ލޯރެއާލްގެ ފަހުގެ އިޝްތިހާރުގައި ބުރުގާ އެޅި މޮޑެލް އެއް
ލޯރެއާލްގެ ފަހުގެ އިޝްތިހާރުގައި ބުރުގާ އެޅި މޮޑެލް އެއް

ލޯރެއާލް ޕެރިސްގެ އެންމެ ފަހުން އުފެއްދި ހެއާ ކެއަ ލައިން، އެލްވައިވް އިޝްތިހާރު ކެމްޕެއިންގައި ބުރުގާ އެޅި މޮޑެލްއެއް ބޭނުންކޮށްފި އެވެ.

މި އިޝްތިހާރަށް މޮޑެލްކޮށްފައި ވަނީ އަމީނާ ޚާން ކިޔާ އިނގިރޭސި ވިލާތުގެ ބިއުޓީ ބްލޮގާ އެކެވެ. އިޝްތިހާރުގައި އޭނާ ހުންނަނީ ވަރަށް މަޑު ފިޔާތޮށިކުލައެއްގެ ބުރުގާއެއް އަޅައިފަ އެވެ.

މި އިޝްތިހާރުގައި އޭނާ ބުނަނީ އިސްތަށިގަނޑު އެހެން މީހުންނަށް ފެންނަ ގޮތަށް ބެހެއްޓިޔަސް ނުވަތަ ފޮރުވާފައި ބޭއްވިޔަސް އިސްތަށިގަނޑަށް ފަރުވާދޭން ޖެހޭނެ ކަމަށެވެ.

ލޯރެއަލްގެ މި އިޝްތިހާރުގައި އެކި ނަސްލުތަކުގެ އަންހެނުންގެ ތަފާތު އިސްތަށިގަނޑުތައް ދައްކާލާފައިވެ އެވެ.

ވޯގް ޔޫކޭ އަށް މޮޑެލް އަމީނާ ބުނި ގޮތުގައި މިގޮތަށް ބުރުގާ އެޅި އަންހެނުން ދައްކަނީ ވަރަށް މަދު ބްރޭންޑެއްގެ އިޝްތިހާރެއްގަ އެވެ. ބުރުގާއިން އިސްތަށިގަނޑު ފޮރުވާފައިވާ އަންހެނެއް އިޝްތިހާރުގައި ބޭނުންކޮށްގެން ލޯރެއާލް އިން ވަނީ އަންހެނުންގެ އަގު ވަޒަންކޮށްފައި،" އާމިނާ ބުންޏެވެ.

އަމީނާ އަކީ މައެއްގެ ޒިންމާ އަދާކުރާ، ލޯރެއާލް އެމްބެސެޑަރެކެވެ. ޔޫޓިއުބު ވްލޮގާ އެވެ. އާޑެރޭ ކޮސްމެޓިކްސްގެ ކޯ-ފައުންޑާ އެވެ. އަދި އަމިއްލައަށް ސްކާފް ޑިޒައިންކުރާ މީހެކެވެ.

އޭނާ ބުނި ގޮތުގައި އޭނާ ބުރުގާ އަޅަން ފެށީ އުމުރުން 20 އަހަރު ފުރުނު ފަހުންނެވެ. ނަމަވެސް އޭގެ ކުރިން ވެސް އޭނާ ކޮޕީކުރަން ބޭނުންވާ ކަހަލަ އެއްވެސް މީހަކު މީޑިއާއިން ނުފެންނަ ކަމަށް ބުންޏެވެ.

އަމީނާ ބުނީ ބުރުގާ އަޅާ މީހުންގެ އިސްތަށިގަނޑަށް ވެސް މައްސަލަތައް ދިމާވާނެކަން މީގެ ކުރިން މީހުން ވިސްނާފައި ނޯންނަ ކަމަށެވެ.

އަމީނާގެ އިޝްތިހާރަށް ސޯޝަލް މީޑިއާގައި ކޮމެންޓްކުރި މީހަކު ބުނި ގޮތުގައި އެމީހުން ބުރުގާ އަޅަނީ ބޮލުގައި އިސްތަށި ނެތުމުން އެކަން ފޮރުވާކަށް ނޫނެވެ. އެހެން އަންހެނުންގެ އިސްތަށިގަނޑަށް ދިމާވާ ކަހަލަ މައްސަލަތައް ބުރުގާ އަޅާ މީހުންނަށް ވެސް ދިމާވެ ކަމަށާއި އެހެންވެ ބުރުގާ އަޅާ މީހުން ތަމްސީލުކުރާނެ އަމީނާ ކަހަލަ މީހަކު ލިބުނީތީ އުފާކުރާ ކަމަށް އޭނާ ބުންޏެވެ.

ލޯރެއާލްގެ ކުރިން ކަވަގާލް އާއި ނައިކޭ ފަދަ ބްރޭންޑްތަކުން ވަނީ ބުރުގާ އެޅި މޮޑެލުން ލައްވާ އެ ބްރޭންޑްތައް އިޝްތިހާރު ކޮށްފަ އެވެ.