ދިވެހި ފުޓްބޯޅައިގެ އުއްމީދީ ދަތުރެއް ޓީސީ ފަށަނީ
ދިވެހި ފުޓްބޯޅައިގެ އުއްމީދީ ދަތުރެއް ޓީސީ ފަށަނީ

އޭއެފްސީ ކަޕް 2004 ވަނަ އަހަރު ފެށީއްސުރެ ރާއްޖެ އަށް ދެ ޖާގަ އައީ ލިބެމުންނެވެ. އެހެން ނަމަވެސް ފަހަކަށް އައިސް މުބާރާތުގެ ފޯމެޓާ އެހެން ގޮތްގޮތުން އައި ބަދަލުތަކާ އެކު މުބާރާތުގެ ސީދާ ޖާގައެއް ލިބެނީ ރާއްޖޭގެ އެއް ޓީމަށެވެ. އަނެއް ޓީމެއް ޖެހެނީ ކޮލިފައިން ކުޅޭށެވެ. މި ފަހަރު ސީދާ ޖާގަ ލީގު ޗެމްޕިއަން ނިއު ރޭޑިއަންޓަށް ލިބުނުއިރު، ޓީސީ ސްޕޯޓްސް ކްލަބް ޖެހެނީ ކޮލިފައިން ކުޅޭށެވެ.

ދިވެހި ފުޓްބޯޅައިގެ އުއްމީދީ ދަތުރެއް ޓީސީ ފަށަނީ
ދިވެހި ފުޓްބޯޅައިގެ އުއްމީދީ ދަތުރެއް ޓީސީ ފަށަނީ

ރާއްޖޭގެ ކްލަބެއް މިހާތަނަށް އޭއެފްސީ މުބާރާތެއްގައި ހޯދި އެންމެ ބޮޑު ކާމިޔާބީ އަކީ ނިއު 2005 ވަނަ އަހަރު މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކުރުމެވެ. އޭގެ ފަހުން މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވުނީ ވެސް ނިއު އަށް އެކަންޏެވެ. އެއީ 2013 ވަނަ އަހަރު އެވެ.

މި ފަހަރު އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމުގެ އަމާޒުގައި ޓީސީން ދަތުރު ފަށާނީ މާދަމާ ބަންގްލަދޭޝްގެ ސައިފް ސްޕޯޓްސް ކްލަބާ ދެކޮޅަށް އެ ގައުމުގައި ކުޅޭ މެޗުންނެވެ. ސައިފްގެ މައްޗަށް ދެ ލެގުން ކުރި ހޯދައިފިނަމަ ޓީސީ ދެން ކުޅެން ޖެހޭނީ ޕްލޭއޮފް ބުރުގަ އެވެ. އެ ބުރުގައި ޓީސީ ބައްދަލުކުރަން ޖެހޭނީ އިންޑިއާގެ ބެންގަލޫރު އެފްސީ އާއި ބޫޓާންގެ ޓްރާންސްފޯޓް ޔުނައިޓެޑް ކުޅެގެން މޮޅުވާ ޓީމަކާ އެވެ. ޕްލޭއޮފް ބުރުން މޮޅުވާ ޓީމަަކަށް ގްރޫޕް ސްޓޭޖުގެ ޖާގަ ލިބޭނެ އެވެ.

ގްރޫޕް ސްޓޭޖުގެ ޖާގަ މިހާރު ޔަގީންކޮށްފައި އޮތީ ނިއުގެ އިތުރުން އިންޑިއާގެ އައިޒަވާލް އާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އެވެ.

