22 ޖެނުއަރީ 2018 - 11:29

ބްރެސަލްސް (ޖެނުއަރީ 22) - ދައުލަތެއްގެ ގޮތުގައި ޔޫރަޕުން ފަލަސްތީނު ބަލައިގަތުމަށް ބާރު އެޅުމުގެ މަސައްކަތް ރައީސް މަހްމޫދު އައްބާސް ފައްޓަވައިފި އެވެ.
ފަލަސްތީނުގެ ޚާރިޖީ ވަޒީރު ރިޔާޒް އަލް މާލިކީ އޭއެފްޕީ އަށް ވިދާޅުވީ ފަލަސްތީނުގެ ދައުލަތް ޔޫރަޕިއަން ޔޫނިއަން އިން ބަލައިގަތުމުގެ މަސައްކަތް ރައީސް އައްބާސް ފެއްޓެވީ ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ނިންމި ނިންމުމަށް ރައްދު ދިނުމުގެ ގޮތުން ކަމަށެވެ.
ޔޫރަޕުގެ 28 ގައުމުގެ މަންދޫބުން މަހަކު އެއް ފަހަރު ބާއްވާ ބައްދަލުވުމުގެ ތެރޭން ހުރިހާ ގައުމެއްގެ ޚާރިޖީ ވަޒީރުންނާ ވެސް އައްބާސް ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް މިދިޔަ މަހު ވަނީ ބްރަސެލްސް އަށް ވަޑައިގެން ޔޫރަޕުގެ ގައުމުތަކުގެ މަންދޫބުންނާ ބައްދަލު ކުރައްވައިފަ އެވެ.
އެކަމަކު ފަލަސްތީނުގެ ދައުލަތް ޔޫރަޕިއަން ޔޫނިއަން އިން ބަލައިގަތުމުގެ މައްސަލަ އެއްވެސް އިރެއްގައި އެޖެންޑާގައި ހިމެނިފައެއް ނުވެ އެވެ. އީޔޫ އިން ބުނެފައި ވަނީ އެއީ ވަކިވަކި ގައުމުތަކުގެ އަމިއްލަ ނިންމުމެއް ކަމަށެވެ.
މާލިކީ ވިދާޅުވީ މެދުއިރުމަތީގެ ސުލްހައިގައި ޔޫރަޕުން އަދާކުރާ ރޯލް ބޮޑު ކުރުމަށް އައްބާސް އެދިވަޑައިގަންނަވާނެ ކަމަށެވެ. އަދި މެދުއިރުމަތީގެ ސުލްހައިގައި އެމެރިކާ ހިންގި މޮނޮޕޮލީ މިހާރު ނިމުމަކަށް އަތުވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބްރެސަލްސް އަށް އައްބާސް ވަޑައިގެންނެވި އިރު އެމެރިކާގެ ނައިބް ރައީސް މައިކް ޕެންސް މިހާރު އުޅުއްވަނީ މެދުއިރުމަތީގެ ދަތުރުގައި އިޒްރޭލަށް ވަޑައިގެންނެވެ.