22 ޖެނުއަރީ 2018 - 10:26

ޑޯޓްމަންޑް (ޖެނުއަރީ 22) – ބޮރޫޝިއާ ޑޯޓްމަންޑުގެ ފޯވާޑް ޕިއެރޭ-އެމެރިކް އޯބަމަޔަންގެ ސޮއި ހޯދުމަށް އާސެނަލުން 50 މިލިއަން ޕައުންޑަށް ވުރެ ބޮޑު އަދަދެއް ހޭދަކުރަން ޖެހޭނެ ކަމަށް ކްލަބާ ގާތް ފަރާތަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޑޯޓްމަންޑުގެ ސްޕޯޓިން ޑިރެކްޓަރު މައިކަލް ޒޯކް ވަނީ ފާޅުގައި އޯބަމަޔަންގެ ވާހަކަ އާސެނަލްގެ ކޯޗު އާސެން ވެންގާ ދައްކާފައިވާތީ، ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ވެންގާ ބުނެފައިވަނީ އޯބަމަޔަން އާސެނަލަށް ފިޓްވާނެ ކަމަށެވެ.
ދެ ކްލަބުން ވެސް މިހާރު މަޝްވަރާތައް ފަށާފައިވާ ކަމަށްވެ އެވެ. އާސެނަލުން ހުށަހަޅާފައިވަނީ 50 މިލިއަން ޕައުންޑް ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު މި އަދަދަށް އޭނާ ވިއްކާލަން ޑޯޓްމަންޑުން އެއްބަސްވާނެ ކަމަށް ނުބެލެވެ އެވެ.
ޔޫރަޕުގެ ވަރަށް ގިނަ ކްލަބްތަކުން ބޭނުންވާ ފޯވާޑެއް ކަމަށްވާ އޯބަމަޔަން ވަނީ މި ސީޒަނުގައި އަހުލާގީ މައްސަލަތަކާ ހެދި ދެ ފަހަރެއްގެ މަތިން ސްކޮޑުން ބޭރުކޮށްފަ އެވެ. ޖަރުމަން ލީގުގައި ހުކުރު ދުވަހު ހާތާ ބާލިންއާ 1-1 އިން އެއްވަރުވި މެޗުގައި ވެސް އޭނާ ބޭނުމެއް ނުކުރެ އެވެ.
އާސެނަލުން މިހާރު އަންނަނީ އެ ޓީމުގެ އެލެކްސިސް ސަންޗޭޒާއި މެންޗެސްޓާ ޔުނައިޓެޑުގެ ހެންރިކް މިކިތާރްޔަން ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ބެލެވޭ ގޮތުގައި އެކަން ކޮޅެއްގައި ޖެހުމާ އެކު އޯބަމަޔަންގެ ޑީލް އާސެނަލުން ނިންމާނެ އެވެ.
އޭސީ މިލާނުން ކެރިއަރު ފެށި އޯބަމަޔަން އަށް އޭރު މާބޮޑު ފުރުސަތެއް ނުލިބެ އެވެ. އޭނާ ވިދާލީ ފްރާންސުގެ ސެއިން-އެޓިއެން އަށް ކުޅުނު ދުވަސްވަރެވެ. އަދި ފަހުން ޑޯޓްމަންޑަށް ބަދަލުވެ އޭނާ ވަނީ ޔޫރަޕުގެ އެންމެ ގޯލާ ރަށްޓެހި އެއް ފޯވާޑަށް ވެފަ އެވެ.