އަސީލްގެ މަރުގެ މައްސަލާގައި ދިފާއީ ހެކިން ހާޒިރުކުރަން ފަހު ފުރުސަތު ދީފި
އަސީލްގެ މަރުގެ މައްސަލާގައި ދިފާއީ ހެކިން ހާޒިރުކުރަން ފަހު ފުރުސަތު ދީފި

އަގޯރާ އެކްސްޕްރެސް ފިހާރަ ކައިރީގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި އަސީލް އަހުމަދުގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރާ މީހުންގެ ދިފާއީ ހެކިން ހާޒިރުކުރަން ފަހު ފުރުސަތެއްގެ ގޮތުން ހަތް ދުވަސް ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.

އިސްކަންދަރު ސްކޫލް ކުރިމަތިން އޮންނަ ދިދި ގޯޅި ތެރޭގައި ހުންނަ އަގޯރާ ފިހާރަ ކައިރީގައި އޮގަސްޓް، 2014 ގައި އަސީލަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރަނީ ހަ މީހެއްގެ މައްޗަށެވެ.

އެ މައްސަލާގައި ޓެރަރިޒަމްގެ ދައުވާކުރަނީ ގދ، ތިނަދޫ ސްވީޓްޑްރީމް، އަހުމަދު ނިމްޝާދާއި ހުޅުމާލޭ 10118، އަހުމަދު ޖައުފަރާއި ދަފްތަރު ނަމްބަރު 6566، އިސްމާއިލް ރިފާއު އާއި ގދ. ވާދޫ އާބަހާރުގޭ، އިހުސާން ރަޝީދުގެ އިތުރުން މ. ގޯލްޑްބާޑްލިލީ، ހަސަން އިސާމް މުހައްމަދު އަދި މއ. ރާޅުއެރިގޭ، ޝާރިފް ޝަރީފްގެ މައްޗަށެވެ.

އެ މައްސަލާގައި މިއަދުގެ އަޑުއެހުން ބޭއްވީ ދިފާއީ ހެކިންގެ ހެކިބަސް ނެގުމަށް ކަމަށްވިޔަސް ހެކިން ހާޒިރު ނުކުރެވޭތީ ހެކިބަސް ނެގޭ ގޮތެއް ނުވި އެވެ. ދައުވާލިބޭ ޖައުފަރުގެ ފަރާތުން ބުނީ ދިފާއީ ހެކިން ހާޒިރުކުރަން މިހާރު ބޭނުން ނުވާ ކަމަށެވެ.

އެކަމަކު ދެން ތިބި ފަސް މީހުންގެ ވަކީލް އަބްދުﷲ ހަސީން ވިދާޅުވީ ހެކިން ހާޒިރުކުރަން އިތުރު ފުރުސަތެއް ބޭނުންވާ ކަމަށެވެ. އޭނާ ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން ޝަރީއަތް މެދުކެނޑިފައި އޮތުމުން، ދިފާއީ ހެކިން ހެކިބަސް ދިނުމާ މެދު އިތުރަށް ވިސްނަން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށެވެ.

މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ ޝަރީއަތް މެދުކެނޑުނީ ހަސީން ސަސްޕެންޝަންގައި ހުރުމުން ކަމަށެވެ. ހެކިން ހާޒިރުކުރަން އިތުރު ފުރުސަތަކަށް ހަސީން އެދިވަޑައިގެންފައިވާތީ ގާޒީ ވަނީ އިތުރު ހަތް ދުވަހުގެ ފުރުސަތެއް ދެއްވައިފަ އެވެ. އެކަމަކު ފުރުސަތުގައި ހެކިން ހާޒިރު ނުކުރެވިއްޖެ ނަމަ އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށް ގާޒީ އާދަމް ވިދާޅުވި އެވެ.

ދިފާއީ ހެކިންގެ ހެކިބަސް ނަގާ އަޑުއެހުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހު އެވެ. އޭގެފަހުގައި އޮންނާނީ ޚުލާސާ ބަޔާން ހުށަހަޅާ އަޑުއެހުމާއި ހުކުމް ކުރާ މަޖިލީހެވެ.

ދައުވާލިބޭ މީހުން ބަންދުގައި ތިބޭތާ ގިނަ ދުވަސްތަކެއް ވެފައިވާތީ ބަންދަށް ލުޔެއް ދޭން ދިފާއީ ވަކީލުން އެދުނެވެ. އެކަމަކު ދައުލަތުން އެކަމަށް ދެކޮޅު ހެދި އެވެ. ދައުލަތުން ބުނީ އެ މީހުން ދޫކޮށްލައިފި ނަމަ މުޖްތަމައަށް ނުރައްކާވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ގާޒީ އާދަމް ނިންމެވީ މިވަގުތު ބަންދަށް ލުޔެއް ދެވެން ނެތް ކަމަށެވެ. ގާޒީ ވެސް ވިދާޅުވީ ބަންދަށް ލުޔެއް ދެވެން ނެތީ އެ މައްސަލައިގެ ބާވަތުން ކަމަށެވެ.

އަސީލްގެ މަރާ ގުޅިގެން އެ ހަ މީހުންގެ އިތުރުން ކުޑަ ދެ ކުއްޖެއްގެ މައްޗަށް ވެސް ދައުލަތުން ޖުވެނައިލް ކޯޓުގައި ދައުވާކުރި އެވެ. އެ ދެ ކުދިންގެ މައްޗަށް ކުށް ސާބިތުވެ، 13 އަހަރަށް ޖަލަށްލާން ޖުވެނައިލް ކޯޓުން 2016 ވަނީ ހުކުމްކޮށްފަ އެވެ.