22 ޖެނުއަރީ 2018 - 06:09

އާމިރު ޚާން ޕްރޮޑިއުސްކޮށް އޭނާ އެކްޓްކޮށްފައިވާ "ސީކްރެޓް ސުޕަސްޓާ" ޗައިނާގައި ރިލިޒްކުރިތާ އެންމެ ދެ ދުވަހުގެ ތެރޭގައި އިންޑިއާއިން މި ފިލްމަށް ލިބުނު ވަރަށް ވުރެ ގިނައިން ހޯދައިފި އެވެ.
ޗައިނާގައި މި ފިލްމަށް ދެ ވަނަ ދުވަހު އެކަނިވެސް 10.45 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ.
ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ކުރި ޓުވީޓެއްގައިވާ ގޮތުން "ސީކްރެޓް ސުޕަސްޓާ"އަށް އިންޑިޔާއިން ލިބުނު ވަރަށް ވުރެ ގިނައިން ޗައިނާއިން ދެ ދުވަހުގެ ތެރޭގައި ވަނީ ލިބިފަ އެވެ.
ތަރަން ބުނި ގޮތުގައި ޗައިނާގެ ބެލުންތެރިން އާމިރު ޚާންގެ "ދަންގަލް" އަށް ވުރެ ވެސް މަތީ ރޭޓިންގްސް "ސީކްރެޓް ސުޕަސްޓާ" އަށް ވަނީ ދީފަ އެވެ.
"ޗައިނާގައި އާދަޔާޚިލާފު ބޮޑު ތަރުހީބެއް ސީކްރެޓް ސުޕަސްޓާ އަންނަނީ ހޯދަމުން. ފިލްމު ރިިލީޒްކުރި ފުރަތަމަ ދުވަސް ކަމަށްވާ ހުކުރު ދުވަހު 6.86 މިލިއަން ޑޮލަރު މި ފިލްމު ހޯދި. އަދި ދެ ވަނަ ދުވަހު 10.45 މިލިއަން ޑޮލަރު ވަނީ ހޯދާފައި. އެހެންކަމުން ދެ ދުވަހުން ޖުމްލަ 17.31 މިލިއަން ޑޮލަރު ވަނީ ލިބިފައި،" ތަރަންގެ ޓުވީޓްގައި ބުނެފައިވެ އެވެ.
ޓްރޭޑް އެނަލިސްޓް ލަފާ ކުރާ ގޮތުގައި އާދިއްތަ ދުވަހު ވެސް "ސީކްރެޓް ސުޕަސްޓާ"ގެ ވިޔަފާރި ޗައިނާގައި ވަރަށް ރަނގަޅުވާނެ އެވެ.
މިހާރު ބެލެވޭ ގޮތުން އާމިރުގެ "ދަންގަލް" ހަދާފައިވާ ރެކޯޑްތައް ވަރަށް އަވަހަށް "ސީކްރެޓް ސުޕަސްޓާ"އިން މުގުރާލާނެ އެވެ. "ދަންގަލް" އަށް ޗައިނާ އިން 200 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ.