މަޝްހޫރު ބައެއް ކޯޗުންނާ އެކު އޭ ލައިސަންސް ކޯސް ފަށައިފި
މަޝްހޫރު ބައެއް ކޯޗުންނާ އެކު އޭ ލައިސަންސް ކޯސް ފަށައިފި

ކުރިއަރަމުން އަންނަ މަޝްހޫރު ބައެއް ކޯޗުންނާ އެކު 11 އަހަރަށް ފަހު އޭއެފްސީ އޭ ލައިސަންސް ފުޓްބޯޅަ ކޯޗިން ކޯސް މާލޭގައި އިއްޔެ ފަށައިފި އެވެ.

ޖޯޑަންގެ އިންސްޓްރަކްޓަރެއް ކިޔަވައިދޭ މި ކޯހުގައި ނުވަ ކޯޗުން ބައިވެރިވެފައިވާއިރު އޭގެ ތެރޭގައި ބުރުނާއީ އާއި އިންޑޮނީޝިއާ ދެ ކޯޗުން ވެސް ހިމެނެ އެވެ. ރާއްޖޭން ބައިވެރިވި ހަތް ކޯޗުންގެ ތެރޭގައި ގައުމީ ޓީމުގެ ކުރީގެ ދެ މިޑްފީލްޑަރުން ކަމަށްވާ އަޝްރަފް ލުތުފީ (ސަމްޕަތު) އާއި މުހައްމަދު ނަޒީހާއި ކްލަބް އީގަލްސްގެ އެސިސްޓަންޓް ކޯޗުކަން ގިނަ ދުވަސްތަކެއްކޮށްފައިވާ އަހުމަދު ޝާކިރު (ޝާކިއްޓެ) އާއި މިދިޔަ ސީޒަނުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އއ. މާޅޮސް ޓީމަށް ކޯޗުކޮށްދިން އަލީ ނިޝްތާރު ހިމެނެ އެވެ. މީގެ ތެރެއިން ސަމްޕަތު ނިއު ރޭޑިއަންޓުގެ އެސިސްޓަންޓް ކޯޗަކަށް މިހާރު މަސައްކަތްކުރާއިރު ނަޒީހާއި ޔުނައިޓެޑް ވިކްޓަރީގެ ކޯޗެވެ.

މި ކޯސް ކުރިއަށްދާނީ 27 ދުވަހުގެ މުއްދަތަކަށެވެ. ކޯހުގައި ޕްރެކްޓިހަލް ބައިގެ އިތުރުން ތިއަރީ ބައި ވެސް ހިމެނެ އެވެ.

ރާއްޖޭގައި ނިސްބަތުން ގިނަ އަދަދަކަށް ސީ ލައިސަންސް އަދި ބީ ލައިސަންސް ކޯޗުން އެބަތިއްބެވެ. އަދި ރާއްޖޭން ބޭރުގައި ބޭއްވި ބައެއް ކޯސްތައް ފުރިހަމަކޮށް ބައެއް ކޯޗުން ވަނީ އޭ ލައިސަންސް ވެސް ހޯދައިފަ އެވެ.

ރާއްޖޭގައި އެންމެ ފަހުން އޭ ލައިސަންސް ކޯސް ބޭއްވީ 2007 ވަނަ އަހަރު އެވެ. އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އަދި ވޯލްޑް ކަޕުގެ ޓެކްނިކަލް ސްޓަޑީ ގްރޫޕުގައި ވެސް ހިމެނުނު މެލޭޝިއާގެ ލިމް ކިން ޗިން ކިޔައިދިން އެ ކޯހުން މަޝްހޫރު ގިނަ ކޯޗުން އޭ ލައިސަންސް ނެގި އެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ އަލީ ސުޒޭނާއި މުހައްމަދު ޝިޔާޒް (މޯހަން) އަދި އިހުސާން އަބްދުލްގަނީ (ސާންތީ) އެވެ. ތިން ކޯޗުން ވެސް ކްލަބް ލެވެލްގައި ކާމިޔާބީތަކެއް ހޯދާފައިވާއިރު މީގެ ތެރެއިން ސުޒޭނާއި މޯހަން ވަނީ ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ހޯދައިފަ އެވެ. ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ކޯޗުންގެ އެހީތެރިންނަށް ތިބީ ވެސް މޯހަން އާއި ސާންތީ އެވެ.