"ގޫމަރް" ލަވައިން ދީޕިކާގެ ބަނޑު ފޮރުވައިފި
"ގޫމަރް" ލަވައިން ދީޕިކާގެ ބަނޑު ފޮރުވައިފި

"ޕަދްމާވަތު" އާ ދެކޮޅު ހަދައި ހަޅުތާލުކުރަމުންދާ މީހުން ހިތްހަމަނުޖެހުނު އެއް މަންޒަރަކީ "ގޫމަރް" ލަވައިގައި ފިލްމުގެ ބަތަލާ ދީޕިކާ ޕަދުކޯން ނަށާއިރު އޭނާގެ ބަނޑު ފެންނާތީ އެވެ. އަދި މިއީ ސެންސަރު ބޯޑުން ވެސް މައްސަލަ ޖެއްސި މަންޒަރަކަށްވި އެވެ.

މިހާރު ސެންސަރު ބޯޑުން މި ފިލްމު ފާސްކޮށްދީފައި ވާއިރު "ގޫމަރް" ލަވައިގައި ދީޕިކާގެ ބަނޑުވެސް ވަނީ ފޮރުވާފަ އެވެ. އިއްޔެ އަލުން ނެރުނު މި ލަވައިގެ އާ ވާޝަންގައި ދީޕިކާގެ ބަނޑެއް އެއްގޮތަކަށް ވެސް ނުފެނެ އެވެ. ކޮމްޕިއުޓަ ގްރެފިކްސްގެ ބޭނުންކޮށްގެން ބަނޑު ވަނީ ފޮރުވާފަ އެވެ. އެހެންވެ ޔޫޓިއުބުން މި ލަވަ ނަގައިފައެއް ނުވެ އެވެ.

އަދި ބައެއް ކްލޯސް-އަޕް މަންޒަރުތަކުގައި ދީޕިކާގެ މޫނަށާއި ހަށިގަނޑަށް ގެންނަ ހަރަކާތްތައް ވެސް އަލަށް ނެރުނު ލަވައިގައި ވަނީ އެޑިޓްކޮށްފަ އެވެ. ނަމަވެސް މި ވަރަކުން ވެސް ފިލްމާ ދެކޮޅުހަދާ މީހުން ހިތްހަމަޖެހޭ ވަރެއް ނުވެ އެވެ. އެމީހުން ބުނަނީ ރާޖްޕޫތު ރާނީން މި ކަހަލަ ވައްތަރުތައް ޖައްސާފައި އާއްމުންގެ ތެރޭގައި ނުނަށާނެ ކަމަށެވެ.

މިހާރު ބާންސާލީ ވަނީ މައްސަލަ ޖައްސާ ރާޖްޕޫތު ކަރްނީ ސޭނާގެ އިސް ވެރިންނަށް ޚާއްސަކޮށް ފިލްމު ބަލަން އައުމުގެ ދައުވަތު ފޮނުވާފަ އެވެ. ނަމަވެސް މި ދައުވަތު އެމީހުން ގަބޫލުކުރި ކަމެއް ނޭނގެ އެވެ. ކޮންމެ ގޮތެއް ހަދާފައި ވެސް ބާންސާލީ ބޭނުންވަނީ ފިލްމު ރިލީޒްކުރުމާ ވިއްދައިގެން ރާޖްޕޫތު ސޭނާއިން ހިންގަން އުޅޭ ހަމަނުޖެހުންތައް ހުއްޓުވާށެވެ.

"ޕަދްމާވަތު"ގެ މަސައްކަތް ފެށީއްސުރެ ފިލްމަށް ބޮޑެތި މައްސަލަތައް ކުރިމަތިވަމުން އައިސްފައިވެ އެވެ. އެއްފަހަރު ފިލްމުގެ ބޮޑު ސެޓަކާއި އެތަނުގައި ހުރި އަގުބޮޑު ކެމެރާތައް ވެސް ހަލާކުކޮށް ބާންސާލީ އަށް ވެސް ހަމަލަ ދީފައިވެ އެވެ. އަދި ފިލްމުގެ ސެޓެއްގައި ރޯކޮށް އެތަން އަނދާ އަޅިޔަށް ހަދާލާފައިވެ އެވެ.

މިހާރުވެސް ފިލްމާ ދެކޮޅަށް ހަމަނުޖެހުންތައް ހިންގާނެކަމުގެ އިންޒާރުތައް ދަނީ ދެމުންނެވެ. އަދި ހޮނިހިރު ދުވަހު އިންޑިއާގެ ސިނަމާއެއްގައި ވެސް މި މީހުން ވަނީ ރޯކޮށްލާފަ އެވެ.

"ޕަދްމާވަތު" ރިލީޒްކުރާ ދުވަސް ކަމަށްވާ މި މަހުގެ 25 ވަނަ ދުވަހު ވަރަށް ބޮޑަށް ހަމަނުޖެހުން ހިންގަން ރާޖްޕޫތު ސޭނާގެ އެކްޓިވިސްޓުން ދަނީ ތައްޔާރު ވަމުންނެވެ. ނަމަވެސް އިންޑިޔާ ސަރުކާރުން ބުނެފައިވަނީ ސިނަމާތައް ހިމާޔަތްކޮށްދޭނެ ކަމަށާއި ހަމަނުޖެހުން ހިންގަން ފުރުސަތު ނުދޭނެ ކަމަށެެވެ.