ވާދަނުކުރެވޭ ހާލަތެއްގައި ނަމަ، ކުރިއަށް ދާނީ އިދިކޮޅު ކެންޑިޑޭޓާ އެކު: ނަޝީދު
ވާދަނުކުރެވޭ ހާލަތެއްގައި ނަމަ، ކުރިއަށް ދާނީ އިދިކޮޅު ކެންޑިޑޭޓާ އެކު: ނަޝީދު

މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރެއްވޭނެ ކަމަށް އދ. އިން ކަނޑައަޅާނެ ކަމަށް ޔަގީންކުރައްވާ ކަމަށާއި ނަމަވެސް އެ ފުރުސަތު ރައީސް އަބްދުﷲ ޔާމީން ނުދެއްވައިފި ނަމަ، އެމްޑީޕީއާ އެކު ކޯލިޝަން ހަދާފައިވާ ފަރާތްތަކަށް އެއްބަސްވެވޭ ކެންޑިޑޭޓަކާ އެކު ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވާދަނުކުރެވޭ ހާލަތެއްގައި ނަމަ، ކުރިއަށް ދާނީ އިދިކޮޅު ކެންޑިޑޭޓާ އެކު: ނަޝީދު
ވާދަނުކުރެވޭ ހާލަތެއްގައި ނަމަ، ކުރިއަށް ދާނީ އިދިކޮޅު ކެންޑިޑޭޓާ އެކު: ނަޝީދު

ސްރީ ލަންކާގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި އދ. އަށް ހުށަހަޅާފައިވާ މައްސަލާގައި، އެމަނިކުފާނަށް ވާދަކުރެއްވޭނެ ކަމަށް ކަނޑައަޅާނެ ކަމަށެވެ. އެއީ ދިވެހި ސަރުކާރުން ވެސް ބޯލަނބަން ޖެހޭނެ ގާނޫނީ ނިންމުމެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބޭ ގޮތުގައި މާޗް މަހު އދ. އިން ގޮތެއް ނިންމާނެ. އަޅުގަނޑަށް ވެސް އެނގޭ އދ އިން ނިންމާ ގޮތަށް އަދި ރައީސް ޔާމީން އެއްބަސްވެވަޑައިނުގަންނަވާފާނެ. އެއީ އަޅުގަނޑުމެންނަށް ވެސް ފެންނަ ތަނެއް. އެފަދަ ހާލަތުގައި ވެސް އަޅުގަނޑުމެން ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓު ނެރެ ރައީސް ޔާމީން ބަލިކުރާނަން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިޝާރާތްކުރެއްވީ އެމަނިކުފާނުގެ މަދަނީ އަދި އިންސާނީ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ބުނެ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީ އަށް ހުށަހަޅާފައިވާ މައްސަލަ އަށެވެ. ނަޝީދަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ހޯދައިދޭން ވެސް އެ މައްސަލައިގައި އެމަނިކުފާނުގެ ބައިނަލްއަގުވާމީ ވަކީލުން ވަނީ އެދިވަޑައިގެންފަ އެވެ.

ނަޝީދުގެ ވަކީލުން މައްސަލަ ހުށަހެޅީ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު އެމަނިކުފާނު މިނިވަންކުރަން ދިވެހި ސަރުކާރަށް ގޮވާލި ގޮވައިލުމަށް އަމަލު ނުކުރުމުންނެވެ. އެ ގްރޫޕުން ނިންމާފައި ވަނީ، ނަޝީދަށް ހުކުމް އިއްވާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށާއި ވަގުތުން އެ މަނިކުފާނު މިނިވަންކުރަން ޖެހޭ ކަމަށެވެ.

