި މ. ޕޮޕީ މުހައްމަދު ޝަފީގް މަހުމޫދެވެ. ބޯޑުގެ ޗެއާމަނަކީ ޖަނާ އެވެ.
ހައުސިން މިނިސްޓްރީން ބުނިގޮތުގައި "މޯލްޑިވްސް ބިލްޑިންގް އެންޑް ކޮންސްޓްރަކްޝަން ބޯޑު" އުފެއްދެވީ އިމާރާތް ކުރުމުގެ ގާނޫނު ތަސްދީގު ކުރެއްވުމާ ގުޅިގެން، އެ ގާނޫނުގެ ފަހެއް އަދި ހަ ވަނަ މާއްދާގެ ދަށުންނެވެ.