21 ޖެނުއަރީ 2018 - 14:20

މިއަހަރުގެ ފިލްމްފެއާ އެވޯޑު ދިނުމުގެ ކުލަގަދަ ހަފުލާ ހޮނިހިރު ދުވަހުގެ ރޭ ވަނީ ބާއްވާފަ އެވެ. ގިނަ އަދަދެއްގެ ފިލްމީ ތަރިން ބައިވެރިވި މި ހަފުލާގެ ހޯސްޓަކީ ޝާހްރުކް ޚާނެވެ.
މިއަހަރު ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ލިބިފައިވަނީ ކުރީގެ މަޝްހޫރު ފިލްމީ ބަތަލާ މާލާ ސިންހާ އަށާއި މިއުޒިކް ޑައިރެކްޓަރު ބައްޕީ ލެހެރީ އަށެވެ. ގިނަ އެވޯޑުތަކެއް ހާސިލުކޮށް މި ހަފުލާގައި އެންމެ ވިދާލި ފިލްމުތަކުގެ ތެރޭގައި "ޖައްގާ ޖާސޫސް"، "ޓައިގާ ޒިންދާ ހޭ"، "އަ ޑެތު އިން ދަ ގޫންޖް"، "ބަރީލޭ ކީ ބަރްފީ" އަދި "ހިންދީ މީޑިއަމް" ހިމެނެ އެވެ.
އެންމެ މޮޅު ފިލްމުގެ ޕޮޕިއުލާ އެވޯޑު ގެންދިޔައީ "ހިންދީ މީޑިއަމްސް" އެވެ. ކްރިޓިކްސް ޗޮއިސް އެވޯޑު ލިބުނީ ރާޖްކުމާރު ރާއޯގެ "ނިއުޓަން" އަށެވެ.
އެންމެ މޮޅު ބަތަލާގެ ޕޮޕިއުލާ އެވޯޑު "ތުމްހާރީ ސޫލޫ" އިން ވިދްޔާ ބާލަން އަށް ލިބުނުއިރު މި ކެޓަގަރީން ކްރިޓިކްސް ޗޮއިސް އެވޯޑު ލިބުނީ "ސީކްރެޓް ސުޕަސްޓާ" އިން ޒާއިރާ ވަސީމަށެވެ.
އެންމެ މޮޅު ބަތަލުގެ ޕޮޕިއުލާ އެވޯޑު "ހިންދީ މީޑިއަމް" ކުޅެގެން އިރްފާން ޚާނަށް ލިބުނުއިރު ކްރިޓިކްސް ޗޮއިސް އެވޯޑު ގެންދިޔައީ "ޓްރެޕްޑް" އިން ރާޖްކުމާރު ރާއޯ އެވެ.
އެންމެ މޮޅު ޑައިރެކްޓަރުގެ ފިލްމްފެއާ އެވޯޑު މިފަހަރު ގެންދިޔައީ "ބަރީލޭ ކީ ބަރްފީ" ގެ ޑައިރެކްޓަރު އަޝްވިނީ އައްޔަރް ތިވާރީ އެވެ.
ރާޖްކުމާރު ރާއޯ އަށް ދެ އެވޯޑެއް ލިބިފައިވެ އެވެ. އެއީ އެންމެ މޮޅު އެކްޓަރުގެ އެވޯޑާއި އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑެވެ. ސަޕޯޓިން އެކްޓަރުގެ އެވޯޑު އޭނާއަށް ލިބުނީ "ބަރީލޭ ކީ ބަރްފީ" އިންނެވެ. މި ކެޓަގަރީގެ އަންހެން ބައިން އެވޯޑު ގެންދިޔައީ "ސީކްރެޓް ސުޕަސްޓާ"ގެ މަންމަގެ ރޯލު ކުޅުނު މެހެރް ވިޖް އެވެ.
އެންމެ މޮޅު އޮރިިޖިނަލް ވާހަކައަކަށް ހޮވުނީ އަމިތު މަސުރްކަރްގެ "ނިއުޓަން" އެވެ. އެންމެ މޮޅު މިއުޒިކް ޑައިރެކްޓަރަށް ހޮވުނީ "ޖައްގާ ޖާސޫސް" އިން ޕްރީތަމް އެވެ.
އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާގެ އެވޯޑު ލިބުނީ އަރިޖީތު ސިންގަށެވެ. "ބަދްރީނާތު ކީ ދުލްހަނިޔާ"ގެ 'ރޯކް ނާ ސަކޭ ނައިނާ' ކިޔައިގެންނެވެ.
އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާގެ މަގާމު ލިބުނީ "ސީކްރެޓް ސުޕަސްޓާ"ގެ 'ނަޗްދި ޕިރާ' ކިޔައިދިން މެގްނާ މިޝްރާ އަށެވެ.
ފިލްމްފެއާ އެވޯޑު މިއަހަރުން ފެށިގެން ދައްކާނީ ކަލާޒް ޗެނަލުންނެވެ.