25 ޖެނުއަރީ 2018 - 08:24

ތިމާ ހުރި ތަނުގެ ލޮކޭޝަން އަންގާލުމަކީ ބައެއް މީހުން ވަރަށް ގަޔާވާ ކަމެކެވެ. ޚާއްސަކޮށް ރީތި، މަޝްހޫރު ތަނަކަށް ދެވިއްޖެ ނަމަ ކޮންމެހެން ވެސް "ޗެކް-އިން"ކޮށްލާ އިންސްޓަގްރާމްކޮށްލަން ޝައުޤުވެރިވެއެވެ.
އެންޑްރޮއިޑްގެ އާ އެޕަކުން އެމީހަކު ހުރި ލޮކޭޝަން، ތިމާގެ އަމިއްލަ ވޯލްޕޭޕާއަށް ނަގައިދެއެވެ.
ސްކައިލައިން އެޕުން ނަގާ ލޮކޭޝަންގެ ފޮޓޯއަކީ މެޕްބޮކްސްގެ ތްރީޑީ ފޮޓޯއެކެވެ. މިއީ ފަރުބަދަތަކާއި ކޯރުތަކާއި އަޑިގުޑަންތަކާއި ކަނޑާއި ފަޅުގެ ސާފު ރީތި މަންޒަރުތައް ދައްކައިދޭ ގޮތަށް ހުންނަ ފޮޓޯތަކެކެވެ. ތިމާ ހުރި ތަނުގެ ފޮޓޯ އަމިއްލައަށް ބަލައިލާއިރު އިތުރަށް ސާފުކޮށްލަން ބޭނުން ނަމަ ޒޫމް ވެސް ކުރެވެއެވެ. ފޯނު އަންލޮކްކޮށްލައިގެން ބަލާއިރު އަދި މާ ޗާލެވެ. ފޯނު ގޮތްގޮތަށް، ކޮޅުކޮޅަށް އަނބުރައިގެން ބަލައިލަންވީއެވެ.
ސްކައިލައިން އެޕްގައި އެހެން ތަންތަން ވެސް ވޯލްޕޭޕާއަށް ނަގައިދެއެވެ. މަންޒަރު ބަދަލުކޮށްލަން ބޭނުމިއްޔާ ދުނިޔޭގެ ކޮންމެވެސް އެހެން ތަނެއް އިޚުތިޔާރުކޮށްގެން ވޯލްޕޭޕާއަށް ލާންވީއެވެ. ގޫގްލް ޕްލޭ ސްޓޯރުގައި ސްކައިލައިން އެޕް ވިއްކަން ހުރީ 1.99 ޑޮލަރަށެވެ.