09 ފެބުރުއަރީ 2018 - 06:41

ޒީނަތްތެރިވުމަށް ބޭނުންކުރާ އެކި ވައްތަރުގެ ކޮސްމެޓިކްސް އިން އަންހެނުންގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިން ނަމަވެސް އެއިން ލިބިދާނެ ގެއްލުމަކާ މެދު މާ ބޮޑަކަށް ވިސްނައެއް ނުލެވެ އެވެ.
މިކަމާ ގުޅޭގޮތުން ވަރަށް ގިނަ ހޯދުންތައް މި ފަހަކަށް އައިސް ވަނީ ހޯދައިފަ އެވެ. ކޮސްމެޓިކްސް ޕްރޮޑަކްޓްސްގެ ސައިޑްއިފެކްޓްސްތަކުން ލިބޭ ގެއްލުންތައް މި ހޯދުންތަކުން ވަނީ ހާމަވެފަ އެވެ. ކޮސްމެޓިކްސް އަދި ބިއުޓީ ޕްރޮޑަކްޓްސްގައި ބޭނުންކޮށްފައި ހުންނަ ކެމިކަލްސްތަކުން ދިމާވާ ސައިޑްއިފެކްޓްސްތައް އެންމެ ބޮޑަށް ފޯރަނީ ހޯމޯންސް އަށާއި އަންހެނުންގެ ދަރިމައިވުމުގެ ނިޒާމަށެވެ.
ދަރިމައިވުމުގެ ނިޒާމުގެ ފަރުވާތައް ހޯދުމުގެ ދާއިރާގައި މިހާރު އެންމެ ގަދަޔަށް ބަހުސްކުރެވޭ މައުލޫއަކީ ތިމާވެށީގައި ހުންނަ ކެމިކަލްތަކުން، ދަރިމައިވުމުގެ ނިޒާމުގެ މަސައްކަތަށް ކުރާ ނޭދެވޭ އަސަރުގެ ވާހަކަ އެވެ.
ކޮސްމެޓިކްސްގެ ތެރޭގައި ހިމެނޭ ނެއިލް ޕޮލިޝް، އެެންޓި-ބެކްޓީރިއަލް ސައިބޯނި، އެންޓި-އޭޖިން ކްރީމް، ހެއާ ސްްޕްރޭ އަދި ސެންޓުގައި ވިހަ ކެމިކަލްތައް ހުންނާތީ އަންހެނުންގެ ދައިމައިވުމުގެ ނިޒާމަށް މިފަދަ އެއްޗެހިން ހީނުކުރާ ވަރުގެ ގެއްލުން ލިބެމުން ދެ އެވެ.
"ފާއިތުވެ ދިޔަ އަހަރުތަކުގައި އެންޑޯކްރައިން އަށް ހުރަސްތައް ކުރިމަތިވާ ކެމިކަލްސްތަކުން އޯވަރީގެ މަސައްކަތް ރަނގަޅަށް ކުރުމަށް ހުރަސްތައް މެދުވެރިވާކަން ވަނީ ސާބިތުވެފައި. މިކަމުގެ ސަބަބުން ދަރިން ނުލިބުމާއި ބައިގެން ދިއުމަށް މެދުވެރިވޭ،" އިންޑިއާގެ ނިއުދިއްލީގެ އިންދިރާ އައިވީއެފް ހޮސްޕިޓަލުގެ އަންހެނުންގެ ޚާއްސަ ޑޮކްޓަރު ނިތާޝާ ގުޕްތާ ވިދާޅުވި އެވެ.
ސައިބޯނި އަދި ޚާއްސަކޮށް ޖަރާސީމު މަރާލާ އެންޓި-ބެކްޓީރިއަލް ސައިބޯންޏަކީ އަންހެނުން ދަރިމައިވުމުގެ ފުރުސަތު ނެތިކޮށްލާ އެއްޗެއް ކަމަށާއި އެންޓި-ބެކްޓީރިއަލް ސައިބޯނީގައި ޓްރައިކްލޮސެން ކިޔާ ކެމިކަލެއް އެކުލެވިގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނިޔަފަތީގައި ޖައްސާ ކުލައަކީ ވެސް ވަރަށް ގިނަ ވައްތަރުގެ ކެމިކަލްތައް ބޭނުންކޮށްފައި ހުންނަ އެއްޗަކަށް ވާތީ ނިޔަފަތީގައި ކުލަޖެއްސުމަކީ ދަރިން ނުލިބުމާއި ބަލިވެ އިނދެ ބައިގެން ދިއުން އަދި ލިބޭ ދަރިންގެ އައިބު ހުރުން ފަދަ މައްސަލަތައް ދިމާވާނެ ކަމެކެވެ.
ފެލޭޓްސް އަކީ ވެސް އަންހެނުންނާއި ފިރިހެނުންނަށް ވެސް ދަރިން ނުލިބުމުގެ މައްސަލަތައް ކުރިމަތިކުރުވާ އެއްޗެކެވެ. ބިއުޓީ ސެލޫންތަކުގައި މަސައްކަތްކުރާ މީހުންނަށް ވެސް މިފަދަ ކެމިކަލްތައް އެކުލެވޭ އެއްޗެތި އަބަދު ގެންގުޅެން ޖެހޭތީ ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އިރުޝާދު ދެ އެވެ.
ނިޔަފަތީގައި ޖައްސާ ކުލަ ފިލުވަން ހުންނަ ޕޮލިޝް ރިމޫވާ އަކީ އަދި މާ ނުރައްކާތެރި ކެމިކަލްތައް ހުންނަ އެއްޗެކެވެ. މީގައި ހުންނަ އެކި ވައްތަރުގެ ކެމިކަލްތަކުން ދަރިމައިވުމުގެ ނިޒާމުގެ އިތުރުން ނާރުތަކުގެ ނިޒާމަށް ވެސް މައްސަލަތައް ކުރިމަތިވެ އެވެ.
މިފަދަ ކެމިކަލްތަކަށް އިންސާނާގެ ހަށިގަނޑު ހުށަހެޅިފައި ވުމަކީ ދަރިން ނުލިބުމުގެ މައްސަލަތަކުގެ އިތުރުން ބަލިވެ އިނަސް ބައިގެން ދިއުމާއި ލިބޭ ދަރިންގެ އައިބުތައް ހުރުން ފަދަ ކަންތައްތައް ކުރިމަތިވާ ކަމެކެވެ.