މި އަހަރު ވެސް އާ ތަރިން މަދެއް ނުވާނެ
މި އަހަރު ވެސް އާ ތަރިން މަދެއް ނުވާނެ

މިދިޔަ އަހަރަކީ ފިލްމީ ދާއިރާ އަށް އާ އެކްޓަރުންތަކެއް ނުކުތް އަހަރެކެވެ. އޭގެ ތެރެއިން ބައެއް ބަތަލާއިންނާއި ބައެއް ބަތަލުން ވަނީ ފިލްމްތަކުގެ ލީޑް ރޯލުން ވެސް ފެނިފަ އެވެ. މި އަހަރު ވެސް ގިނަ ފިލްމްތަކެއް ސިނަމާ އަށް އަންނަން ހުރި އިރު، މި އަހަރަކީ ވެސް ހަމަ ފާހަގަކޮށްލެވޭ އަދަދަކަށް އާ ތަރިން ނުކުންނާނެ އަހަރެއް ކަމަށް ގަބޫލު ކުރެ އެވެ.

މި އަހަރު ވެސް އާ ތަރިން މަދެއް ނުވާނެ
މި އަހަރު ވެސް އާ ތަރިން މަދެއް ނުވާނެ

އަހަރުގެ ފުރަތަމަ ފިލްމްގެ ބަތަލާއަކީ ވެސް އަލަށް ތައާރަފުވާ ބަތަލާއެކެވެ. ޔަގީނުން ވެސް މިއީ ދިވެހި ފިލްމްތަކަށް ލޯބި ކުރާ މީހުން އުފާ ވާނެ ކަމެކެވެ.

މި އަހަރު ވެސް އާ ތަރިން މަދެއް ނުވާނެ
މި އަހަރު ވެސް އާ ތަރިން މަދެއް ނުވާނެ

އަންނަ މަހުގެ 6 ގައި އަޅުވާ ސަސްޕެންސް ތުރިލާ "ދެވަންސޫރަ" އިން މަރިޔަމް ޝިފާ ފިިލްމީ ދާއިރާ އަށް އުދުއްސައި ގަންނަ އިރު، ކުރެވޭ އުންމީދުތައް ވެސް ބޮޑެވެ. ހާއްސަކޮށް އެ ފިލްމްގެ ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ޝިފާއާ ބެހޭ ގޮތުން ދައްކާފައި ހުރޮ ވާހަކަތަކުން، ޝިފާގެ އެކްޓިން ބަލައިލުމުގެ ޝައުގުވެރިކަން ބޮޑެވެ.

މި އަހަރު ވެސް އާ ތަރިން މަދެއް ނުވާނެ
މި އަހަރު ވެސް އާ ތަރިން މަދެއް ނުވާނެ

ޔޫއްޕެ ބުނެފައިވާ ގޮތުގައި ޝިފާއަކީ ފިލްމީ ދާއިރާގައި ސީރިއަސްކޮށް މަސައްކަތްކޮށްފި ނަމަ، ރާއްޖޭގެ އެންމެ ކުޅަދާނަ ބަތަލާއިންގެ ތެރޭގައި ހިމެނުނު މަރިޔަމް ނިޝާ ހޯދި ފަދަ މަގާމެއް ހޯދައިފާނެ ބަތަލާއެކެވެ.

މި އަހަރު ވެސް އާ ތަރިން މަދެއް ނުވާނެ
މި އަހަރު ވެސް އާ ތަރިން މަދެއް ނުވާނެ

އަހަރުގެ ކުރިއަށް ހުރި އެހެން ފިލްމްތަކަށް ބަލާ އިރު ޑާކް ރެއިންގެ "ގޮށްރާޅު" އަކީ ވަރަށް ގިނަ އަދަދެއްގެ އާ އެކްޓަރުން ފެނިގެން ދާނެ ފިލްމެކެވެ. މި ފިލްމަކީ އެއް ފިލްމަކުން އެންމެ ގިނަ އާ މޫނުތައް މި އަހަރު ފެނިގެން ދާނެ ފިލްމަށްވުން ވަރަށް ގާތެވެ. އަހުމަދު ޝިނާން ޑައިރެކްޓްކޮށް، އެޕްރީލް 5 ގައި ސިނަމާތަކަށް ގެންނަ "ގޮށްރާޅު" އާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމަކޮށްފައި ނެތަސް މިއީ އަހަރުގެ އުންމީދީ އެއް ފިލްމެވެ. ޑާކް ރެއިންގެ އެހެން ފިލްމްތަކާ އެއްގޮތަށް އެ މީހުންގެ ފެވަރިޓް އެކްޓަރު ޖުމައްޔިލް ނިމާލް (ޖުމަލް) އާ އެކު، ބޮޑު އާ ކާސްޓެއް ސްކްރީނުން ފެނުމަކީ "ގޮށްރާޅު" ގެ ތަފާތުކަން ވެސް ދައްކުވައި ދީފާނެ ކަމެކެވެ.

