"ޕިރް ބީ ދިލް ހޭ ހިންދުސްތާނީ" ފޭލްވުމަކީ ލިބުނު ބާރެއް: ޝާހްރުކް
"ޕިރް ބީ ދިލް ހޭ ހިންދުސްތާނީ" ފޭލްވުމަކީ ލިބުނު ބާރެއް: ޝާހްރުކް

ޝާހްރުކް ޚާން ޕްރޮޑިއުސްކޮށް އަދި އޭނާ އެކްޓްކުރި "ޕިރް ބީ ދިލް ހޭ ހިންދުސްތާނީ" އަކީ އޭނާގެ ކެރިއަރުގައި ވެސް އެންމެ ނާކާމިޔާބު އެއް ފިލްމެވެ. އެ ފިލްމުގެ ހަނދާން އާކުރަމުން ޝާހްރުކް ބުނި ގޮތުގައި ފިލްމު ފެއިލްވުމަކީ އޭނާ އިތުރަށް ވަރުގަދަވި ސަބަބެކެވެ.

އޭނާ ބުނި ގޮތުގައި 2000 ވަނަ އަހަރު ނުކުތް އެެ ފިލްމަކީ ބޮޑު ނާކާމިޔާބީއަކަށްވެ ހުރިހާ އެންމެން ވެސް ފިލްމަށް ވަރަށް ފާޑު ކީ އެވެ. ނަމަވެސް ފިލްމުގެ ނާކާމިޔާބުން، އެ ފިލްމު ޑައިރެކްޓްކުރި އަޒީޒް މިރްޒާ އާއި ބަތަލާ ޖޫހީ ޗައުލާ އަދި ޝާހްރުކް އިތުރަށް ވަރުގަދަވެގެން ދިޔަ ކަމަށް ޝާހްރުކް ބުންޏެވެ. އޭނާ ބުނީ އެހެންވެ އެ ފިލްމު ދެކެ އޭނާ ވަރަށް ލޯބިވާ ކަމަށެވެ.

"ޕިރް ބީ ދިލް ހޭ ހިންދުސްތާނީ" ޕްރޮޑިއުސްކުރީ ޑްރީމްޒް އަންލިމިޓެޑް ކިޔާ ބައެކެވެ. މިއީ އަޒީޒް މިރްޒާ އާއި ޖޫހީއާ އެކު ޝާހްރުކް އުފެއްދި ކުންފުންޏެކެވެ. ފަހުން މި ކުންފުނީގެ ނަން ރެޑް ޗިލީޒް އެންޓަޓައިންމަންޓަށް ވަނީ ބަދަލުކޮށްފަ އެވެ.

"ޕިރް ބީ ދިލް ހޭ ހިންދުސްތާނީ" ގައި ޝާހްރުކް އާއި ޖޫހީ ކުޅެނީ އަޖޭ ބަކްޝީ އާއި ރިއާ ބެނާޖީ ކިޔާ ދެ ޓެލެވިޒަން ރިޕޯޓަރުންގެ ރޯލެވެ. ނަމަވެސް މި ފިލްމުވެސް އަދި ފިލްމުގައި މި ދެ ތަރިންގެ އެކްޓިން ވެސް އެއްވެސް މީހަކަށް ކަމަކު ނުދިޔަ އެވެ.