21 ޖެނުއަރީ 2018 - 22:51

ކާބުލް (ޖެނުއަރީ 21) - އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ އިންޓަކޮންޓިނެންޓަލް ހޮޓަލަށް ރޭ އިރާކޮޅު ޓެރަރިސްޓުން ދިން ހަމަލާގައި ބައެއް ގެސްޓުން ސަލާމަތްވެފައި ވަނީ ބެޓްޝީޓުގެ އެހީގައި ކުޑަދޮރުތަކުން ތިރިއަށް ފައިގެން ކަމަށް އޮފިޝަލުން ބުނެފި އެވެ.

ގެސްޓުން ސަލާމަތްވި ބައެއް މަންޒަރުތައް ވަނީ އަފްޣާން ޓީވީން ވެސް ދައްކައިފަ އެވެ. ހޮޓަލަށް ދިން ހަމަލާގައި ވަނީ ބިދޭސީ 14 މީހުން މަރުވެފަ އެވެ. ބައެއް މީހުން ބުނެފައި ވަނީ އެ މީހުން ސަލާމަތްވެފައި ވަނީ އަފްޣާން މީހުން ކަމަށް ބުނުމުން ކަމަށެވެ.
ހޮޓަލަށް ދިން ހަމަލާ ނިމުމަކަށް ގެނެސްފައި ވަނީ 12 ގަޑިއިރު ފަހުންނެވެ. ހަމަލާ ދިން ތިން މީހުން ވެސް ވަނީ މަރާލައިފަ އެވެ. އޮފިޝަލުން ބުނެފައި ވަނީ 160 ގެސްޓުން ސަލާމަތްކޮށްފައިވާ ކަމަށެވެ. އަފްޣާން އެއާލައިނެއް ކަމަށްވާ ކާމް އެއާ އިން ބުނީ އެ އެއާލައިނުގެ ގިނަ މުވައްޒަފުންތަކެއް މަރުވެފައިވާ ކަމަށާއި ބައެއް މީހުން އަދި ނުފެންނަ ކަމަށެވެ.
ހޮޓަލަށް ހަމަލާދިނީ ތާލިބާނުން ކަމަށް އެ މީހުން ވަނީ ބުނެފަ އެވެ. ތާލިބާނުން ވަނީ 2011 ވަނަ އަހަރު ވެސް އެ ހޮޓަލަށް ހަމަލާދީފަ އެވެ.
ހަތިޔާރު ހިފައިގެން ތިބި މީހުން ހަ ބުރީގެ ހޮޓަލަށް ވަދެފައި ވަނީ ރޭގަނޑު 9 ޖެހިއިރު އެވެ. އޮފިޝަލުން ބުނެފައި ވަނީ އެ މީހުން ހޮޓަލަށް ވަނީ ބަދިގެ ތެރޭން ކަމަށެވެ. އޭރު ގިނަ މީހުން ތިބީ ރޭގަނޑު ކާށެވެ. ހަނގުރާމަ ވެރިން ރެސްޓޯރެންޓަށް ވަނުމަށް ފަހު ބައެއް މީހުން ގަޔަށް ވަނީ ބަަޑި ޖަހައިފަ އެވެ. ސަލާމަތްވި އެކަކު ބުނި ގޮތުގައި އޭނާ އަކީ އަފްޣާން މީހެއް ކަމަށް ބުނުމުން ހަމަލާ ނުދީ ދޫކޮށްލި ކަމަށެވެ. އަދި ހަނގުރާމަ ވެރިން ފުރަަތަމަ ކުރި ކަމަކީ ރެސްޓޯރެންޓުން ކެއުން ކަމަށް ވެސް އޭނާ ބުންޏެވެ.
މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވި އަފްޣާން ސްޕެޝަލް ފޯސަސް އިން ވަނީ ހެލިކޮޕްޓަރުގެ އެހީގައި ހޮޓަލުގެ ފުރާޅު މައްޗަށް ފައިބައިފަ އެވެ. އިންޓީރިއާ މިނިސްޓްރީން ބުނީ ހޮޓަލުގެ ސެކިއުރިޓީ އަމިއްލަ ކުންފުންޏަކާ ހަވާލު ކުރުމަކީ ހެދުނު ގޯހެއް ކަމަށެވެ. އިންޓަކޮންޓިނެންޓަލް ކީ ނަމަވެސް އެއީ އެ ނަމުގެ ބައިނަލްއަގުވާމީ ޗެއިންއާ ގުޅުމެއް ހުރި ހޮޓަލެއް ނޫނެވެ. ހޮޓާ ހިންގަނީ އަފްޣާން ސަރުކާރުންނެވެ. އެ ހޮޓަލުގައި އާއްމުކޮށް ކައިވެނި ހަފުލާތަކާއި ބޮޑެތި ކޮންފަރެންސް އަދި ސިޔާސީ ބައްދަލުވުންތައް ބާއްވަ އެވެ.