މިހާރު ޝޫޓިންގެ ބޮޑުގައި ނިންމާފައިވާ ޔޫއްޕެ ޑައިރެކްޓް ކުރާ "+40" އަކީ މުޅިން އާ ފަސް އެކްޓަރަކު ފެނިގެން ދާނެ ފިލްމެކެވެ. މި ފިލްމްގެ ޕްރިކްއެލްއިން ވެސް އާ ދެ މޫނެއް ތައާރަފުކޮށްފައިވާ އިރު، "+40" ގެ ބޮޑު އަދި ތަޖުރިބާކާރު ގިނަ އެކްޓަރުންނާ އެކު ސްކްރީން ހިއްސާ ކުރާ އެކްޓަރުންގެ ތެރޭގައި އާ ފަސް ބަތަލާއަކާއި ބަތަލަކު ހިމެނެ އެވެ. އޭގެ ތެރޭގައި ހުނޭޝާ އާދަމް ނަސީރު، އައިމިނަތު ޝަމްއާ (ޝަމް)، އައިމިނަތު ޒިޔާދާ، އިރްފާނާ އިބްރާހީމް އަދި ބައްސާމް އަހުމަދު ހިމެނެ އެވެ.

ބަތަލާ ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމް "ނިވައިރޯޅި" އަކީ ވެސް އާ އެކްޓަރަކު ތައާރަފު ވާނެ ފިލްމެއް ކަމަށް ބެލެވެ އެވެ. މޫމިން ފުއާދު ޑައިރެކްޓް ކުރާ ފިލްމާ ބެހޭ ގޮތުން އެ ފިލްމްގެ ބަތަލާ އަދި ޕްރޮޑިއުސަރު ނިއުމާ ބުނި ގޮތުގައި އަމާޒަކީ އާ އެކްޓަރަކު ތައާރަފު ކުރުމެވެ.

އަމްޖަދު އިބްރާހީމް (އަމްޖޭ) ގެ ލޯބީގެ ބިރުވެރި ފިލްމް "ރޭވުމުން" ގެ ބަތަލާއަކީ ވެސް އަލަށް ތައާރަފުވާ ޒުވާނެކެވެ. މުހައްމަދު މަނިކާ އެކު، މާޗްގައި ރިލީޒް ކުރަން ތާވަލްކޮށްފައިވާ ފިލްމްގައި ލީޑް ރޯލް ކުޅެފައި ވަނީ ހުނޭދާ އެވެ.

އާ ތަރިންގެ ލިސްޓަށް ދެން އިތުރުވާ އަނެއް ފިލްމަކީ ޅ. ނައިފަރުގެ ޓީމަކުން އުފައްދާ "މަރިޔަމް މާ" އެވެ. މި ފިލްމްގެ މުޅި ކާސްޓް އާ ވާނެ އެވެ. އެހެންވެ މީގައި ހުރި ފެންވަރާއި ތަރިންގެ އެކްޓިން ބަލާލަން އަންނަ މަހަށް މަޑުކޮށްލަން ޖެހެ އެވެ.

މި ފިލްމްތަކުގެ އިތުރަށް މި އަހަރު ރިލީޒްވާން އަދިވެސް ގިނަ ފިލްމްތަކެއް އެބަ ހުއްޓެވެ. އެހެންވެ އެ ފިލްމްތަކުގެ ކާސްޓުންގެ ތެރޭގައި ވެސް އާ އެކްޓަރުންތަކެއް ހިމެނިދާނެ އެވެ. ކަމުދާ ކަހަލަ ކިތައް ތަރިން މި އަހަރު ސިނަމާ އިން ފެނިދާނެތޯ ބަލާލަން ޖެހޭނީ މަޑުކޮށްލާށެވެ. އަހަރު އަދި ކިރިޔާ ފެށުނީ އެވެ.