އޭއެފްސީ ކަޕުގައި ރާއްޖޭގެ ދެ ކްލަބެއް މީގެ ކުރިން ބައްދަލުކޮށްފައެއް ނުވެ އެވެ. މިދިޔަ އަހަރު އެ ފުރުސަތު އޮތެވެ. އެހެން ނަމަވެސް ޕްލޭ އޮފް ބުރުގައި އިންޑިއާގެ މޯހަން ބަގާން އަތުން ވެލެންސިއާ ބަލިވުމުން އެ ފުރުސަތު ގެއްލުނީ އެވެ. އެހެން ނަމަވެސް މި ފަހަރު ޓީސީ ޕްލިމިނަރީ ބުރާއި ޕްލޭއޮފް ބުރު ފަހަނަ އަޅައި ގޮސްފިނަމަ ގްރޫޕް ސްޓޭޖުގައި ނިއުއާ ބައްދަލުކުރަން ޖެހޭނެ އެވެ. މިއީ ދިވެހި ފުޓްބޯޅައިގައި ހާއްސަވާނެ މެޗެކެވެ. އަދި ދިވެހި ފުޓްބޯޅަ އަށް ވެސް ކްލަބް ލެވެލްގައި ލިބޭނެ ކުރިއެރުމެކެވެ.

ޓީސީ އަކީ 2015 އަހަރުން ފެށިގެން ދިވެހި ފުޓްބޯޅައިގައި ނަން ހިނގާ ވަރުގަދަ ޓީމެކެވެ. އެ ޓީމުން މިދިޔަ ތިން އަހަރު ތެރޭގައި ދިވެހި ފުޓްބޯޅައިގައި ބޮޑު މުބާރާތެއް ކާމިޔާބު ކޮށްފައި ނެތް ނަމަވެސް ނެރެފައިވާ ނަތީޖާތައް ރަނގަޅެވެ. އެ ޓީމަކީ މިހާރު ފުރަތަމަ ޑިވިޝަނުގައި ފައިތިލަ ސާބިތު ކޮށްފައިވާ ޓީމެކެވެ.

މިިދިޔަ އަހަރު ބައިނަލްއަގްވާމީ ގޮތުން ޓީސީ ކުރި ފުރަތަމަ ތަޖުރިބާގައި ވެެސް އެ ޓީމުން ވަނީ ކާމިޔާބު ހޯދައިފަ އެވެ. ބަންގްލަދޭޝްގައި އޮތް ޝެއިހު ކަމާލް ކަޕް އެ ޓީމުން ވަނީ ކާމިޔާބު ކޮށްފަ އެވެ. އެ މުބާރާތުގެ ކާމިޔާބުގެ އަލީގައި ޓީސީން ކުރިއަށްދާން ބޭނުންނަމަ މި ފަހަރު އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ވާދަކުރުމަކީ ޓީސީ އަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ސިފަކުރާ ގޮތުގައި އެ ޓީމު ކާމިޔާބު ވުމަކީ ދިވެހި ފުޓްބޯޅަ އަށް ވެސް ލިބޭނެ ކުރިއެރުމަކަށްވާނެ އެވެ.

"މީގެ އެންމެ ބޮޑު އެއްޗަކީ ދިވެހި ފުޓްބޯޅަ އަށް ކުރިއެރުމެއް ލިބޭނެ ކަމަށް މަސައްކަތް މި ކުރަނީ،" އޭނާ ބުންޏެވެ.

ސަހަރައްދީ ފެންވަރުގެ މުބާރާތްތަކުގައި ރާއްޖޭގެ ކްލަބްތަކަށް ކުރިއެރުން ލިބިގެންދިއުމަކީ ހަގީގަތުގައި ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ. އެއީ ކުޅުންތެރިންނަށް ބޭނުންވާ ތަޖުރިބާ ލިބި ކުޅުންތެރިން ވެސް ކުރިއެރުމަށް ފަހިވެގެންދާ ފުރުސަތުތަކަކަށްވާތީ އެވެ.

ޓީސީ އާއި ސައިފް ކުޅޭ މެޗު ފަށާނީ މާދަމާ ރާއްޖެ ގަޑިން 2 ޖަހާއިރު އެވެ.