21 ޖެނުއަރީ 2018 - 22:07

އަންކާރާ (ޖެނުއަރީ 21) - ތުރުކީގެ އެއްގަމު ސިފައިން ސީރިއާގެ އުތުރުން ބޯޑަރު ހުރަސްކޮށް ވަދެފައިވާ ކަމަށް ތުރުކީގެ ބޮޑު ވަޒީރު ބިނާލީ ޔިލްދިރިމް ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ތުރުކީ ސިފައިން ބޭނުން ވަނީ ބޯޑަރު ސަރަހައްދުން ކުރުދީ ހަނގުރާމަވެރިން ދުރުކުރުން ކަމަށެވެ. އެ ގޮތުން އެ ސަރަހައްދުގައި 30 ކިލޯ މީޓަރު (19 މޭލު) ގެ "ސޭފް ޒޯނެއް" ގާއިމް ކުރަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
ކުރުދީ ވައިޕީޖީއާ ދެކޮޅަށް އަފްރީން ސަރަހައްދުގައި ތުރުކީ ސިފައިންގެ އޮޕަރޭޝަން ފެށީ އިއްޔެ އެވެ. އެކަމަކު އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެމެރިކާ އިން ދަނީ ވައިޕީޖީ އަށް ތާއީދު ކުރަމުންނެވެ. ތުރުކީން ތުހުމަތުކުރާ ގޮތުގައި ވައިޕީޖީ އިން ދަނީ މަނާކޮށްފައިވާ ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ) އާ ގުޅުން ގާއިމް ކުރަމުންނެވެ.
އަފްރީން އަށް ތުރުކީ ސިފައިން ވަދެފައިވާކަން ވައިޕީޖީ އިން ދޮގު ކުރެ އެވެ. އެ ޖަމާއަތުން ބުނީ ތުރުކީގެ ކޮންމެ ހަމަލާއެއް ނާކާމިޔާބުކޮށް ފަހަތަށް ޖައްސާފައިވާ ކަމަށެވެ. އެކަމަކު ތުރުކީ ސިފައިން ބުނެފައި ވަނީ ކުރުދީ ހަނގުރާމަވެރިންގެ 153 އަމާޒަކަށް މިހާތަނަށް ވައިގެ ހަމަލާތައް ދީފައިވާ ކަމަށެވެ.