އެމެރިކާ ސަރުކާރު ހުޅުވޭތޯ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން މަސައްކަތް ކުރަނީ
އެމެރިކާ ސަރުކާރު ހުޅުވޭތޯ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން މަސައްކަތް ކުރަނީ

ވޮޝިންޓަން (ޖެނުއަރީ 21) - ބަޖެޓް ފާސްނުވެ އެމެރިކާ ސަރުކާރު ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެވޭތޯ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން މިއަދު މަސައްކަތް ފަށައިފި އެވެ.

އެމެރިކާ ސަރުކާރުގެ އޮފީސްތައް މާދަމާ ހުޅުވޭ އިރު އެތައް ބަޔަކު ގޭގައި މަޑު ކުރަން ޖެހިދާނެ ކަމުގެ ބިރު އޮތް އިރު ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން މިހާރު ދަނީ މިރޭ ދަންވަރު އަނެއްކާ ވެސް ވޯޓެއް ނަގާ އަންނަ މަހު 16 އާ ހަމަށް ސަރުކާރު ހިންގޭނެ މަގެއް ފެނޭތޯ ބަލަމުންނެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ސެނެޓުގައި ނެގި ވޯޓު ފޭލްވެ ސަރުކާރު ހުއްޓުމަކަށް އައި ނަމަވެސް އެކަމުގެ އަސަރުތައް އަދި މާބޮޑަކަށް ނުފެނެ އެވެ. ބައެއް ޕާކްތަކާއި މޮނިއުމެންޓްތައް ބަންދު ކުރި ނަމަވެސް މާދަމާ ސަރުކާރު ހުޅުވަންވާ އިރަށް ސެނެޓުގެ މެންބަރުންގެ މެދުގައި އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ އެކަމުގެ ގެއްލުން ގިނަ ބަޔަކަށް ލިބޭނެ އެވެ.

ސަރުކާރު ހުއްޓުމަކަށް ގެނަައުމުގައި ރިޕަބްލިކަނުންނާއި ޑިމޮކްރެޓިކުން ދަނީ އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި ތުހުމަތުތައް އަޅުވަމުންނެވެ. ޑިމޮކްރެޓިކް މެންބަރުން އެންމެ ބޮޑަށް ޚިޔާލު ތަފާތުވެފައި ވަނީ އެމެރިކާގައި އުޅޭ "ޑްރީމާސް"ގެ 700،000 މީހުން ހިމާޔަތް ކުރަން ފައިސާ ހިމެނުމަށް ސަރުކާރުން ދެކޮޅު ހެދުމުންނެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ސަރުކާރުން ބުނަމުން ދަނީ ޑްރީމާސް އަކީ ގަވާއިދާ ޚިލާފަށް އެ ގައުމުގައި ދިރިއުޅެމުންދާ މީހުން ކަމަށެވެ. އަދި ގައުމީ ސަލާމަތާ ގުޅޭ ކަންކަމަށް ވުރެ ގަވާއިދާޚިލާފަށް އުޅޭ މީހުންގެ މަސްލަހަތު އިސްކުރުމުން ސަރުކާރުން ދަނީ ޑިމޮކްރެޓިކުންނަށް ފާޑު ކިޔަމުންނެވެ.

މިއީ ކޮންގްރެސް އާއި ވައިޓްހައުސްގެ ކޮންޓްރޯލް އެއްޕާޓީއަކަށް، ރިޕަބްލިކަން އަށް، ލިބި، ސަރުކާރު ހުއްޓުމަކަށް އައި ފުރަތަމަ ފަހަރެވެ. އެމެރިކާ ސަރުކާރު އެންމެ ފަހުން ހުއްޓުމަކަށް އައިސްފައި ވަނީ 2013 ވަނަ އަހަރު އެވެ. އެ ފަހަރު 16 ދުވަހަށް ސަރުކާރު ހުއްޓުމުން ވަޒީފާ އަށް ނުގޮސް 800،000 މީހުން ގޭގައި މަޑުކުރަން ޖެހުނެވެ. ނަވާރަ ސަތޭކަ ނުވަ ދިހަ ވަނަ އަހަރުގެ ފަހުން އެމެރިިކާ ސަރުކާރު ވަނީ މި ގޮތަށް ހަތަރު ފަހަރެއްގެ މަތިން ހުއްޓުމަކަށް އައިސްފަ އެވެ.

އެމެރިކާ ސަރުކާރުގެ އެޖެންސީތަކަށް ބޭނުންވާ ފަންޑް ކޮންގްރެސް އިން ފާސްކޮށް ނުދީފި ނަމަ އެ ތަންތަން ބަންދު ކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެ އެވެ. އޭގެ ތެރޭގައި ނޭޝަނަލް ޕާކްތަކާއި މޮނިއުމެންޓްތައް ވެސް ހިމެނެ އެވެ. ނަމަވެސް އަސާސީ ޚިދުމަތްތައް ކުރިއަށް ދާނެ އެވެ. އޭގެ ތެރޭގައި ގައުމީ ސަލާމަތީ ގުޅޭ ކަންކަމާއި ޕޯސްޓުގެ ޚިދުމަތާއި އެއާ ޓްރެފިކް ކޮންޓްރޯލާއި އިމްޕޭޝަންޓް މެޑިކަލް ޚިދުމަތާއި އިމަޖެންސީ އައުޓްޕޭޝަންޓް މެޑިސިން، ޑިޒާސްޓާ އެހީ، ޖަލުތައް، ޓެކްސް އަދި އިލެކްޓްރިސިޓީގެ ޚިދުމަތް ހިމެނެ އެވެ. ވިސާ އާއި ޕާސްޕޯޓުގެ ޚިދުމަތަށް ވެސް މަޑުޖެހުން އަންނާނެ އެވެ.