21 ޖެނުއަރީ 2018 - 11:37

ރޯމް (ޖެނުއަރީ 21) – ބޮސްނިއާ ފޯވާޑް އެޑިން ޖެކޯ ޗެލްސީ އަށް ބަދަލުވެއްޖެ ނަމަ އޭނާގެ ބަދަލުގައި އޭއެސް ރޯމާ އިން ގެނައުމުގެ ފުރުސަތު ބޮޑީ ލިވަޕޫލުގެ ފޯވާޑް ޑެނިއަލް ސްޓަރިޖް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އިޓަލީގެ ވަރަށް ގިނަ މީޑިއާތަކުން ބުނާ ގޮތުގައި ޖެކޯގެ އިތުރުން ރޯމާގެ އެމަސަން ޕަލްމިއެރީގެ ޑީލް ޗެލްސީން މާދަމާ ނުވަތަ އަންގާރަ ދުވަހު ނިންމާނެ އެވެ.
ޖެކޯގެ ބަދަލުގައި ކުޅެން ޗެކް ރިޕަބްލިކުގެ ޒުވާން ފޯވާޑް ޕެޓްރިކް ޝީކް ވެސް ރޯމާގައި އެބަހުއްޓެވެ. އެކަމަކު ވެސް އިތުރު ފޯވާޑެއް ގެންނާނެ ކަމަށް ބެލެވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޑީލުގެ ބަޔެއްގެ ގޮތުގައި ޗެލްސީގެ ފޯވާޑް މިޝީ ބަޓްޝުއާއީ ލޯނެއްގެ ދަށުން ގެންނަން ރޯމާ ބޭނުމެއް ނުވެ އެވެ. އެ ޓީމުން ބޮޑަށް ވިސްނުން ހުރީ ސްޓަރިޖަށެވެ. އުމުރުން 28 އަހަރުގެ ސްޓަރިޖަކީ ޖެކޯ ސްޓައިލުގެ ސެންޓަ ފޯވާޑެކެވެ. އެކަމަކު އަނިޔާގެ ސަބަބުން އެންމެ ރަނގަޅު ކުޅުން ދެއްކިފައެއްނުވެ އެވެ.
އިންޓަ މިލާނަށް ވެސް ސްޓަރިޖް އޭނާގެ ހިދުމަތް ހުށަހެޅި ކަމަށް ވެ އެވެ. އެކަމަކު އެ ޓީމުން އޭނާ ގެންނަން އެހާ ބޮޑަށް ގެންނަން ބޭނުންނުވާ ކަމަށް ރިޕޯތްތައް ބުނެ އެވެ.
ޗެލްސީން އާ ފޯވާޑެއް ގެންނަނީ ސްޕެއިން ފޯވާޑް އަލްވާރޯ މޮރާޓާގެ ފޯމް ދަށްވެފައިވުމާ އެކު އެވެ. އެ ޓީމުން ސްޓޯކް ސިޓީގެ ޕީޓާ ކްރައުޗާއި ވެސްޓް ހޭމް ޔުނައިޓެޑުގެ އެންޑީ ކެރޯލް ގެންނަން ވެސް މަސައްކަތްކުރި ކަމަށް ރިޕޯތްތައް ބުނެ އެވެ. އެ ޓީމުން މިހާރު ގެންނަން ބޭނުންވާ ޖެކޯ ވަނީ ކުރިން ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އަށް ކުޅެފަ އެވެ.