އިންސާނުން އުދުހެނީ!
އިންސާނުން އުދުހެނީ!

އުދުހުމަކީ އިންސާނުން މާކުރީއްސުރެ އެކަމަކަށް އެދިއެދި ތިބި ކަމެކެވެ. މަތިންދާބޯޓު ވުޖޫދަށް އައި ފަހުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. އެކަމަކު އެވަރުން ވެސް އިންސާނުންގެ ހިތެއް ނުފުރުނެވެ. މިހާރު އިވޭ ޚަބަރަކީ ދިވެހިންގެ މެދުގައި މަގުބޫލްވަމުން އަންނަ ފްލައިބޯޑު އުފެއްދި ފްރޭންކީ ޒަޕާޓާ، އުދުހޭ މެޝިނެއް އުފައްދައިގެން އަޖުމަ ބަލަމުންދާ ވާހަކަ އެވެ.

ޒަޕާޓާ އީޒީފްލައި އަކީ ސެގްވޭ ސްކޫޓަރެއްހެން ކޮޅަށް ހުރެގެން ހަށިގަނޑުގެ ބާރުގައި އުދުހޭ އުޅަނދެކެވެ. މި ދުއްވާމީހާ ކޮޅަށް ހުންނާނީ ޖެޓު އިންޖީނުގެ ބާރުގައި މައްޗަށް އަރާ ގޮތަށް ހަރުކޮށްފައިވާ ޕްލެޓްފޯމެއް މަތީގައެވެ. ރައްކާތެރިކަމުގެ ބެލްޓެއް ނުވަތަ ވާގަނޑަކާވެސް ނުލައެވެ. އުދުއްސައިގަންނަންވީމަ ކޮޅަށްހުރެ ހިފަން ހުންނަ އަތްގަނޑުގައި ހިފައިގެން ނައްޓާލަންވީއެވެ. އަތްގަނޑު ހުންނާނީ ޕްލެޓްފޯމާ ހިސާބުން މައްޗަށް ކޮޅަށް ޖަހާފަ ހުންނަ ދަނޑިގަނޑެއްގައެވެ.

އެމެރިކާގެ ޓެކްސަސްގައި މީގެ ޓެސްޓު ބުރުތަކެއް ޖެހިއިރު ނަގާފައިވާ ވީޑިޔޯތަކުން ފެންނަ ގޮތުގައި މި ދުއްވާކަށް މާ ގިނަ ތަމްރީނުތަކެއް ބޭނުމެއް ނޫނެވެ. ވީޑިޔޯއިން ފެންނަ 10 ވަރަކަށް މީހުން ވެސް ވަރަށް ފަރިތަކަމާއެކީ ދުއްވާލާފައި އައިސް ތިރިކުރާތަން ފެނެއެވެ. މީގެ ތެރޭގައި އެމެރިކާ ސިފައިންގެ ޔުނިފޯމް އެޅި ދެތިން މީހަކުވެސް އުޅެއެވެ. ހީވާ ގޮތުން މިއީ އެމެރިކާ ސިފައިންގެ ތެރޭއިން ކުރިމަގުގައި ފެނިދާނެ އުޅަނދެކެވެ. މިއީ 10،000 ފޫޓު މައްޗަށް، ގަޑިއަކު 130 ކިލޯމީޓަރުގެ ބާރުމިނުގައި އުދުހުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެކެވެ.

މި އުފެއްދުން އާންމުންގެ މުނިފޫހިފިލުވުމަށް ބޭނުންކުރަން ނެރެން އަދި ދުވަސްކޮޅެއް ހޭދަވެދާނެއެވެ.