އެވޯޑު ދިނުމުގެ މާނައެއް މިހާރު ނެތް: މާލާ ސިންހާ
އެވޯޑު ދިނުމުގެ މާނައެއް މިހާރު ނެތް: މާލާ ސިންހާ

މާލާ ސިންހާ އަކީ ގިނަ ފިލްމުތަކެއް ކުޅެފައިވާ ކުޅަދާނަ ބަތަލާއެކެވެ. މިހަފުތާގެ ހޮނިހިރު ދުވަހުގެ ރޭ އޮތް މިއަހަރުގެ ފިލްމްފެއާ އެވޯޑު ހަފުލާގައި އޭނާއަށް ވަނީ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ދީފަ އެވެ. ނަމަވެސް އޭނާގެ އަގު ވަޒަންކުރިލެއް ލަސްކަމުން މާލާ ސިންހާ އުފަލެއް ނުވެ އެވެ.

އެވޯޑު ދިނުމުގެ މާނައެއް މިހާރު ނެތް: މާލާ ސިންހާ
އެވޯޑު ދިނުމުގެ މާނައެއް މިހާރު ނެތް: މާލާ ސިންހާ

"އަހަރެންގެ ރަން ޒަމާނުގައި ވަރަށް ގިނަ ފަހަރަށް ފިލްމްފެއާ އެވޯޑަށް ނޮމިނޭޓްވެފައި ވިޔަސް ދުވަހަކުވެސް ފިލްމުފެއާ އެވޯޑެއް ލިބިފައެއް ނެތް. ފަސްދޮޅަހުގެ އަހަރުތަކުގައި ކޮންމެ އަހަރަކު އަހަރެން ފިލްމްފެއާ އެވޯޑަށް ނޮމިނޭޓްވޭ. ނަމަވެސް ކޮންމެ ފަހަރަކުވެސް އެވޯޑު ގެންދަނީ ކޮންމެވެސް އެހެން ބަތަލާއެއް. އެހެން ދިމާވާ ސަބަބެއް އަހަންނަކަށް ނޭނގެ،" މާލާ ސިންހާ، 81، ބުންޏެވެ.

އޭނާ ބުނި ގޮތުގައި 1965 ގައި އޭނާ ދެ ފިލްމަކުން ފިލްމްފެއާ އެވޯޑަށް ނޮމިނޭޓްވި އެވެ. "ޖަހާން އާރާ" އާއި "ހިމާލޭ ކީ ގޯދް މޭ" އިންނެވެ.

"އޭރު ފިލްމްފެއާގެ އެޑިޓަރަކަށް ހުރި ބީ.ކޭ ކަރަންޖިއާ އަހަރެން ގާތު ބުނި އަންނައްޗޭ އެވޯޑު ހަފުލާއަށް. ދެ ފިލްމުން ނޮމިނޭޓް ވެފައިވާތީ އަހަންނަށޭ ލިބުން އެންމެ ގާތީ. އަހަރެން ހެނދުނުން ފެށިގެން ރީތި ހެދުން ތައްޔާރުކޮށް އެއާ ގުޅޭ ގަހަނާ ހޯދާ ވަރަށް ނަލަހެދިގެން ދިޔައިން. ނަމަވެސް އެރޭ ވެސް އެވޯޑު ލިބުނީ ސަންގަމް އިން ވިޖެޔަންތިމާލާ އަށް،" މާލާ ބުންޏެވެ.

މާލާ ބުނި ގޮތުގައި އެހެން ފަހަރަކުވެސް އޭނާއަށް އެވޯޑު ލިބޭނެކަމުގެ ވަރަށް ފޮނި އުންމީދެއްގައި ހުއްޓާ އެވޯޑު ލިބުނީ "ސާހިބް ބީބީ އައުރް ގުލާމް" އިން މީނާ ކުމާރީ އަށެވެ.

މާލާ ބުނި ގޮތުގައި އަބަދުވެސް އޭނާއާ ދޭތެރޭ ކަންތައްވީ ހަމަ އެހެންނެވެ. ގިނަ ފިލްމުތަކެއްގައި އޭނާ ކުޅުނު އާދަޔާ ޚިލާފު މޮޅު ރޯލުތަކަށް އެއްވެސް ފަހަރަކު އެވޯޑެއް ނުލިބުނެވެ.

"އަހަރެން ކުރި މަސައްކަތުގެ އަގު ވަޒަންކޮށްފިކަމުގެ އިހްސާސް އަހަންނަށް ކުރެވުނީ ޕިޔާސާގައި އަހަރެން ކުޅެފައިވާ ރޯލަށް މަހޭޝް ބަޓް ސާހަބް ތައުރީފު ކޮށް ވާހަކަ ދެއްކުމުން. އެ ވާހަކަތައް އިވިފައި އަހަރެންގެ ހިތުގައިވާ ޖަޒުބާތުތައް އުތުރި އަރައިގަތް،" މާލާ ބުންޏެވެ.

މާލާ ގަބޫލުކުރާ ގޮތުގައި ހިންދީ ފިލްމުތަކުގައި އޭނާ ކޮށްފައިވާ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ބަލައިގަނެފައެއް ނުވެ އެވެ. ނަމަވެސް ކެރިއަރުގައި އެއްވެސް އެވޯޑެއް ނުލިބުނަސް އޭނާގެ ޝަކުވާއެއް ނެތެވެ.

"މިހާރު 10 ނުވަތަ 12 ވަރަކަށް އެވޯޑު ޝޯ ކޮންމެ އަހަރަކު އެބަ ބާއްވާ. އެހެންވެ އެވޯޑުގެ އަގެއް މިހާރަކު ނެތް. އެވޯޑުގެ އަގުހުރިއިރުވެސް އެ އޮންނަނީ ކޮންމެވެސް ނުފޫޒުތަކެއްގެ ދަށުވެފައި،" ކުރީގެ މަޝްހޫރު ބަތަލާ ބުންޏެވެ.

ކިތަންމެ ލަހުން ނަމަވެސް ފިލްމްފެއާ އެވޯޑެއް އޭނާއަށް ލިބުނީތީ އެ ފަރާތަށް މާލާ ޝުކުރު އަދާކުރެ އެވެ. އޭނާ ބުނި ގޮތުގައި އޭނާއަކީ 1957 އިން ފެށިގެން ފިލްމުތަކުގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ. ނަމަވެސް އޭނާއަށް ވުރެ މާ ފަހުން ފިލްމު ކުޅެން ފެށި މީހުންނަށް ވެސް މިހާރު ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ދީފައިވެ އެވެ.

"އަހަރެން ދުނިޔޭގައި ހުއްޓާ މި އެވޯޑު ލިބުނުކަމަށްޓަކައި ޝުކުރުކުރަން. ނަމަވެސް އަހަރެންގެ މޮޅު ޕާފޯމާންސްތައް ބަލައިނުގަތީ ކީއްވެތޯ މިއަދުވެސް އަހަރެންގެ ހިތަށް އަރާ. އަހަރެންނާ އެކު އޭރު މަސައްކަތްކުރި ބަތަލާއިންނަށް ވުރެ އަހަރެންގެ ފެންވަރު ދަށީ ކަންނޭނގެ؟" މާލާ ބުންޏެވެ.