ނަޝީދު ވިދާޅުވީ އިންތިހާބަކުން ވެރިކަމަށް ވަޑައިގަންނަވާކަށް ރައީސް ޔާމީން ބޭނުންފުޅުނުވާ ކަމަށެވެ. ޑިމޮކްރަސީތަކުގައި، އެ ޕާޓީއަކުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅަނީ މެމްބަރުން ކަމަށް ވިއަސް، ރާއްޖޭގައި، ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ ނަން ކަނޑައަޅުއްވަނީ ވެސް ރައީސް ޔާމީން ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ސިޔާސީ ވާދަވެރިން ހައްޔަރުކޮށްގެން ނުވަތަ އެ ނޫން ގޮތްގޮތަށް ފިއްތުންތައް ކުރިމަތިކޮށްގެން ވެސް ރައީސް ޔާމީންގެ ވިސްނުންފުޅު ހުރީ، ކޮންމެ ގޮތަކުން ނަމަވެސް ވެރިކަމުގެ ދެ ވަނަ ދައުރަކަށް ވަޑައިގަންނަވާށެވެ. އެހެންވިއަސް، އެއްވެސް ގޮތަކުން މި އިންތިހާބު އެމަނިކުފާނަށް ފަސޭހަފުޅުވިޔަ ނުދެއްވާނެ ކަމަށާއިި ގާނޫނާ ޚިލާފަށް އިންތިހާބު ބާއްވައިގެން ވެރިކަމަށް ވަޑައިގަތުމަށް ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"ގާނޫނާ ޚިލާފަށް ބޭއްވިއަސް އިންތިހާބު ބޮއިކޮޓެއް ނުކުރާނަން. އިންތިހާބުގައި [އިދިކޮޅުން] ވާދަކުރާނަން،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ލިބިވަޑައިގެންފައިވާ ހުރިހާ ބާރުތަކެއް ބޭނުންކުރައްވައިގެން، އެމަނިކުފާނަށް ފުރުސަތު ގެއްލުވާލައިފި ނަމަވެސް ރާއްޖޭގެ ޑިމޮކްރަސީ އަލުން އިޔާދަކޮށް، ރައްޔިތުންގެ ހައްގުތައް ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ނަޝީދު ދެއްވި އެވެ. އެކަން ކުރައްވަން އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ، އިދިކޮޅު ކެންޑިޑޭޓަކާ އެކު ކުރިއަށް ވަޑައިގަތުމަށް ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ބަލިކުރަން އިދިކޮޅުން ނެރޭނެ އެ ކެންޑިޑޭޓު އެބަހުރިތޯ ނޫސްވެރިއަކު ސުވާލު ދެންނެވުމުން ނަޝީދު ވިދާޅުވީ އިދިކޮޅު ޕާޓީތަކުން އެކަމަށް މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ފެބުރުއަރީ މަހުގެ ނިޔަލަށް، ޕާޓީތަކަށް ގޮތެއް ކަނޑައެޅޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގައި ދީނީ ހައްދުފަހަނައެޅުން އިތުރުވަމުންދާ ކަމުގެ ކަންބޮޑުވުން ވެސް ނަޝީދު ފާޅުކުރެއްވި އެވެ. އެގޮތުން ރައީސް ޔާމީނަށް ބާރުނުފޯރުއްވޭ އެފަދަ ގްރޫޕެއް ސަރުކާރުގެ ތެރޭގައި އޮތް ކަމަށް ވެސް ވިދާޅުވި އެވެ.

އެ ޕްރެސް ކޮންފަރެންސްގައި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ރިސޯޓުތަކަށް ކަސްޓަމްސް އިން އަރައި ހިންގާ ތަހުގީގު ކުށްވެރިކުރައްވަމުން ވިދާޅުވީ، އެއީ މުޅި ޓޫރިޒަމަށް އަމާޒުކޮށްގެން ސަރުކާރުން ހިންގަމުންދާ އަމަލެއް ކަމަށެވެ. އެފަދަ އަމަލުތަކުން ގެއްލުވާނީ މުޅި ގައުމަށް ކަމަށް ވިދާޅުވި އެވެ.