21 ޖެނުއަރީ 2018 - 11:38

ކޮލަމްބޯ (ޖެނުއަރީ 21) - ސްރީ ލަންކާގެ އިގްތިސާދީ ހުރިހާ ކަމެއް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހާގެ ބާރުގެ ދަށުން ނަގާ އެ ހުރިހާ ކަމަކާ ރައީސް މައިތުރިޕާލާ ސިރިސޭނާ ހަވާލުވެވަޑައިގެންފައިވާ ކަމަށް އެމަނިކުފާން އިއްޔެ އިއުލާން ކުރައްވައިފި އެވެ.
ސިރިސޭނާ ވިދާޅުވީ އިގްތިސާދީ ޚާއްސަ ކައުންސިލެއްގެ ބެލުމުގެ ދަށުން އިގްތިސާދީ ހުރިހާ ކަމެއް ހިންގާ އިރު އެ ކައުންސިލްގެ އިސްވެރިއަކަށް ހުންނަވާނީ އެމަނިކުފާން ކަމަށެވެ. މިއީ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ލީޑަރު ރަނިލް އާއި ސިރިސޭނާއާ ދެމެދު އޮތް ކޯލީޝަން ގުޅުން އިތުރަށް ހީނަރުވެފައިވާކަން އަންގައިދޭ ނިންމުމެކެވެ.
"ވޭތުވެދިޔަ ތިން އަހަރު އިގްތިސާދާ ގުޅޭ ހުރިހާ ކަމެއް ޔޫއެންޕީން ހިންގި ނަމަވެސް މި މަހުން ފެށިގެން އިގްތިސާދީ ހުރިހާ ކަމެއް ކުރިއަށް ގެންދާނީ ރައީސް ސިރިސޭނާގެ ބެއްލެވުމުގެ ދަށުން،" ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ޔޫއެންޕީއާ އެކު ޖެނުއަރީ 2015 ގައި ސިރިސޭނާ ކޯލީޝަން ހެއްދެވީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ވެރިކަން ނިމުމަކަށް ގެނައުމަށެވެ. އެކަމަކު އިގްތިސާދީ ކަންކަމާ މެދު ރަނިލް އާއި ސިރިސޭނާއާ މެދު ދަނީ ޚިޔާލު ތަފާތުވުންތައް ބޮޑުވަމުންނެވެ.
ސިރިސޭނާގެ ނިންމެވުމާ ގުޅިގެން ރަނިލްގެ ފަރާތުން ކޮމެންޓް ކުރައްވައިފައެއް ނުވެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ސިރިސޭނާ މި ގޮތަށް ނިންމެވީ ވަރަށް ހޫނު ޒުވާބުތަކެއް ކުރި ކެބިނެޓުގެ ބައްދަލުވުމަކަށް ފަހު ކަމަށެވެ. އެ ބައްދަލުވުމުގައި ސިރިސޭނާ ވަނީ ޔޫއެންޕީން އެމަނިކުފާނާ ދެކޮޅަށް މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ.
ސިރިސޭނާގެ ވެރިކަމުގެ ދައުރުގެ މުއްދަތު ހަ އަހަރަށް ހެދިދާނެތޯ ބެލުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ހިސާބުން ވަނީ ކޯލީޝަނުގެ ގުޅުން އިތުރަށް ގޯސްވެފަ އެވެ. ޔޫއެންޕީން ބުނެފައި ވަނީ އާއްމު އިންތިޚާބު 2020 ގައި ބާއްވަން ޖެހޭނެ ކަމަށެވެ.
ސިރިސޭނާ މިހާރު ގެންދަވަނީ ރާޖަޕަކްސާގެ ސަރުކާރަށް ވުރެ ޔޫއެންޕީ ކޮރަޕްޓް ކަމަށް ފާޅުގައި ވިދާޅުވަމުންނެވެ.